Roadha Mihaaru
ގޯތި ހަރަކާތުން ރައީސަށް ޕްލޭނެއް ހުށަހަޅައިފި

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ ޕްލޭނެއް ރައީސަށް ހުށަހަޅައިފި

24 ނޮވެމްބަރ 2020

މާލޭގެ ރައްޔިތުންނަށް މާލެ ސަރަހައްދުން ގޯތި ނުލިބުމުގެ ޝަކުވާތަކަށް ހައްލު ހޯދުމަށް ޑްރާފްޓްކޮށްފައިވާ ޕްލޭނެއް، މާލޭގެ ގޯތި ހަރަކާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އިއްޔެ ހިއްސާކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލޭގެ ރައްޔިތުންނަށް މާލެ ސަރަހައްދުން ގޯތި ނުލިބުމުގެ ޝަކުވާތަކަށް ހައްލު ހޯދުމަށް ޑްރާފްޓްކޮށްފައިވާ ޕްލޭނެއް، މާލޭގެ ގޯތި ހަރަކާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އިއްޔެ ހިއްސާކޮށްފި އެވެ.

މާލޭގެ ގޯތި ހައްގުވާ 40،000 މީހުން އެބަތިބި ކަމަށް ބުނެ އެ މީހުންގެ ދިފާއުގައި އަޑުއުފުލާ ހަރަކާތުގައި އިސްކޮށް އުޅޭ ހަ މީހަކު ރައީސާ އިއްޔެ ބައްދަލުކުރީ ރައީސް އޮފީހުގަ އެވެ. އެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ އިތުރުން ރައީސްގެ އެޑްވައިޒަރު މުހައްމަދު ޝިހާބް ބައިވެރިވެވަޑައިގަތެވެ.

އެ ހަރަކާތުން މިއަދު ބުނިގޮތުގައި މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޯތީގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ޑްރާފްޓްކޮށްފައި އޮތް ޕްލޭނެއް ރައީސަށް ހުށަހަޅައި، އެ ތަންފީޒުކޮށްދޭން އިއްޔެގެ ބައްދަލުވުމުގައި ވާނީ އެދިފަ އެވެ. އެ ޕްލޭންގައި ގުޅިފަޅުން 12،000 ގޯއްޗާއި ފުށި ދިއްގަރުފަޅުން 42،000 ގޯތި މާލޭގެ ރައްޔިތުންނަށް ދޫކުރަން އެދުނެވެ. އަދި އުތުރު ތިލަފަޅަށް ކުނި އެންދުން ބަދަލުކޮށް އެތަން މުސްތަގުބަލުގެ ޖީލަށް ތައްޔާރުކޮށްދޭން ވެސް ރައީސަށް ދެންނެވި ކަމަށް ގޯތި ހަރަކާތުން ބުންޏެވެ.

އެ ޕްލޭނަކީ ކުރިއަށް އޮތް 70-100 އަހަރު މާލޭގެ ގޯތީގެ ދަތިކަމަށް ދާއިމީ ހައްލެއް ކަމަށް ވެސް އެ ހަރަކާތުން ދެކެ އެވެ.

މި ސަރުކާރުގެ އެންމެ ބިޔަ އެއް މަޝްރޫއު، ގުޅީފަޅުގައި ވިޔަފާރި ބަނދަރު ތަރައްގީކުރުމާ އެ ހަރަކާތުން ދެކޮޅެވެ. އެތަނުގައި ޕޯޓް އަޅާތީ އިއްޔެގެ ބައްދަލުވުމުގައި ވެސް ޝަކުވާ ހުށަހެޅި އެވެ.

ގުޅީފަޅުގައި ސަރުކާރުގެ ޕްލޭނާ އެއްގޮތަށް ޕޯޓް އެޅުން ނޫން ގޮތެއް ނެތް ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވުމުން، ގޯތި ހަރަކާތުން ވަނީ އެ މީހުން އަޑުއުފުލަމުން އަންނަ ގޮތަށް އެ ނޫން ހައްލެއް ހޯދަން އެދިފަ އެވެ. ގުޅީފަޅާއި ތިލަފުށި އެއްކޮށްލައިގެން ޕޯޓް އެޅުމުގެ ބަދަލުގައި އެ ހަރަކާތުން ހުށަހެޅީ ޕޯޓަށް ތިލަފުށި ޚާއްސަކޮށް، ގުޅީފަޅުން މާލޭގެ ރައްޔިތުންނަށް ގޯތިދޭށެވެ.

"ރައީސް ސޯލިހާ އެކު ބޭއްވުނީ ވަރަށް އުއްމީދީ ބައްދަލުވުމެއް. މި ބައްދަލުވުމުން ރައީސް ސޯލިހްގެ ފަރާތްޕުޅުން މިކަމުގައި ކުރިއަށް ދެވޭނެ ކަމުގެ ޔަގީންކަމެއް މިހާރު ހަރަކާތަށް ލިބިފައިވޭ. ހުށަހެޅުންތައް ކައިރިން ބައްލަވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި،" ބައްދަލުވުމަށް ފަހު ގޯތި ހަރަކާތުގެ 3،000 މެމްބަރުންނާ ހިއްސާކުރި މެސެޖުގައި ވެ އެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަކީ އެމްޑީޕީގެ ސަރުކާރުގެ ވައުދެއްކަން އެ ހަރަކާތުން އަންނަނީ ހަނދާންކޮށްދެމުންނެވެ. ގޯތި ނުލިބުމުގެ ޝަކުވާތަކާ އެކު މި ހަރަކާތުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ވެސް ބައްދަލުކޮށްފަ އެވެ.

ވަރަށް ހާލުގައި ދިރިއުޅޭ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ޚާއްސަ މަޝްރޫއުތަކެއް މި މަހާއި އަންނަ މަހުގެ ތެރޭގައި ފައްޓަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެމަނިކުފާނުގެ ވެރިކަމަށް ދެ އަހަރު ފުރުނު ދުވަހު ވިދާޅުވެފަ އެވެ. އެކަމަކު އެ މަޝްރޫއުތަކުގައި ދޭން ހަމަޖައްސާފައި ވަނީ ފްލެޓެވެ.