Roadha Mihaaru
"ހޯރަފުށީ އެއާޕޯޓުން ބަނދަރަށް ދާން ދައްޗެއް ނުވާނެ"

ދަތުރުވެރިން މެނޭޖު ކުރެވޭވަރަށް ވެހިކަލްތައް އެބަހުރި: ހޯރަފުށި ކައުންސިލް

23 ނޮވެމްބަރ 2020

ހއ. ހޯރަފުށީ އެއާޕޯޓުގެ ޝެޑިއުލް ދަތުރުތައް އަންނަ ބުރާސްފަތި ދުވަހު ފަށާއިރު، އެ ރަށުގައި ހަތަރު ޓެކްސީ އޮތަސް ދަތި ކަމެއް ނެތި ދަތުރުވެރިންނަށް އެއާޕޯޓުން ބަނދަރަށް ދަތުރުކުރެވޭނެ ކަމަށް ކައުންސިލުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހއ. ހޯރަފުށީ އެއާޕޯޓުގެ ޝެޑިއުލް ދަތުރުތައް އަންނަ ބުރާސްފަތި ދުވަހު ފަށާއިރު، އެ ރަށުގައި ހަތަރު ޓެކްސީ އޮތަސް ދަތި ކަމެއް ނެތި ދަތުރުވެރިންނަށް އެއާޕޯޓުން ބަނދަރަށް ދަތުރުކުރެވޭނެ ކަމަށް ކައުންސިލުން މިއަދު ބުނެފި އެވެ.

ހޯރަފުށީގެ އެއާޕޯޓުން ދަތުރުތައް މިހާރު ހަމަޖެހިފައި އޮތީ އެއާޕޯޓުން އެ ރަށުގެ ބަނދަރަށް ގޮސް އެ ތަނުން ލޯންޗުތަކުގައި އެކި ރަށްތަކަށް ދަތުރުކުރާ ގޮތަށެވެ. މިއަށް ވުރެން ލުއި ގޮތަކީ އެއާޕޯޓުގައި ޖެޓީއެއް ހަދައި ރަށްތަކަށް ދެވޭނެ ގޮތް ވުން ކަމަށް ކައުންސިލްތަކުން އަންނަނީ ބުނަމުންނެވެ. މިކަން، އޮތީ ރައީސް އޮފީހަށް ވެސް ހުށަހަޅައިފަ އެވެ.

ހޯރަފުށީ އެއާޕޯޓުގެ ދަތުރުތައް ފެށިއިރު، އާއްމު ދަތުރުފަތުރުގެ އެކަށީގެންވާ އިންތިޒާމެއް ނެތުމަކީ ބައެއް މީހުންގެ ކަންބޮޑުވުން އޮތް ކަމެކެވެ. ހޯރަފުށީގައި ޓެކްސީ ކުރަން އަދި އޮތީ ހަތަރު ވެހިކަލެވެ. އެކަމަކު އަމިއްލަ ނުވަ ކާރު އޮވެ އެވެ. އެއާޕޯޓުން ހިނގާފައި ދެވޭ ވަރަށް ވުރެން ބަނދަރު ދުރެވެ.

ހޯރަފުށީ އެއާޕޯޓުގައި މޯލްޑިވިއަންގެ ފްލައިޓެއް: އެއާޕޯޓާއި ބަނދަރާ ދެމެދުގެ ދަތުރުތައް ލުއިކުރަން ބަހެއް ހޯދުމަށް ކަމާބެހޭ އިދާރާތަކާ އެކު ކައުންސިލުން އަންނަނީ މަޝްވަރާކުރަމުން. --ފޮޓޯ: އަހްމަދު އައުޝަން/މިހާރު

ހޯރަފުށީ އެއާޕޯޓުގައި މޯލްޑިވިއަންގެ ފްލައިޓެއް: އެއާޕޯޓާއި ބަނދަރާ ދެމެދުގެ ދަތުރުތައް ލުއިކުރަން ބަހެއް ހޯދުމަށް ކަމާބެހޭ އިދާރާތަކާ އެކު ކައުންސިލުން އަންނަނީ މަޝްވަރާކުރަމުން. --ފޮޓޯ: އަހްމަދު އައުޝަން/މިހާރު

ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު މިއަދު ވިދާޅުވީ ހަތަރު ޓެކްސީއާ އެކު، ޕްރައިވެޓް ކާރުތައް ވެސް ދަތުރުތައް ކުރާނެ ކަމަށެވެ. އެހެންވެ، ފްލައިޓުން އަންނަ 30 މީހުން އެއާޕޯޓުން ހޯރަފުށީގެ ގޭގެ އަށް ނުވަތަ ބަނދަރަށް ދިއުމުގައި މާބޮޑު ތަކުލީފެއް ކުރިމަތިވެދާނެ ކަމަކަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕްރައިވެޓް ކާރުތައް މިހާރު ވެސް ދަތުރުތައް ކޮށްދޭ. އެހެންވީމާ ދަތުރުވެރިންނަށް ފަސޭހަކަމާ އެކު އެއާޕޯޓުން ބަނދަރަށް ދެވޭނެ،" އޭނާ ވިދާޅުވި އެވެ.

މާލެ އިން ހޯރަފުއްޓަށް ޓިކެޓް އަގަކީ 1،113ރ. އެެވެ. ހޯރަފުށީގައި މިހާރު ޓެކްސީ ދަތުރެއްގެ އަގަކީ 25ރ. އެވެ.

ވަހީދު ވިދާޅުވި ގޮތުގައި އެއާޕޯޓު ހުޅުވުމުގެ ތައްޔާރީތަކަށް ދިޔަ ޓެސްޓު ފްލައިޓާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތް ފްލައިޓުން އެއްފަހަރާ ގިނަ ބަޔަކު ދިޔައިރު އިރު ވެސް އުނދަގުލެއް ނެތި ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖެހުނެވެ.

"އެހެން ރަށްތަކަށް ދާން އަންނަ މެހުމާނުންނަށް އުނދަގުލެއް ކުރިމައްޗެއް ނުވާނެ ދަތުރުކުރުމުގައި،" އޭނާ ވިދާޅުވި އެވެ.

ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރަން އިތުރު ވިސްނުމެއް ވެސް ކައުންސިލްގައި އެބައޮތެވެ. އެއީ، އެއާޕޯޓާއި ބަނދަރާ ދެމެދު ބަހުގެ ޚިދުމަތް ފެށުމެވެ.

ވަހީދު ވިދާޅުވީ އެ މަޝްވަރާތައް ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމްޕީއެލްއާ އެކު ފަށާފައިވާ ކަމަށެވެ. ބަހުގެ ޚިދުމަތް ފެށުމަކީ ދަތުރުފަތުރު އިތުރަށް ލުއިވާނެ ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

ހޯރަފުށީ އެއާޕޯޓާ އެކު ހއ. އަތޮޅުގެ ރަށްތަކުގެ ދަތުރުފަތުރު ލުއިވެ، އެއާޕޯޓާ އެންމެ ދުރުގައި އޮންނަ ހއ. ދިއްދު އަށް ވެސް 35 މިނެޓުން ލޯންޗުގައި ދެވޭނެ ކަމަށް ހޯރަފުށީ ކައުންސިލުން ބުންޏެވެ. ކައިރި ރަށްތަކަށް 2-3 މިނެޓުން ދެވެ އެވެ.

ހއ. އަތޮޅުގެ ގިނަ ރަށްތަކުން އެއާޕޯޓުން ފުރޭ ގޮތަށް ޖެޓީއެއް ބޭނުންވިޔަސް ހޯރަފުށީ ކައުންސިލުން ބުނީ އެކަން ރަސްމީކޮށް އެ ކައުންސިލަށް އެނގިފައެއް ނުވެ އެވެ.

ކައުންސިލްގެ ރައީސް ވިދާޅުވިގޮތުގައި، އެއީ އަރަތެއް ކަހަލަ ވާހަކައެކެވެ. ރަސްމީ އެއްވެސް އިދާރާއަކުން އެ ކައުންސިލަށް އެފަދަ އެންގުމެއް ނުވަތަ ވާހަކައެއް މިހާތަނަށް ރަސްމީކޮށް އަންގާފައި ނެތް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެއްވެސް އިޝާރާތެއް އަދި ނެތް. ވަަރަށް ފޯރީގައި ދެއްކެވޭ ވާހަކައެއް. އެކަމަކު އެކަން ކުރާ ނަމަ އަޅުގަނޑަށް ގަބޫލު ކުރެވެނީ ކައުންސިލަށް އަންގާނެ ކަަމަށް،" ވަހީދު ވިދާޅުވި އެވެ.

ކައުންސިލުން ބުނިގޮތުގައި އެއާޕޯޓާ އެކު މިހާރު ވެސް އިންތިޒާމުތައް ހަމަޖައްސާފައި ވާނީ އެ ރަށާއި އެހެން ރަށްތަކުގެ ރައްޔިތުންނަށް ވެސް ދަތި ނުވާނެ ގޮތަށެވެ.