Roadha Mihaaru

އެމެރިކާގެ އެންމެ ޝަރަފްވެރި ތައްޓާ އެކު މެސީގެ ދެ އެކުވެރިން ކުޅުން ހުއްޓާލައިފި

އެމެރިކާގެ އެންމެ ޝަރަފްވެރި ތަށި ކަމަށްވާ މޭޖާ ލީގް ސޮކާ (އެމްއެލްއެސް) ކަޕް އުފުލާލުމަށް ފަހު ލިއޮނެލް މެސީ އާއެކު އިންޓަ މަޔާމީއަށް ކުޅެމުން އައި ސްޕެއިންގެ ޖޯޑީ އަލްބާ، 36، އާއި ސާޖިއޯ ބުސްކެޓްސް، 37، ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

ޝަރަފްވެރި ތައްޓާ އެކު މެސީގެ އެކުވެރިން ރިޓަޔާކޮށްފި

އެމެރިކާގެ އެންމެ ޝަރަފްވެރި ތަށި ކަމަށްވާ މޭޖާ ލީގް ސޮކާ (އެމްއެލްއެސް) ކަޕް އުފުލާލުމަށް ފަހު ލިއޮނެލް މެސީ އާއެކު އިންޓަ މަޔާމީއަށް ކުޅެމުން އައި ސްޕެއިންގެ ޖޯޑީ އަލްބާ، 36، އާއި ސާޖިއޯ ބުސްކެޓްސް، 37، ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

މެސީ އާއި އަލްބާ އަދި ބުސްކެޓްސް އާއެކު ބާސެލޯނާއަށް ކުޅުނު ހަވިއޭ މަޝަރާނޯގެ ކޯޗުކަމުގައި ކުޅޭ އިންޓަ މަޔާމީ، މިއަދު ހެނދުނު އެމްއެލްއެސް ކަޕްގެ ޗެމްޕިއަންކަން ހޯދީ 3-1 އިން ވެންކޫވާ ވައިޓްކެޕްސް ބަލިކުރުމަށް ފަހު އެވެ.

މިއީ 38 އަހަރުގެ މެސީގެ ކެރިއަރުގެ 48 ވަނަ ތައްޓެވެ. މޭޖާ ޓްރޮފީސްގެ ގޮތުގައި 44 ތަށި މީޑިއާތަކުން ރިޕޯޓް ކުރާ އިރު، މީގެ ތެރެއިން ގިނަ ތަށި ކާމިޔާބު ކޮށްފައި ވަނީ އަލްބާ އާއި ބުސްކެޓްސް އަދި މަޝަރާނޯ އާ ވެސް އެކު ބާސެލޯނާގަ އެވެ.

މި ކުޅުންތެރިންނާ އެކު ބާސެލޯނާއަށް ކުޅުނު ލުއިސް ސުއަރޭޒް އިނީ މި މެޗުގައި ބެންޗުގަ އެވެ. އޭނާގެ ކޮންޓްރެކްޓް ވެސް މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ.

އަލްބާ (ކ) އާއި ބުސްކެޓްސް (ވ) ވަނީ މެސީއާ އެކުގައި އިންޓަ މަޔާމީއަށް ބަދަލުވެ، ކްލަބުގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ތައްޓެއް ހޯދައިފަ.-- ފޮޓޯ: ގެޓީ

އަލްބާ (ކ) އާއި ބުސްކެޓްސް (ވ) ވަނީ މެސީއާ އެކުގައި އިންޓަ މަޔާމީއަށް ބަދަލުވެ، ކްލަބުގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ތައްޓެއް ހޯދައިފަ.-- ފޮޓޯ: ގެޓީ

ބުސްކެޓްސް އާއި އަލްބާ ވެސް ބާސެލޯނާގެ ކޮންޓްރެކްޓް ހަމަވުމުން އިންޓަ މަޔާމީއާ ގުޅުނީ، މެސީ އާއެކު 2023 ގެ ޖުލައި މަހު އެވެ. އަލްބާ، ސްޕެއިންގެ ގައުމީ ޓީމަށް 93 މެޗު ކުޅެދީފައި ވާއިރު، ބުސްކެޓްސް ބަނީ 143 މެޗު ކުޅެދީފަ އެވެ. ބާސެލޯނާގައި އެކުގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު ތިން ކުޅުންތެރިން ވަނީ، އެ އަހަރުގެ ލީގްސް ކަޕް ކާމިޔާބު ކޮށްދީ، ކްލަބުގެ ފުރަތަމަ ތަށި ހޯދައިދީފަ އެވެ. އަދި މިދިޔަ އަހަރު އެމްއެލްއެސް ރެގިއުލާ ސީޒަންގެ އެއް ވަނަ ހޯދައިގެން ސަޕޯޓާސް ޝީލްޑާ އެކު ވަނީ ހޯސްޓް ގައުމަށް ދިން ފީފާ ކްލަބް ވޯލްޑް ކަޕްގެ ޖާގަ ހޯދައިދީފަ އެވެ.

