Roadha Mihaaru
ޑޮލަރުގެ ކަޅު ބާޒާރުގެ ބާރު ކަނޑުވާލަން ވެއްޖެ!

ޑޮލަރުގެ ކަޅު ބާޒާރުގެ ބާރު ކަނޑުވާލަން ވެއްޖެ!

25 ނޮވެމްބަރ 2020

މިއީ ވަރަށް ސާފުކޮށް ފެންނަން އޮތް މައްސަލައެކެވެ. ރާއްޖެ އަށް ބޭނުންވާ ވަރަށް ޑޮލަރު ލިބެ އެވެ. މިދިޔަ އަހަރުގެ ހިސާބުތަކަށް ބަލާއިރު އުފެއްދުންތެރިކަމުން ރާއްޖެ އަށް 3.7 ބިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. އެކަމަކު މީރާގެ ތަފާސްހިސާބުތަކުން ދައްކަނީ ސަރުކާރަށް އޭގެ ތެރެއިން ލިބިފައި ވަނީ އެންމެ 654 މިލިއަން ޑޮލަރު ކަމެވެ. އެއީ ރާއްޖެ އަށް ވަންނަ ޑޮލަރުގެ އެންމެ 17 ޕަސެންޓެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

މިއީ ވަރަށް ސާފުކޮށް ފެންނަން އޮތް މައްސަލައެކެވެ. ރާއްޖެ އަށް ބޭނުންވާ ވަރަށް ޑޮލަރު ލިބެ އެވެ. މިދިޔަ އަހަރުގެ ހިސާބުތަކަށް ބަލާއިރު އުފެއްދުންތެރިކަމުން ރާއްޖެ އަށް 3.7 ބިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. އެކަމަކު މީރާގެ ތަފާސްހިސާބުތަކުން ދައްކަނީ ސަރުކާރަށް އޭގެ ތެރެއިން ލިބިފައި ވަނީ އެންމެ 654 މިލިއަން ޑޮލަރު ކަމެވެ. އެއީ ރާއްޖެ އަށް ވަންނަ ޑޮލަރުގެ އެންމެ 17 ޕަސެންޓެވެ.

ސުވާލަކީ މިއެވެ؛ ބާކީ ހުރި ޑޮލަރުތަކަށް ވަނީ ކިހިނެއް ހެއްޔެވެ؟ ރާއްޖޭގެ އިގްތިސާދުގެ ތެރެއަށް، ނުވަތަ ބޭންކިން ނިޒާމުގެ ތެރެއަށް އެ ޑޮލަރުތައް ވަދޭ ހެއްޔެވެ؟ ނުވަންނަންޏާ ނުވަންނަނީ ކީއްވެ ހެއްޔެވެ؟

ޑޮލަރުގެ ކަޅު ބާޒާރު އުފެދި، ޑޮލަރު ތާށިވަނީ ކީއްވެ؟

ރާއްޖެ އަށް ވަންނަ ބޭރު ފައިސާގެ އެންމެ ބޮޑު ބައެއް ލިބެނީ ޓޫރިޒަމް ދާއިރާ އަށެވެ. މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓޫރިޒަމުން އެކަނި ވެސް ރާއްޖެ އަށް 3.4 ބިލިއަން ޑޮލަރު ލިބިފައި ވެ އެވެ. އޭގެ އިތުރުން، ދެން ލިބިފައި ވަނީ މަހުގެ ބާވަތްތަކާއި ޖެޓްފިއުލް ރީއެކްސްޕޯޓް ކޮށްގެން 361 މިލިއަން ޑޮލަރެވެ. ގައުމު ހިންގަން ބޭނުންވާ ބޭރު ފައިސާގެ ނިސްބަތަށް ބަލާއިރު، 3.7 ބިލިއަން ޑޮލަރަކީ ރާއްޖެ އަށް މާ ބޮޑަށް ވެސް ރަނގަޅު އަދަދެކެވެ. އެކަމަކު ރާއްޖޭގައި އެކަން ވަނީ އެހެނެއް ނޫނެވެ. ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ބޭންކިން ނިޒާމުގައި ނުޖެހި އެ ޑޮލަރުތައް އެކި ގޮތްގޮތުން ބޭރުވާތީ ޑޮލަރުގެ ތާށިކަމަކީ އަބަދުހެން ބޮލުގައި ރިއްސާލަ ރިއްސާލަ އޮންނަ މައްސަލައެކެވެ.

"ޑޮލަރުގެ ކަޅު ބާޒާރުގައި ވެސް މި އެނބުރެނީ ހަމަ އެ ޑޮލަރުތައް. ހަގީގަތަކީ ޑޮލަރުގެ ކަޅު ބާޒާރު ނުވަތަ ރާއްޖޭގެ މުޅި ޑޮލަރުގެ ބާޒާރު ވެސް މި ކޮންޓްރޯލްކުރަނީ ރިސޯޓްތަކުން ލިބޭ ޑޮލަރުންކަން،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި ތަޖުރިބާކާރު ވިދާޅުވި އެވެ.

"ޑޮލަރުގެ އާމްދަނީގެ 80 ޕަސެންޓް މި ހުންނަނީ ބޭންކިން ނިޒާމުގެ ތެރެއަށް ނުވަދެ."

ޑޮލަރުގެ ކަޅު ބާޒާރުގެ ބާރު ކަނޑުވާލަންވެއްޖެ!

