Roadha Mihaaru
ޚިޔާނާތާ ހެދި ސަރުކާރުން އަތުލި ފަޅެއް ދޭން ޖެހިއްޖެ

ބޮޑު ޚިޔާނާތާ ގުޅިގެން ސަރުކާރުން އަތުލި ފަޅެެއް ހަވާލުކުރަން ކޯޓުން އަމުރުކޮށްފި

02 ނޮވެމްބަރ 2016

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދޫކުރި މާލެ އަތޮޅުގެ ފަޅެއް އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ސަރުކާރުން އަތުލާފައި ވަނިކޮށް އެ ފަޅު އެ ފަރާތާ ހަވާލު ކުރަން ދައުލަތުގެ މައްޗަށް ކޯޓުން އަމުރު ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދޫކުރި މާލެ އަތޮޅުގެ ފަޅެއް އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ސަރުކާރުން އަތުލާފައި ވަނިކޮށް އެ ފަޅު އެ ފަރާތާ ހަވާލު ކުރަން ދައުލަތުގެ މައްޗަށް ކޯޓުން އަމުރު ކޮށްފި އެވެ.

އެމްއެމްޕީއާރުސީން ސީ ހައުސް ރިސޯޓްސް އަށް ދޫކުރި އެ ފަޅުގެ އެއްބަސްވުން ބާތިލްކޮށް އެ ފަޅު ސަރުކާރުން އަތުލީ އިކުއިޒިޝަންގެ ކޮސްޓްގެ ގޮތުގައި ދައްކަންޖެހޭ 1.5 މިލިއަން ޑޮލަރު ދައުލަތަށް ނުލިބޭތީ އެވެ. އެ ފައިސާ ދައުލަތަށް ނުލިބުނަސް ސީ ހައުސް ރިސޯޓްސް އިން އޮތީ އެ ފައިސާ އެމްއެމްޕީއާރުސީ އަށް ދައްކައިފަ އެވެ.

އެ ފައިސާ އެމްއެމްޕީއާރުސީ އަށް ލިބުނުކަމުގެ ލިޔުމުގައި ސޮއި ކޮށްފައިވަނީ އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަދި ކޮރަޕްޝަންގެ މައްސަލާގައި މިހާރު ޖަލުގައި ހުރި އަބްދުﷲ ޒިޔަތެވެ.

އެ ފައިސާ ދައުލަތަށް ނުލިބޭތީ އެ ފަޅުގެ އެއްބަސްވުން ސަރުކާރުން ބާތިލް ކުރުމުން އެ މައްސަލަ ސީ ހައުސް ރިސޯޓްސް އިން ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އިއްޔެ ހުކުމްކުރީ އެ އެއްބަސްވުން ބާތިލް ކުރިކަން އަންގައި، ސަރުކާރުން ފޮނުވި ނޯޓިސް ބާތިލް ކުރާ ކަމަށެވެ. އަދި ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމަށް އަމަލު ކުރަން އެ ހުކުމުގައިވަނީ ސަރުކާރަށް އަންގައިފަ އެވެ.

ކޯޓުގެ ހުކުމުގައިވަނީ ފައިސާ ދެއްކި ކަމަށް ދައުލަތުގެ އިދާރާއަކުން ލިޔުމެއް ދޫކުރުމުން އެ ފައިސާ ދައުލަތަށް ލިބުނީ ކަމަށް ބެލެވޭނެ ކަމަށާއި އެ ހާލަތުގައި ފައިސާ ދެއްކި ފަރާތަކީ މައުސޫމް ފަރާތެއް ކަމަށެވެ. އެ ހިސާބުން އެ ފައިސާގެ ޒިންމާ އުފުލަންޖެހޭނީ ފައިސާ ބަލައިގަތް މުވައްޒަފު ކަމަށާއި އެ މުވައްޒަފު ވަކި ގޮތަކަށް އެ ފައިސާއާ މެދު އަމަލު ކުރުމަކީ އެ މުވައްޒަފާއި ސަރުކާރާ ދެމެދު އޮތް މައްސަލައެއް ކަމަށް ހުކުމުގައިވެ އެވެ. އަދި އެއީ ފައިސާ ދެއްކި ފަރާތުން ޒިންމާވާން ޖެހޭ ކަމެއް ނޫން ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

އެމްއެމްޕީއާރުސީގެ އޭރުގެ ޒިޔަތު: އެ ފަޅުގެ ފައިސާ ލިބުނުކަމުގެ ލިޔުމުގައި އޭނާ ސޮއިކުރިޔަސް ދައުލަތަށް ފައިސާ ނުލިބޭ. -- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

އެމްއެމްޕީއާރުސީގެ އޭރުގެ ޒިޔަތު: އެ ފަޅުގެ ފައިސާ ލިބުނުކަމުގެ ލިޔުމުގައި އޭނާ ސޮއިކުރިޔަސް ދައުލަތަށް ފައިސާ ނުލިބޭ. -- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

އެ ފައިސާ އެމްއެމްޕީއާރުސީ އަށް ލިބުނުކަމުގެ ލިޔުމުގައި ސޮއިކުރީ އޭރުގެ އެ ކުންފުނީގެ އެމްޑީ ޒިޔަތު ކަމަށް ވާ އިރު އެ ފައިސާ އެމްއެމްޕީއާރުސީ އަށް ނުލިބޭ ކަމުގެ އެއްވެސް ހެއްކެއް ދައުލަތަށް ނުދެއްކޭ ކަމަށް ހުކުމުގައިވެ އެވެ.

އެމްއެމްޕީއާރުސީން ރަށްތަކާ ފަޅުތައް ދޫކޮށްގެން ލިބުނު 1.22 ބިލިއަން ރުފިޔާ އަށް ޚިޔާނާތްތެރި ވެފައިވާ އިރު ޒިޔަތު މިހާރު ޖަލުގައި ހުރީ ވެސް އޭގެ ތެރެއިން މައްސަލައަކާ ގުޅިގެންނެވެ. އޭގެ އިތުރު ގިނަ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

ޒިޔަތުގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވެސް އެ ޚިޔާނާތުގެ ތުހުމަތު ކުރެ އެވެ.