Roadha Mihaaru
ދިރާގުން ކުޑަކުދިންގެ ހިޔާއަށް ސާމާނު ހަދިޔާކޮށްފި

ކުޑަކުދިންގެ ހިޔާގެ ކޮމްޕިއުޓާ ލެބަށް ބޭނުންވާ ސާމާނު ދިރާގުން ހަދިޔާކޮށްފި

21 ނޮވެމްބަރ 2020

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ކޮމްޕިއުޓާ ލެބަށް ބޭނުންވާ މުހިންމު ވަސީލަތްތަކެއް ދިރާގުން ހަދިޔާކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ކޮމްޕިއުޓާ ލެބަށް ބޭނުންވާ މުހިންމު ވަސީލަތްތަކެއް ދިރާގުން ހަދިޔާކޮށްފި އެވެ.

އެ ކުންފުނިން ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ކުޑަކުދިންގެ ހިޔާއަށް ބޭނުންވާ 23 ކޮމްޕިއުޓާ ޑެސްކާއި، އިތުރު ފަސް ކޮމްޕިއުޓާ ސިސްޓަމާއި ދިރާގު ފައިބާ 100އެމް އިންޓަނެޓް ކަނެކްޝަނަކާއި ދިރާގު ޓީވީ ކަނެކްޝަނެއް ހިމެނެ އެވެ. މީގެ އިތުރުން ކުޑަކުދިންގެ ހިޔާގެ މެނޭޖްމަންޓުގެ އެދުމުގެމަތިން، ދެ ލެބް މަރާމާތު ކުރުމުގައި ވެސް ދިރާގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ދިރާގުން ވަނީ މީގެ ކުރިން ވެސް ކުޑަކުދިންގެ ހިޔާއަށް އެކި މުނާސަބާތަކާ ގުޅިގެން ތަކެތި ހަދިޔާކޮށްފަ އެވެ. އެގޮތުން އެ ކުންފުނިން ވަނީ ދިރާގު ޓީވީގެ ހަތް ކަނެކްޝަން ކުޑަކުދިންގެ ހިޔާގެ އެކި ފްލޯތަކަށް ހަދިޔާކޮށް، ހިޔާގެ ކުދިންގެ އޮންލައިން ކްލާސްތައް ހިންގުމަށް ހިލޭ ފައިބާ އިންޓަނެޓްގެ ހިދުމަތް ވެސް ފޯރުކޮށްދީފަ އެވެ.

އެ ކުންފުނިން ކުޑަކުދިންގެ ހިޔާގައި އެންމެ ފުރަތަމަ ކޮމްޕިއުޓަރު ލެބެއް ގާއިމުކުރަން އެހީތެރިވެފައިވަނީ 2013 ވަނަ އަހަރު އެވެ. ހަމަ އެ އަހަރު ދިރާގުން ވަނީ ކުޑަކުދިންގެ ހިޔާގައި ލައިބްރަރީ އެއްވެސް ގާއިމުކޮށްދީފަ އެވެ. މީގެ އިތުރުން ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު "ފިޔަވަތީ"ގައި އިންޓަނެޓުގެ ހިދުމަތް ހިލޭ ފޯރުކޮށްދީ، ހަތަރު ކްލާސްރޫމެއްގައި އޮންލައިން ކްލާސްތައް ހިންގުމުގެ ނިޒާމު ދިރާގުން ވަނީ ހަދައިދީފަ އެވެ.

ދިރާގުން ވޭތުވެދިޔަ 12 އަހަރު ކުޑަކުދިންގެ ހިޔާ އަށް ވަމުން އަންނަ އެހީތެރިކަމަށް ކުޑަކުދިންގެ ހިޔާގެ ސީއީއޯ މޫމިނާ އާދަމް ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި ހިޔާގެ ކުދިންގެ ކިޔެވުމަށާއި، މުނިފޫހިފުލުވުމަށް ދިރާގުން ފޯރުކޮށްދީފައިވާ ދިރާގު ޓީވީ އާއި އިންޓަނެޓަކީ ވަރަށް މުހިންމު ދެ ވަސީލަތް ކަމަށް އޭނާ ވިދާޅުވި އެވެ.