Roadha Mihaaru
"މަޝްރޫއުތަކުން އެކްސްޗޭންޖު ރޭޓަށް އަސަރު ކުރާނެ"

މަޝްރޫއުތަކާ ހެދި އެކްސްޗޭންޖު ރޭޓަށް ނޭދެވޭ އަސަރު ކުރާނެ: ގަވަރުނަރު

15 ނޮވެމްބަރ 2020

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ޓޫރިޒަމް ހީނަރު ވެފައިވާތީ، ރާއްޖޭގައި ބޭރު ފައިސާގެ ބާޒާރަށް ބޮޑު ހީނަރު ކަމެއް އައިސްފައިވާ ކަމަށާއި މި ހާލަތުގައި ކެޕިޓަލް މަޝްރޫއުތަކަށް ބޭރު ފައިސާ ހޯދަން ޖެހިއްޖެ ނަމަ ރާއްޖޭގެ ފޮރިން އެކްސްޗޭންޖު ރޭޓަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ޓޫރިޒަމް ހީނަރު ވެފައިވާތީ، ރާއްޖޭގައި ބޭރު ފައިސާގެ ބާޒާރަށް ބޮޑު ހީނަރު ކަމެއް އައިސްފައިވާ ކަމަށާއި މި ހާލަތުގައި ކެޕިޓަލް މަޝްރޫއުތަކަށް ބޭރު ފައިސާ ހޯދަން ޖެހިއްޖެ ނަމަ ރާއްޖޭގެ ފޮރިން އެކްސްޗޭންޖު ރޭޓަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ގަވަރުނަރު ވިދާޅުވީ، ޓޫރިޒަމް ހީނަރުވުމުން ބޭރު ފައިސާގެ ބާޒާރަށް މިހާރު ވެސް ބޮޑެތި ނޭދެވޭ އަސަރުތައް ކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ޕްރޮޖެކްޓްތަކަށް ބޭނުންވާ ބޭރު ފައިސާ ލިބޭނެ ގޮތެއް ކަށަވަރު ނުކޮށް، ޕްރޮޖެކްޓްތައް ނުފަށަން ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ބާރުއަޅަން އެދިވަޑައިގަންނަވާ ކަމަށެވެ.

އެކްސްޗޭންޖު ރޭޓަށް ނޭދެވޭ އަސަރެއް ނުކުރާނެ ގޮތަކަށް، މަަޝްރޫއުތައް ކުރިއަށް ގެންދަން ގަވަރުނަރު ވެސް އެދިވަޑައިގަތެވެ. ކޮވިޑް-19 އާ ހެދި އަންނަ އަހަރު ވެސް ރާއްޖޭގެ އިގުތިސާދު ރަނގަޅު ނުވެއްޖެ ނަމަ ސަރުކާރުގެ ކޭޝްފްލޯ މެނޭޖު ކުރަން ދަތިވެ މަޝްރޫއުތައް ނުހިންގޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބަޖެޓާ ބެހޭ ގޮތުން މަޖިލީހަށް ލަފާދޭން އެމްއެމްއޭ އިން އެކުލަވައިލި ކަރުދާސް ހުށަހަޅުއްވަމުން އަލީ ހާޝިމް ވިދާޅުވި އެވެ.

"ނަމަވެސް އަންނަ އަހަރު ވެސް ދައުލަތުގެ ބަޖެޓްގައި ކަނޑައެޅިފައި ވަނީ ދައުލަތުގެ އާމްދަނީ އާއި ރާއްޖޭގެ އިގުތިސާދީ ހާލަތާ ނުބައްދަލު ބޮޑެތި މަޝްރޫއުތަކެއް،" ގަވަރުނަރު ވިދާޅުވި އެވެ.

ގިނަ މަޝްްރޫއުތައް ހިންގަން ރާވާފައި ވަނީ ދަރަނި ނަގައިގެން ކަމަށް ވާތީ، އެގޮތަށް ފައިސާ ހޯދުުމުގައި ކޮންސިޝަނަލް ފައިނޭންސިން އަށް އިސްކަަން ދިނުމަށް އޭނާ އެދިވަޑައިގަތެވެ. ޚާއްސަކޮށް އިޖުތިމާއީ، ތިމާވެށީގެ މަޝްރޫއުތަކަށް ކޮންސިޝަނަލް ފައިނޭންސިން ހޯދުމަކީ ގަވަރުނަރުގެ އެދިވަޑައިގަތުމެކެވެ.

ގަވަރުނަރު އަލީ ހާޝިމާއި އެމްއެމްއޭގެ އެހެން އިސް އޮފިޝަލުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީއަށް މިއަދު މައުލޫމާތު ދެއްވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގަވަރުނަރު އަލީ ހާޝިމާއި އެމްއެމްއޭގެ އެހެން އިސް އޮފިޝަލުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީއަށް މިއަދު މައުލޫމާތު ދެއްވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކޮންސިޝަނަލް ފައިނޭންސިން ހޯދޭނެ މަގުތައް ވެސް އެމްއެމްއޭ އިން ދައްކައިދިނެވެ. ވޯލްޑް ބޭންކާއި އަައިއެމްއެފުން އަންނަ އަހަރު ގްރީން ފައިނޭންސިން އާއި ބްލޫ ފައިނޭންސިންގެ ސްކީމްތަކެއް ތައާރަފު ކުރާނެ ކަމަށް ބުނެފައިވާ ކަމަށާއި އެ ސްކީމްތަކުން ފައިސާ ހޯދުން މުހިއްމު ކަމަށް އަލީ ހާޝިމް ވިދާޅުވި އެވެ.

"މިހާރު ބޮންޑު ނޫނީ ސުކޫކަށްް ބަރޯސާ ވެގެން ކުރިއަށް ގޮސްފިއްޔާ ފައިނޭންސިން ލިބޭ އިންޓަރެސްޓް ރޭޓްތައް މަތިވެގެން ދާނެ ކަމަށް އަޅުގަނޑުމެންނަށް ފެނޭ،" އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ދައުލަތުގެ ޖުމުލަ އާމްދަނީ އަށް ވުރެ އިތުރަށް 15 ބިލިއަން ރުފިޔާ ހަރަދުކުރަން ހިމަނާފައި ވެ އެވެ. އެހެންވެ، ދައުލަތުގެ ދަރަނި ބޮޑުތަނުން އިތުރުވާނެ ކަމަށާއި އެގޮތަށް ކަންތައް ކުރާނެ ފިސްކަލް ސްޕޭސް (އިތުރު ކަމަކަށް ދަރަންޏަށް ފައިސާ ހޯދަން އޮންނަ ޖާގަ) ކުޑަވާނެ ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ.