Roadha Mihaaru
ބޮޑެތި މަޝްރޫއުތަކަށް ފައިސާ ހުރީ ހަމަޖެހިފައި: އަމީރު

ބަޖެޓުގައި ހުރި ބޮޑެތި މަޝްރޫއުތަކަށް މިހާރު ވެސް ފައިސާ ހުރީ ހަމަޖެހިފައި: އަމީރު

16 ނޮވެމްބަރ 2020

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ބޮޑެތި ހުރި ބޮޑެތި މަޝްރޫއުތަކަށް މިހާރު ވެސް ހުރީ ފައިސާ ހަމަޖެހިފައި ކަަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ބޮޑެތި ހުރި ބޮޑެތި މަޝްރޫއުތަކަށް މިހާރު ވެސް ހުރީ ފައިސާ ހަމަޖެހިފައި ކަަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ބޮޑެތި މަޝްރޫއުތައް މި ވަގުތަށް މަޑުޖައްސާލައި، އާމްދަނީ އިތުރުވުމުން އެ މަޝްރޫއުތައް ކުރިއަށް ގެންދަަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުން ގޮވައިލެއްވި އެވެ. ބަޖެޓާ ބެހޭ ގޮތުން މަރުކަޒީ ބޭންކް އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލްގެ އޮފީހުން ދިން ލަފާގައި ވެސް ބާރު އަޅާފައި އޮތީ އެ ގޮތަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަކި ހިސާބަކުން މިނިސްޓަރު އަމީރަށް ފުރުސަތު ދެއްވުމުން އޭނާ ވިދާޅުވީ، ބަޖެޓުގައިވާ ބޮޑެތި މަޝްރޫއުތަކަށް ފައިސާ މިހާރު ވެސް ހަމަޖެހިފައިވާކަން ބަޖެޓު ރަނގަޅަށް ބަލައިފި ނަމަ ސާފުވާނެ ކަަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ މާލޭ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި މާލެ،ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި ބްރިޖަކުން ގުޅުވައިލުމެވެ. އިންޑިއާ އިން ރާއްޖެ އަށް ދީފައިވާ ލައިން އޮފް ކްރެޑިޓް ފެސިލިޓީން އެ މަޝްރޫއަށް 400 މިލިޔަން ޑޮލަރު އަދި އިންޑިއާ އިން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަންް ޑޮލަރު އޮތީ ހަމަޖެހިފަ އެވެ.

ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަޝްރޫއަށް ވެސް އަމީރު ވިދާޅުވިގޮތުގައި މިހާރު ވެސް ވަނީ ފައިސާ ހަމަޖެހިފަ އެވެ.

"އެހެންވީމާ މި މަސައްކަތަކީ އޯލްރެޑީ ފަންޑެޑް، އަޅުގަނޑުމެންނަށް ލިބިފައި ހުރި ފައިސާ އިން އަޅުގަނޑުމެން [ކުރަން އުޅޭ ކަންތައްތައް]،" އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަޖެޓު ހުށަހެޅި އިރު ސަރުކާރުން ވިސްނާފައި ވާނީ މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ދަތި ހާލަތުން އަރައިގަތުމަށް ކަމަށެވެ. މިހާރު އޮތީ ވަރަށް އަވަސް އަވަަހަށް ބަދަލުވާ، ވާނެ ގޮތެއް ލަފާކުރަން ނޭނގޭ ހާލަތެެއްކަން ސަރުކާރުން ވެސް ގަބޫލުކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން މިހާރު އުފެދިފައވާ ހާއްސަ ހާލަތުގައި އިގުސާދީ ގޮތުން ކަނޑައަޅާ ސިޔާސަތެއްގެ ސަބަބުން މި ހާއްސަ ހާލަތް ދިގުމުއްދަތުގެ މައްސަލައަކަށް ވެދާނެ ކަމަށްް ދުނިޔޭގެ އިގުތިސާދީ މާހިރުން ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަމީރު ވިދާޅުވީ ލިބޭ އާމްދަނީއާ އެއްވަރަށް ބަޖެޓު ކުޑަކޮށްފި ނަމަ ރާއްޖޭގެ އިގުތިސާދު ކުޑަވެ، ދިގު މުއްދަތުގައި ބޮޑެތި މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ އެންމެ ސުވާލެއް. ޑިސެމްބަރު 2019 ގައި އަޅުގަނޑުމެންގެ އިގުތިސާދު އޮތީ ގާތްގަނޑަކަށް 85 ބިލިއަން ރުފިޔާގައި. މިހާރު، ނޮވެމްބަރު 2020 ގައި އަޅުގަނޑުމެން މި ދެކޭ ހަގީގަތަކީ އަޅުގަނޑުމެންގެ އިގުތިސާދު މިހާރު މި އޮތީ ގާތްގަނޑަކަށް 54 ބިލިއަން ރުފިޔާގައި. އަށްޑިހަ ފަސް ބިލިއަން ރުފިޔާ އިން އަަޅުގަނޑުމެންގެ އިގުތިސާދު ކުޑަވެގެން މި ދިޔައީ 54 ބިލިޔަން ރުފިޔާ އަށް،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި، ސަރުކާރުގެ އަމާޒަކީ މިދިޔަ އަހަރު އޮތް ވަރަށް އިގުތިސާދު ފުޅާކުރުމެވެ. އިގުތިސާދު އެގޮތަށް ފުޅާކޮށްގެން ނޫނީ މުސްތަގުބަލުގައި ލިބޭނެ އާމްދަނީއެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"ދެން އަަޅުގަނޑުމެން ތިބެން ޖެހޭނީ ވިޝަސް ސާކަލްއެއްގައި، މި އިގުތިސާދު ދާނީ ކުޑަވަމުން ކުޑަވަމުން،" ބަޖެޓްގައި ގިނަ މަޝްރޫއުތަކެއް ހިމަނައި ސަރުކާރުން ކުރާ ހަރަދު އިތުރު ނުކޮށްފި ނަމަ ވާނެ ގޮތާ ބެހޭ ގޮތިން އަމީރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު މި ގޮތަށް ވާހަކަ ދައްކަވާފައި މި ވަނީ ބަޖެޓްގަައި ޖަހާފައިވާ ބޮޑެތި މަޝްރޫއުތައް ގިނަ ކަމުން އެމްއެމްއޭއިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމް ބަޖެޓް ކޮމިޓީއަށް އިއްޔެ ހުށަހެޅުއްވި ކަރުދާހުގައި ވިދާޅުވީ، ބަޖެޓްގައި ޖަހާފައިވާ ބޮޑެތި މަޝްރޫއުތަކަށް ބޭރު ފައިސާ ގިނަ އަދަދަކަށް ހޯދަން ޖެހުމުން ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް އޭގެ ނުބައި އަސަރު ކުރާނެ ކަމަށެވެ. އެހެންވެ، ބޭރު ފައިސާ ހަމަޖެހުމުން ނޫނީ މަޝްރޫއުތައް ނުފަށަން ސަރުކާރަށް ބާރު އަޅަން މަޖިލީހުގައި އޭނާ އެދިވަޑައިގަތެވެ.