Roadha Mihaaru
ގަވަރުނަރު އަލީ ހާޝިމް ވަކިކުރަން ކޮމިޓީން ނިންމައިފި

ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރަން ރައީސަށް ލަފާއަރުވަން ކޮމިޓީން ފާސްކޮށްފި

17 ޖުލައި 2024

މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.

ގަވަރުނަރު މަގާމުން ވަކިކުރުމަށް ރައީސް މުއިއްޒަށް ލަފާއެރުވުމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ.

އެމްއެމްއޭ ހިނގަމުންދާ ގޮތާ ގުޅޭ ގޮތުން ނާޒިމް މަޖިލިހުގައި ވިދާޅުވީ، ގައުމުގެ އިގުތިސާދު ހީނަރުވެގެން ދިޔައިރު، އެމްއެމްއޭގެ ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ހާސިލް ކުރެވިފައި ނެތް ކަމަށާއި މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިނގަމުން ދާތަން ވެސް ނުފެންނަ ކަމަށެވެ.

އެ މައްސަލަ މާލިއްޔަތު ކޮމިޓީން ބަލަން ފަށައި، ޖަވާބުދާރީވުމުގެ ފުރުސަތު އަލީ ހާޝިމަށް މި ހަފުތާގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ވަނީ ދީފަ އެވެ. އެކަމަކު އާލާސްކަންފުޅާ އުޅުއްވާތީ، ކޮމިޓީން ތާވަލުކުރި ދެ ބައްދަލުވުމަށް ވެސް އޭނާ ވަޑައެއްނުގަންނަވަ އެވެ. އޭގެ ބަދަލުގައި ގަވަރުނަރު ވަނީ މާލީ ހާލަތު ބަޔާން ކުރައްވައި މަޖިލީހަށް ރިޕޯޓެއް ފޮނުއްވައިފަ އެވެ.

އެއާ އެކު، މިއަދަށް ތާވަލުކުރި ބައްދަލުވުމަށް ވެސް އަލީ ހާޝިމަށް ވަޑައިނުގެންނެވޭ ކަން އަންގަވާފައިވާ ކަމަށް ކޮމިޓީގެ މުގައްރިރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވި އެވެ. އެހެންކަމުން، އެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ގާސިމް ހުށަހެޅުއްވި އެވެ. ކޮމިޓީ ސިއްރުކުރަން ފެނޭތޯ ވެސް ގާސިމް އެއްސެވި އެވެ. އެކަމަކު އެކަމަށް މެމްބަރުން ތާއީދު ނުކުރައްވައި، ނިންމެވީ ހުޅުވާލައިގެން ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދިޔުމަށެވެ.

އެހެންވީމާ، އަޅުގަނޑު ހުށަހަޅަން މިއަދުން މިއަދަށް ވެސް އެ މަގާމުން ވަކިކޮށް، އެ ކަމަށް ގާބިލު މީހަކު އެތަނަށް [އެމްއެމްއޭ]އަށް ލާން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދޭން،"--- ސަލީމް

ގާސިމް ވިދާޅުވީ ތިން ދުވަސް މަތިން ކޮމިޓީ އަށް ވަޑައިގެންނެވުމަށް ފުރުސަތު ދިނުމުން ވެސް ގަވަރުނަރު ވަޑައިނުގެންނެވުމަކީ، އިގުތިސާދީ ގޮތުން ގައުމު ވަރަށް ނާޒުކު ހާލަތެއްގައި އޮތް ދުވަސް ވަރެއްގައި ކޮމިޓީގެ މެމްބަރުން ވިސްނާލަންޖެހޭ ކަމެއް ކަމަށެވެ.

މެމްބަރުންނަށް ހުޅުވައިލި ފުރުސަތުގައި، މައްސަލަ ހުށަހެޅުއްވި މެމްބަރު ނާޒިމް ވިދާޅުވީ، ގާނޫނުއަސާސީ އާއި އެމްއެމްއޭގެ ގާނޫނާ އެއްގޮތަށް ޖަވާބުދާރީވުމަށް ގަވަރުނަރަށް އެކަށީގެންވާ ފުރުސަތު ދީފައިވާ ކަމަށެވެ.

