Roadha Mihaaru
ޖަވާބުދާރީވުމުގެ ފުރުސަތު ބޭނުންކުރީ ޕްރޮމޯޝަނަށް

ޖަވާބުދާރީވުމުގެ ފުރުސަތުގައި އިމްރާން ޕްރޮމޯޓް ކުރެއްްވީ ސަރުކާރު!

23 ނޮވެމްބަރ 2020

ހޯމް މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް ކަަމަށް ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި ޖަވާބުދާރީ ވެވަޑައިގަންނަވަން މިއަދު ލިބިވަޑައިގަތް ފުރުސަތުގައި ސަރުކާރު ޕްރޮމޯޓް ކުރައްވަން ގިނަ ވާހަކަތަކެއް ދައްކަވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހޯމް މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް ކަަމަށް ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި ޖަވާބުދާރީ ވެވަޑައިގަންނަވަން މިއަދު ލިބިވަޑައިގަތް ފުރުސަތުގައި ސަރުކާރު ޕްރޮމޯޓް ކުރައްވަން ގިނަ ވާހަކަތަކެއް ދައްކަވައިފި އެވެ.

އިމްރާންގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް އިސްކޮށް ހުންނަވައި ހުށަހެޅުއްވި މައްސަލަ ގުޅުވާފައި އޮތީ މައިގަނޑު ދެ ކަމަކާ އެވެ. އެއީ ސަފާރީގައި ހިންގި ޖިންސީ ގޯނާގެ ތުހުމަތާ ބެހޭ ގޮތުން ދެއްކެވި ވާހަކަ ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން މީގެ ކުރިން ދައްކަވާފައިވާ ވާހަކަތަކަށެވެ. އެކަމަކު ޝިޔާމާ އެކު 11 މެމްބަރަކު ސޮއިކުރައްވައި ހުށަހެޅުއްވި މައްސަލައިގައި ޖަވާބުދާރީ ވެވަޑައިގަންނަވަން ދިން ފުރުސަތުގައި އިމްރާން އެ ސުވާލުތަކަށް ވަރަށް ކުރުކޮށް ޖަވާބު ދެއްވުމަށް ފަހު ދެން ކުރެއްވި ކަމަކީ ސަރުކާރު ޕްރޮމޯޓް ކުރެއްވުމާއި އިދިކޮޅަށް ބަހުގެ ހަމަލާތައް ދެއްވުމެވެ.

އޭނާ ވިދާޅުވިގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އޭނާ އަށް ހޯމް މިނިސްޓަރުކަން ދެއްވީ ގިނަ ކަންތައްތަކެއް ހާސިލުކުރެެއްވުމަށެވެ. އޭގެ އެއް ކަމަކީ ޚުދުމުޚުތާރު ގޮތްތައް ނައްތާލައި ގާނޫނުގެ ވެރިކަން ނަގަހައްޓައި އިންސާފު ހޯދުމެވެ. ރާއްޖެ ލާމަރުކަޒީ ކުރުމާއި ރައްޔިތުންގެ ފުރާނަ އާއި ނަފުސަށް އަދި މުދަލަށް އަމާންކަން ހޯދުމަކީ ވެސް ހަވާލުކުރެއްވި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަބަދުވެސް އަނިޔާވެރިވެރި ކަމެއްގެ ހިޔަނީގައި ނާޖާއިޒް ނުފޫޒާއި ބާރާއި މުއްސަނދިކަން ލިބިގަންނަ ބަޔަކު ތިބޭނެ. އެފަދަ ވެރިކަމެއް ނެތިގެންދާ ކޮންމެ ފަހަރަކު އެ ވެރިކަމުގެ ފަސްބައިގައި އެލިގެން ތިބޭ ބަޔަކު އަދުލު އިންސާފަށް ހުރަސް އަޅައި، ގެއްލޭ ވެރިކަން އިއާދަކޮށް ގޮށްމުށުގެ ބާރު ހިންގަން އުޅޭކަން ތާރީހު ހެކިދޭ-- އިމްރާން އަބްދުﷲ