"މިއީ ވަރަށް އުފާވެރި ކަމެއް، އަހަރެމެން ތިން މީހުން އެކުގައި މި ކްލަބަށް އައިސް އަމާޒަކަށް ވީ، ކުރިން ބުނިހެން، މި ތަށި ކާމިޔާބު ކުރުން. މިއީ ކްލަބުގެ ކުރިއެރުމަށް ވެސް މުހިއްމު ކާމިޔާބެއް،" މެޗަށް ފަހު އީއެސްޕީއެންއާ ވާހަކަ ދައްކަމުން މެސީ ބުންޏެވެ.

"ޗެމްޕިއަނުންގެ ގޮތުގައި ތައްޓަކާ އެކު އެމީހުން [އަލްބާ އާއި ބުސްކެޓްސް] ކުޅުން ނިންމާލާތީ ވަރަށް އުފާވޭ. އެއީ އެންމެ ގާތް އެކުވެރިން ހަމަ، ވަރަށް ލޯބިވޭ. އަދި އަހަރެންގެ މުޅި ކެރިއަރު އެ ކުޅުންތެރިންނާ އެކު ކުޅެ، މިހާ އުފާވެރިކޮށް ދެ ކުޅުންތެރިންގެ ކެރިއަރު ނިންމާލުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް."

މެސީ އާއި އިންޓަ މަޔާމީގެ ކުޅުންތެރިން އެމްއެލްއެސް ޓްރޮފީ އުފުލާލަނީ.-- ފޮޓޯ: އޭއެފްޕީ

މެސީ އާއި އިންޓަ މަޔާމީގެ ކުޅުންތެރިން އެމްއެލްއެސް ޓްރޮފީ އުފުލާލަނީ.-- ފޮޓޯ: އޭއެފްޕީ

މިދިޔަ އަހަރުގެ ނޮވެމްބަރުގައި އިންޓަ މަޔާމީގެ ކޯޗުކަމާ ހަވާލުވި މަޝަރާނޯ ބުނީ އަލްބާ އާއި ބުސްކެޓްސް އަކީ ފުޓްބޯޅައިގެ ލެޖެންޑުން ކަމަށެވެ.

"ދެ ކުޅުންތެރިން ވެސް ވަނީ ލިއޯ [މެސީ] އާއެކު ކްލަބްގެ ތާރީހު މުޅިން ބަދަލު ކޮށްލައިފައި. ކުރު މުއްދަތެއްގައި މި ކްލަބްގެ ތާރީހުން ހާއްސަ ޖާގައެއް ހޯދައިފައި. މިކަން ހާސިލް ކުރަން މި ކުޅުންތެރިން މި ކްލަބާ ގުޅުނީ،" މަޝަރާނޯ ބުންޏެވެ.

އެމްއެލްއެސް ލީގުގެ ދެ ކޮންފަރެންސްގެ ކުޅުމަށް ފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާފައިވާ ޓީމަކީ ސަޕޯޓާސް ޝީލްޑް ޗެމްޕިއަނުންނެވެ. ނަމަވެސް އެމްއެލްއެސް ޕްލޭއޮފްގައި ކަޕް ކާމިޔާބު ކުރާ ޓީމު ވަނީ މުޅި ސީޒަންގެ ޗެމްޕިއަނުންނަށެވެ. މިއާ އެކު ލީގު (ސަޕޯޓާސް ޝީލްޑް) ގެ ޗެމްޕިއަން ކަމަށްވުރެ އެމެރިކާގައި އެންމެ ޝަރަފްވެރި ތަށީގެ ގޮތުގައި އެ ގައުމުން ސިފަކުރަނީ އެމްއެލްއެސް ކަޕެވެ.

އިންޓަ މަޔާމީގެ ޗޭސް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ އަށްވަނަ މިނިޓުގައި އިންޓަ ލީޑު ނެގީ، ތޯމަސް މުލާ ކުޅެމުން އަންނަ ވެންކޫވާގެ ޑިފެންޑަރެއްގެ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ވެންކޫވާ ވަނީ 60 ވަނަ މިނިޓުގައި އަލީ އަހުމަދުގެ ގޯލަކުން އެއްވަރު ކޮށްފަ އެވެ.

ނަމަވެސް މެސީގެ އެހީތެރިކަމާ އެކު ދެ ގޯލު ޖަހައި އިންޓަ މަޔާމީ ވަނީ މެޗު ކާމިޔާބުކޮށްފަ އެވެ.

