Roadha Mihaaru
މެސީގެ ހާލަތާ ހެދި ސުއަރޭޒަށް އަސަރުކޮށްފި

މެސީގެ ހާލަތާ ހެދި ސުއަރޭޒަށް އަސަރުކޮށްފި

24 ނޮވެމްބަރ 2020

މެޑްރިޑް (ނޮވެމްބަރު 24) - ބާސެލޯނާގައި މިހާރު ލިއޮނަލް މެސީ އަށް ކުރިމަތިވަމުންދާ ކަންތައްތަކާ ހެދި އޭނާ އަށް އަސަރުކޮށްފައިވާ ކަމަށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ ދޫކޮށް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވި ފޯވާޑް ލުއިސް ސުއަރޭޒް ބުނެފި އެވެ.

މެޑްރިޑް (ނޮވެމްބަރު 24) - ބާސެލޯނާގައި މިހާރު ލިއޮނަލް މެސީ އަށް ކުރިމަތިވަމުންދާ ކަންތައްތަކާ ހެދި އޭނާ އަށް އަސަރުކޮށްފައިވާ ކަމަށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ ދޫކޮށް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވި ފޯވާޑް ލުއިސް ސުއަރޭޒް ބުނެފި އެވެ.

މި ސީޒަން ފެށުމުގެ ކުރިން މެސީ ވަނީ ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން ރަސްމީކޮށް އެ ކްލަބަށް އަންގައިފަ އެވެ. އެކަމަކު މެސީގެ ކޮންޓްރެކްޓްގައި ހިމެނޭ މާއްދާއެއްގެ ބޭނުންހިފައި ބާސެލޯނާ އިން އޭނާ މަޑުކުރުވީ އެވެ. މެސީ އޭރު ބުނީ އޭނާ އެންމެ ލޯބިވާ ކްލަބް ދޫކޮށްލަން ކޯޓަށް ގޮސްގެން ކަންތައްތައް ކުރަން ބޭނުންނުވާތީ ޓީމުގައި މަޑުކުރީ ކަމަށެވެ.

މެސީ މަޑުކުރުވި ނަމަވެސް ބާސެލޯނާ އިން ވަނީ ސުއަރޭޒް ދޫކޮށްލައިފަ އެވެ. ސުއަރޭޒް ދޫކޮށްލިއިރު ބާސެލޯނާ އިން ކަންތައްތައް ކުރިގޮތާ މެދު މެސީ ވަނީ ހިތްހަަމަނުޖެހުން ފާޅުކޮށްފަ އެވެ. މި ސީޒަނުގެ ނިޔަލަށް ބާސެލޯނާގެ ކޮންޓްރެކްޓްގައި ހުރި މެސީ އަދިވެސް އޭނާގެ މުސްތަގުބަލާ މެދު ވަކިގޮތެއް ނުނިންމަ އެވެ. ދާދި ފަހުން މެސީ ވަނީ ބާސެލޯނާގެ ކޮންމެ މައްސަލައެއްގައި ވެސް އޭނާ ބޮލުގައި ޒިންމާ އަޅުވާތީ އެކަމާ ކަންބޮޑުވާ ކަމަށް ބުނެފަ އެވެ.

މެސީގެ ގާތް އެކުވެރިއެއްގެ ގޮތުގައި ބާސެލޯނާގައި ވެސް ފެނިގެންދިޔަ ސުއަރޭޒް ބުނީ ހާލަތު އޮތީ މެސީ އަށް ދެރަކޮށް ކަމަށާއި އެކަން ބަދަލުކުރަން އޭނާ އަށް ކުރެވޭނެ މަސައްކަތެއް ކުރާނެ ކަމަށެވެ.

"މެސީއާ އެއް ޓީމަކަށް ކުޅުނު ކުޅުންތެރިއެއްގެ ހައިސިއްޔަތުން އަދި ގާތް އެކުވެރިއެއްގެ ގޮތުގައި ވެސް އަބަދުވެސް އަހަރެންގެ ފުރިހަމަ ސަޕޯޓް މެސީ އަށް އޮންނާނެ. މިހާރު އޭނާ އަށް ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން އަހަންނަށް އަސަރުކުރޭ،" ސުއަރޭޒް ބުންޏެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ މިދިޔަ ހޮނިހިރު ދުވަހުގެރޭ އެތުލެޓިކޯ މެޑްރިޑުން ބާސެލޯނާގެ މައްޗަށް 1-0 އިން ކުރިހޯދި މެޗުގައި ސުއަރޭޒަށް ނުކުޅެވުނެވެ. ސުއަރޭޒް ބުނީ މިހާރު ކުރިމަތިވެފައިވާ ކަންތައްތަކުން އަރައިގަނެ އަދިވެސް މެސީ އަށް އޭނާގެ އެންމެ މޮޅު ކުޅުން ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ރަށުން ބޭރުގައި ޔޫކްރޭނުގެ ޑިނަމޯ ކިއޭވްއާ ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗަށް ނެގި ސްކޮޑުގައި މެސީ އާއި ފްރެންކީ ޑި ޔޯން ނުހިމެނެ އެވެ. ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ އެ ދެ ކުޅުންތެރިންގެ ފިޓްނަސް އަށް ބަލާފައި މި ވަގުތަށް އެންމެ ރަނގަޅީ އެ ކުޅުންތެރިން އަރާމްކުރަން ފުރުސަތު ދިނުން ކަމަށްވާތީ އެ ގޮތަށް ނިންމީ ކަމަށެވެ.