"މި ސަރުކާރުގެ ދާހިލީ ވުޒާރާ އަޅުގަނޑާ ހަވާލުކުރައްވައި، ދިވެހިރާއްޖޭގެ އެތެރޭގެ ހަމަޖެހުން ގާއިމްކޮށް ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ހިންގައި، ކުށްވެރިން ބެލެހެއްޓުމަށް ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ކުރުމަށް އަޅުގަނޑާ ހަވާލުކުރެއްވި ކަންކަން ނިމިދިޔަ ސަރުކާރާ އަޅައި ބަލާއިރު މާ ބޮޑުތަނުން ވެސް ރަނގަޅު ކަަމަށް ހުރިހާ ދިވެހިން ވެސް ހެކިވާނެ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މި ސަރުކާރުގެ ދެ އަހަރު ދުވަހުގެ ތެރެއިން އެއް އަހަރު ދުވަސް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ހޭދަވިޔަސް ހޯމް މިނިސްޓްރީން ދޭން ޖެހޭ ހިދުމަތްތައް ރަނގަޅުކުރާނެ މަގު ހޯދިފައިވާ ކަމަށެވެ. ހިދުމަތްތައް ރަނގަޅުކުރަން ކުރައްވާފައިވާ މަސައްކަތްތަކުގެ އިތުރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވެސް އޭނާ ވިދާޅުވެދެއްވި އެވެ. އެ ކަންތައްްތައް ނިމުމުން ނުކުންނާނެ ނަތީޖާއާ ބެހޭ ގޮތުން ވެސް އޭނާ ވާހަކަދެއްކެވި އެވެ. އޭގެ އެއް ކަމަކީ ފުލުހުންގެ ގާނޫނަށް ގެންނަ ބަދަލުތަކެވެ.

"މިއަދު ފުލުހުންގެ ތެރެއަށް ނާޖާއިޒް ނުފޫޒެއް ނުފޯރާނެ. މި އިއްޒަތްތެރި މަޖިލީހުގައި މި ވަގުތު އޮތް ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު ގާނޫނަށް ވެ އޭގައި އަޅުގަނޑުމެން ހުށަހަޅާފައިވާ ކަންކަން ތަންފީޒުވެގެން ދާއިރު ﷲގެ ވާގިފުޅާ އެކު މި ރާއްޖޭގައި އެންމެ ޒަމާނީ ޕޮލިސް ފޯސްއެެއް އޮންނާނެ،" އިމްރާން ވިދާޅުވި އެވެ.

ފުލުހުންގެ ހިދުމަތް ލާމަޒުކަޒީ ކުރުމަށް ޓަކައި ކުރަން ޖެހޭ އުމްރާނީ މަަސައްކަތްތައް އަންނަަ އަހަރު ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިދިކޮޅަށް ބަހުގެ ހަމަލާ ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހުށަހަޅާފައިވާ މައްސަލައިގެ ބޭނުމަކީ އިންސާފަށް ހުރަސް އެޅުން ކަމަށެވެ. އެއީ ސަރުކާރުގެ ކާމިޔާބީ ފުރޮޅައިލަން ހުށަހެޅި މައްސަލައެއް ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.

"އަބަދުވެސް އަނިޔާވެރިވެރިކަމެއްގެ ހިޔަނީގައި ނާޖާއިޒް ނުފޫޒާއި ބާރާއި މުއްސަނދިކަން ލިބިގަންނަ ބަޔަކު ތިބޭނެ. އެފަދަ ވެރިކަމެއް ނެތިގެންދާ ކޮންމެ ފަހަރަކު އެ ވެރިކަމުގެ ފަސްބައިގައި އެލިގެން ތިބޭ ބަޔަކު އަދުލު އިންސާފަށް ހުރަސް އަޅައި، ގެއްލޭ ވެރިކަން އިއާދަކޮށް ގޮށްމުށުގެ ބާރު ހިންގަން އުޅޭކަން ތާރީހު ހެކިދޭ،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް އިޝާރަތްކުރައްވައި އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވެފައިވާ ގޮތުގައި ޖިންސީ ގޯނާގެ މައްސަލައިގައި ދެއްކެވި ވާހަކައިގައި އޭނާގެ ނިޔަތަކީ އެކަން އާދައިގެ ކަމަކަށް ހެއްދެވުމެއް ނޫނެވެ. އެ މައްސަލާގައި އާންމުންނަށް އޮޅުންއެރީ މީޑިއާއިން ކަވަރުކުރި ގޮތުން ކަމަށް ވިދާޅުވެ، އޭނާގެ ވާހަކަތަކަށް ފަހުން މައާފަށް ވެސް އެދިވަޑައިގަތެވެ. އެ މައްސަލައިގައި މިއަދު ވެސް އެވާހަކަ ތަކުރާރުކުރައްވައި މާފަށް އެދިވަޑައިގެންނެވި އެވެ.