ޑި ޕޯލް (ވ) ގެ ލަނޑު އެސިސްޓް ކޮށްދިނުމަށް ފަހު މެސީ އުފާފާލުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޑި ޕޯލް (ވ) ގެ ލަނޑު އެސިސްޓް ކޮށްދިނުމަށް ފަހު މެސީ އުފާފާލުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޗުގެ 71 ވަނަ މިނިޓުގައި އިންޓަ މަޔާމީއަށް އަލުން ލީޑު ނަގައިދިން ލަނޑު ޖެހީ މި އަހަރު އެ ޓީމަށް ބަދަލުވި، ދަނޑުމަތީގައި މެސީގެ "ބޮޑީގާޑް" ކަމަށް ގިނަ ބަޔަކު ސިފަކުރާ މިޑްފީލްޑަރު ރޮޑްރިގޯ ޑި ޕޯލް އެވެ. މަޔާމީ ޗެމްޕިއަންކަން ކަށަވަރުކުރީ އިތުރު ވަގުތުގެ ހަވަނަ މިނިޓުގައި ސްޕެއިންގެ ސެލްޓަ ވިގޯގެ ލޯނު އެއްބަސްވުމެއްގައި އެޓީމަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް ޓަޑެއޯ އަލެންޑޭ ޖަހައިދިން ލަނޑުންނެވެ.

"އަހަރެންނަކީ ވަރަށް ނަސީބު ގަދަ މީހެއް. އެއީ އަހަރެން ވާނީ ލެޖެންޑް ލިއޯ [މެސީ] ގެ ސޮއި ހޯދައިފަ،" އިންޓަ މަޔާމީގެ ވެރިޔާ ޑޭވިޑް ބެކަމް ހާމަކުރި އެވެ.

މެސީ އާއި ބެކަމް އަދި އިންޓަ މަޔާމީގެ ވެރިންނާ އެކު އެމްއެލްއެސް ޓްރޮފީ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

މެސީ އާއި ބެކަމް އަދި އިންޓަ މަޔާމީގެ ވެރިންނާ އެކު އެމްއެލްއެސް ޓްރޮފީ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

މެސީ ވަނީ އީސްޓާން ކޮންފަރެސް ފައިނަލް ކާމިޔާބުކޮށް އެމްއެލްއެސް ކަޕުން އިންޓަ މަޔާމީ ފުރުސަތު ހޯދި މެޗުގައި އެސިސްޓެއް ކޮށް، 405 އެސިސްޓާ އެކު ކުރީގެ ލެޖެންޑް ފެރެންކް ޕުސްކަސް ފަހަތަށް ޖައްސާލައި ފުޓްބޯޅައިގެ ތާރީހުގައި އެންމެ ގިނަ އެސިސްޓް ކުރި ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ.

މިއަދު ކުޅުނު ކަޕް ފައިނަލްގައި ކުރި ދެ އެސިސްޓާ އެކު އޭނާ ވަނީ ޖުމްލަ 407 އެސިސްޓް ކޮށްފަ އެވެ. އަދި ޖުމްލަ 1136 މެޗުން އޭނާ ވަނީ 896 ގޯލު ޖަހައިފަ އެވެ.

އެމްއެލްއެސް ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް މިއަދުގެ މެޗަށް ފަހު ލިބުނީ މެސީ އަށެވެ. ޕްލޭއޮފްގައި އެންމެ ގިނަ އެސިސްޓް ކޮށްފައި ވަނީ އޭނާ އެވެ. އަދި ނުވަ ގޯލު ޖެހި ޓަޑެއޯ އަލެންޑޭގެ ފަހަތުން ދެ ވަނަ އަށް އެންމެ ގިނަ ލަނޑު ޖަހާފައި ވަނީ މެސީ އެވެ. އޭނާ ވަނީ ހަ ގޯލު ޖަހައިފަ އެވެ. ޖުމްލަ 29 ގޯލާ އެކު ލީގުގެ ރަން ބޫޓު ހޯދި މެސީ ވަނީ މި ސީޒަންގައި އިންޓަ މަޔާމީއަށް 49 މެޗުން 43 ގޯލު ޖަހައި 26 އެސިސްޓް ކޮށްފަ އެވެ.

އިންޓަ މަޔާމީއަށް ބަދަލުވި ފަހުން މެސީ ވަނީ މިހާތަނަށް އެ ޓީމަށް 88 މެޗު ކުޅެދީ، 77 ގޯލު ޖަހައި 42 ގޯލު އެސިސްޓް ކޮށްފަ އެވެ. އަދި މެސީ ވަނީ 2028 ގެ ނިޔަލަށް އިންތަ މަޔާމީއަށް ކުޅެން ސޮއި ކޮށްފަ އެވެ.