Roadha Mihaaru

ބަލިމަޑުކަމުގައި އިދިކޮޅުން އެއްވުން ބޭއްވުމުން ރައީސް ފާޑުވިދާޅުވެއްޖެ

ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެމުންދާ މިވަގުތު ރައްޔިތުންނަށް ހެޔޮ އެދޭ ބަޔަކު އެއްވެ މުޒާހަރާ ނުކުރާނެ ކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތަކާ މެދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އިދިކޮޅުގެ އެއްވުމަށް ރައީސް ފާޑުވިދާޅުވެއްޖެ
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

29 އޯގަސްޓް 2020

ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެމުންދާ މިވަގުތު ރައްޔިތުންނަށް ހެޔޮ އެދޭ ބަޔަކު އެއްވެ މުޒާހަރާ ނުކުރާނެ ކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތަކާ މެދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މާލޭގައި ރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަަހައްދަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮރޯނާ ވައިރަސް ފެތުރެން ދިމާވާ އެންމެ ބޮޑު ސަބަބަކީ އެންމެން އެއް ތަނަކަށް އެއްވެ ގައިގޯޅިވެ އުޅުން ކަމަށެވެ. އެގޮތަށް ކަންތައް ނުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާ އެންގުމާ ހިލާފަށް ބަޔަކު އެބަ އުޅޭ ކަމަށާއި އެއީ ހުރިހާ ރައްޔިތުން ސަމާލުވާން ޖެހޭ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ދެން އެމަނިކުފާނު ވިދާޅުވީ ބަލިމަޑުކަން ފެތުރޭއިރު މާލޭގައި އެއްވުމެއް ބޭއްވުމުން ވަރަށް ހިތާމަކުރައްވާ ކަމަށެވެ.

ޕީޕީއެމް އޮފީސް ކައިރީގައި ހުންނަވައި ކުރީގެ ރައީސް ވަހީދު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ޕީޕީއެމް އޮފީސް ކައިރީގައި ހުންނަވައި ކުރީގެ ރައީސް ވަހީދު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

"ރާއްޖެ ވިއްކާލުމާ" ދެކޮޅަށް ކަމަށް ބުނެ، ޕީޕީއެމް/ޕީއެންސީން އިއްޔެ މާލޭގައި ސައިކަލް ބުރެއް ބޭއްވި އެވެ. އެ އެއްވުމުގައި ކުރީގެ ރައީސް މުހައްމަދު ވަހީދު ބައިވެރިވެވަޑައިގެން، ސަރުކާރަށް ފާޑު ވެސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ވަހީދުގެ ނަންފުޅު ނުގެންނަވައި، އެކަމަކު އެމަނިކުފާނަށް އަމާޒުކުރައްވާ ވެސް ފާޑުވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ވަރަށް އިސް ބޭފުޅުން ނުކުމެވަޑައިގެން މާސްކް ވެސް ނާޅުއްވައި ރައްޔިތުންގެ އެތައް ބަޔަކު އެއްތަނަކަށް އެއްކޮށް، މިިފަދަ އަމަލުތަކެއް ހިންގަވައިފި. މީއަކީ މިފަދަ ދަނޑިވަޅެއްގައި ރައްޔިިތުންނަށް ހެޔޮއެދޭ، ގައުމަށް ހެޔޮ އެދޭ ބަޔަކު ކުރާނެ ކަމެއް ނޫން،" ވަހީދަށް އިޝާރަތްކުރައްވައި ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި މުޒާހަރާ ކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށެވެ. އަދި އެކަންކަން ސަރުކާރުން ނުހުއްޓުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު މިހާރު ވަނީ ގޯސްވެފަ އެވެ. އިއްޔެ އެކަނި ވެސް 140 މީހުން ބައްޔަށް ޕޮޒިޓިވްވި އެވެ.