Roadha Mihaaru
ދިރާގުން މިއަހަރުވެސް ދިވެހި ރެޑް ކްރެސެންޓަށް އެހީވާނެ

ދިރާގުން މި އަހަރު ވެސް ދިވެހި ރެޑް ކްރެސެންޓާ ގުޅިގެން މަސައްކަތް ކުރާނެ

20 އޯގަސްޓް 2021

ދިވެހި ރެޑް ކްރެސެންޓާ ގުޅިގެން މި އަހަރު ވެސް މަސައްކަތް ކުރުމަށް އެ ޖަމިއްޔާއާ އެކު ވެފައިވާ ކޯޕަރޭޓް މެމްބަޝިޕް ދިރާގުން އިއްޔެ އާކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދިވެހި ރެޑް ކްރެސެންޓާ ގުޅިގެން މި އަހަރު ވެސް މަސައްކަތް ކުރުމަށް އެ ޖަމިއްޔާއާ އެކު ވެފައިވާ ކޯޕަރޭޓް މެމްބަޝިޕް ދިރާގުން އިއްޔެ އާކޮށްފި އެވެ.

މި މެމްބަޝިޕް އާ ކޮށްފައިވަ ނީ ދިވެހި ރެޑް ކްރެސެންޓުގެ 12 ވަނަ އަހަރީ ދުވަހާ ގުޅިގެން ދިރާގުގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ދިރާގަކީ އެ ޖަމިއްޔާގެ ފުރަތަމަ ކޯޕްރޭޓް މެމްބަރު ވެސް މެ އެވެ.

މި މެމްބާޝިޕްގެ ދަށުން ދިވެހި ރެޑް ކްރެސެންޓުން ދޭ ހިދުމަތްތަކުގައި ދިރާގުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. މީގެ ސަބަބުން އެ ޖަމިއްޔާ އާއި ދިރާގާ އޮންނަ ގުޅުން ވަރުގަދަވެ ކުރިއަށް އޮތް ތަނުގައި އެ ޖަމިއްޔާއިން ދޭ ޚިދުމަތް އިތުރަށް ފުޅާ ކުރުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިވެހި ރެޑް ކްރެސެންޓްގެ އަމީންއާންމު ފާތިމަތު ހިމްޔާ ވިދާޅުވީ ދިރާގާ އެކު އޮންނަ މެމްބަޝިޕްގެ ސަބަބުން ކާރިސާތަކުގެ ވަގުތުގަ އާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓުގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކާއި، އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށް ދެވޭ ކަމަށެެވެ. އަދި ދަރުމަވެރިން ތަމްރީންކުރުވާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފައްދާފައިވާ އެ ޖަމިއްޔާގެ ޔުނިޓުތައް ތަރައްގީކުރުމަށް ވެސް އެހީ ލިބޭ ކަމަަށް އޭނާ ވިދާޅުވި އެވެ.

"ވިޔަފާރި ކުންފުނިތަކަށް ހާއްސަކޮށް ހުޅުވާލެވިފައިވާ ކޯޕަރޭޓް މެމްބަޝިޕް ފުރުސަތުގައި ދިރާގުން ބައިވެރިވެ މިކަމުގައި ކުރިއަށް ދިއުމަށް ނިންމެވުމަކީ ދިވެހި ރެޑް ކްރެސެންޓަށް ލިބުނު ވަރަށް ބޮޑު އުފަލެއް،" ހިމްޔާ ވިދާޅުވި އެވެ.

ދިރާގުން ވަނީ މިދިޔަ އަހަރާއި މި އަހަރުގެ ތެރޭގައި ކޮވިޑް-19އާ ގުޅިގެން ދިވެހި ރެޑް ކްރެސެންޓުން ފޯރުކޮށްދިން ހިދުމަތްތަކުގައި ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން، ދިވެހި ރެޑް ކްރެސެންޓުން ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ފޯރުކޮށް ދިނުމަށާއި ބިދޭސީންނަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލި ޓޯލް ފްރީ ހެލްޕްލައިން ގާއިމްކޮށްދިނީ ދިރާގުންނެވެ. އަދި ކޮވިޑުގެ ކަންކަމާ ގުޅޭ ޓެލެކޮމިއުނިކޭޝަން ހިދުމަތްތަކާއި އެހެނިހެން ހިދުމަތްތަކަށް ވެސް ދިރާގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.