"އެކަމަކު އެ ފުރުސަތު ބޭނުންކުރައްވަން އުޒުރުވެރިވެވަޑައިގެންފަ މި ވަނީ،" ގާނޫނުގައި ބަޔާންކުރާ އިޖުރާއަތް ފުރިހަމަ ކޮށްފައިވާ ކަމަށް ވިދާޅުވެ، މައްސަލައާ މެދު ގޮތެއް ނިންމަން ހުށަހަޅުއްވައި ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެމްއެމްއޭ އާ މެދު ކޮމިޓީއަށް ފާހަގަވެފައިވާ ކަންކަމުގެ އިތުރަށް 241 ކޮމިޓީގައި ފުލުހުންނާއި ހޯމް މިނިސްޓްރީގެ މަސައްކަތްތަކަށް ވެސް އެމްއެމްއޭގެ ސަބަބުން ދަތިވާކަން ވަނީ ހާމަވެފަ އެވެ.

މިގޮތުން، ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ވެސް އެމްއެމްއޭ އިން ހަދާފައިނުވާ ކަން ނާޒިމް ފާހަގަކުރެއްވި އެވެ. މީގެއިތުރުން، މި ސަރުކާރު އައި ފަހުން، އެމްއެމްއޭ އިން އިސްވެ އެއްވެސް ލަފައެއް ދެއްވާފައިނުވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމިޓީގެ ގިނަ މެމްބަރުން ވެސް ވަނީ އަލީ ހާޝިމް ވަޑައިނުގެންނެވުމުން ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.

އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ވިދާޅުވީ، ފިޔަވަޅުތައް އަޅަން ލަފާ ދެއްވި ކަމަށް އަލީ ހާޝިމް މަޖިލީހަށް ފޮނުއްވި ރިޕޯޓެއްގައި ވިދާޅުވިޔަސް، އެ ލަފާތަކަށް އަމަލުނުކުރުމުން ގަވަރުނަރު އަޅާނުލައްވައި ހުންނެވުމަކީ ގަބޫލުކުރެވޭ ސަބަބެއް ނޫން ކަމަށެވެ.

"އެހެންވީމާ، އަޅުގަނޑު ހުށަހަޅަން މިއަދުން މިއަދަށް ވެސް އެ މަގާމުން ވަކިކޮށް، އެ ކަމަށް ގާބިލު މީހަކު އެތަނަށް [އެމްއެމްއޭ]އަށް ލާން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދޭން،" ސަލީމް ހުށަހެޅުއްވި އެވެ.

އޭގެ ފަހުން، ގާސިމް ވިދާޅުވީ، ކޮމިޓީއަށް ވަޑައިނުގެންނެވޭތީ، މެމްބަރުންގެ އިތުރު ސުވާލެއް އޮތް ނަމަ ލިޔުމުން ފޮނުވައި ދިނުމަށް ގަވަރުނަރު އަލީ ހާޝިމް އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން، ގާސިމް ވަނީ މެމްބަރުން ސާފުކުރަން ބޭނުންވާ މައުލޫމާތުތައް ލިޔުމުން ފޮނުވަން ފެނޭތޯ ވޯޓަށް އައްސަވައިފަ އެވެ. އެކަމަކު އެކަމަށް އެއްވެސް މެމްބަރަކު ތާއީދެއް ނުކުރެއްވި އެވެ.

އެއާ އެކު، ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރުމަށް ރައީސް މުއިއްޒަށް ލަފާ އެރުވުމަށް ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީއަށް ވަޑައިނުގެންނެވުނަސް، މެމްބަރު ނާޒިމް ކުރައްވާފައިވާ ތުހުމަތުތަކަށް ރައްދު ދެއްވައި އަލީ ހާޝިމް މަޖިލީހަށް ފޮނުއްވި ރިޕޯޓުގައި ވިދާޅުވީ، ރާއްޖޭގައި އިގުތިސާދީ ކާރިސާއެއްގެ ބިރު މިހާރު ބޮޑުވެފައިވަނީ އެމްއެމްއޭ އާއި ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ދެމުންދިޔަ އިރުޝާދުތަކާއި ލަފާތަކަށް ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން އަހަމިއްޔަތު ކަން ނުދިނުމުގެ ސަބަބުން ކަމަށެވެ. އިގުތިސާދީ ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި، ގައުމު އިގުތިސާދީ ފުން އަނދަވަޅަކަށް ވެއްޓުނަ ނުދީ ރައްކާތެރި ދިމާލަކަށް ވާސިލުވާނެ ގޮތްތައް ޔަގީންކުރަން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

ގަވަރުނަރު ކަމުން އަލީ ހާޝިމް ވަކި ކުރަން ކޮމިޓީން ނިންމިޔަސް، އެގޮތަށް ރައީސަށް ލަފާ އަރުވާނީ މަޖިލީހުގެ ތަޅުމުން ފާސްވުމުންނެވެ.