ޑޮލަރުގެ ކަޅު ބާޒާރުގެ ބާރު ކަނޑުވާލަންވެއްޖެ!

މުޅި ރާއްޖެ އަކީ މުޅިން އިމްޕޯޓަށް ބަރޯސާވެފައި އޮންނަ ގައުމަކަށް ވާތީ އެމްއެމްއޭ އަށް ވަންނަ ޑޮލަރުކޮޅު އެކަންޏަކުން ނުފުދެ އެވެ. އެހެންވެ، ހުރިހާ ވިޔަފާރިތަކުން ވެސް ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހެ އެވެ.

މުދަލާއި ހިދުމަތުގެ އަގުތައް ހަގީގަތުގައި އުފުލެނީ ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަނެގެން މުދާ އިމްޕޯޓް ކުރަން ޖެހުމުންނެވެ. އެކަން ހައްލު ކުރެވެން އޮތީ އެންމެ ގޮތަކަށެވެ. ހެދެން އޮތީ ވެސް އެންމެ ފަންޑިތައެކެވެ. އެއީ ރާއްޖެ އަށް ވަންނަ ޑޮލަރު ބޭންކިން ނިޒާމުގެ ތެރެއިން، ނުވަތަ އެމްއެމްއޭ އުން ހުއްދަ ދީފައިވާ ބައެއްގެ އަތުން މާރުކުރެވޭ ގޮތަށް ބަދަލުކުރުމެވެ. އިގްތިސާދީ ހުރިހާ ތަޖުރިބާކާރުން ވެސް، އަދި ސަރުކާރާއި އެމްއެމްއޭ ވެސް ގަބޫލުކުރާ ގޮތުގައި ޑޮޮލަރުގެ ވިޔަފާރި މިހާރު މިއޮތީ ހައްދެއް ނެތި ދޫކޮށްލެވިފަ އެވެ. ޑޮލަރުގެ މައްސަލާގައި މިއޮތީ އެހެން ހުރިހާ ގައުމުތަކާ ހިލާފަށް މާ ބޮޑަށް ދޫދެވިފަ އެވެ.

މައްސަލަ އަކީ ކޮބާ؟

"މައްސަލަ އަކީ މަނިޓަރީ ގަވައިދުގެ ފަސް ވަނަ މާއްދާ ތަންފީޒު ނުކުރެވުން. އޭރުން ޑޮލަރުގެ މައްސަލަ ހައްލުވީ،" އިގްތިސާދީ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

"މިކަންކަން އިސްލާހު ކުރުމަށް ސަރުކާރާއި އެމްއެމްއޭ އިން ފަހަތު ފަޔަށް ބަރުވެފައި އޮންނަތާ ޒަމާންތަކެއް ވެއްޖެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކެނީ އެމްއެމްއޭގެ މަނިޓަރީ ގަވައިދު ތަންފީޒު ނުކުރާތީ."

އެމްއެމްއޭގެ މަނިޓަރީ ގަވައިދުގެ ފަސް ވަނަ މާއްދާގައި ބުނެފައި ވަނީ ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރިއެއްގެ ހުރިހާ އެއްޗެއްގެ އަގާއި މަސައްކަތުގެ އަގާއި ހިދުމަތުގެ އަގާއި ފީ އާއި ކުލި ފަދަ ތަކެތީގެ އަގު އަދާކުރުމަށް ރާއްޖޭގެ ރުފިޔާ ފިޔަވައި އެހެން ފައިސާއެއް ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

އެކަމަކު ދުނިޔޭގެ ގިނަ ގައުމުތަކާ ހިލާފަށް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން ބޭރު ފައިސާއިން މުއާމަލާތްތައް ކުރަން އާދަޔާ ހިލާފަށް ފަސޭހަ އެވެ. ބޭނުން ފަރާތަކަށް ޑޮލަރު އެކައުންޓް ހުޅުވައިދީ އަދި އެކައުންޓުން ރާއްޖެއިން ގަންނަ މުދަލާއި ހިދުމަތްތަކަށް އަގު އަދާކުރުމަކީ އާންމު ކަމެކެވެ. އެއް ބޭންކުގެ ކަސްޓަމަރަކު އަނެއް ބޭންކުގެ ކަސްޓަމަރަކަށް ދޭ ޗެކްތައް ބަރާބަރަށް އެމްއެމްއޭ އިން ކުލިއާކުރަމުން ވެސް ގެންދެ އެވެ. ބޭންކްގެ ކަސްޓަމަރުންނަށް އޭޓީއަމްތަކުން ނަގުދު ޑޮލަރު ވެސް ނެގެ އެވެ.

"އެހެން އެކަން ކުރަން ޖެހޭ ސަބަބުތަކެއް ވެސް ހުރޭ. މިސާލަކަށް، ރާއްޖޭގެ ޓޫރިޒަމް ގާނޫނުގައިވާ ގޮތުން މި ދާއިރާގެ ވިޔަފާރިވެރިން ސަރުކާރަށް ޓެކުހާއި އެހެނިހެން ފީތަކާއި، ޖޫރިމަނާތައް ދައްކަން މިޖެހެނީ ޑޮލަރުން. ސަރުކާރުން ހިންގާ ޕްރޮޖެކްޓަކަށް ޑޮލަރުން ފައިސާ ދިނުމަށް ބައެއް ފަހަރު އެގްރީމެންޓްތަކުގައި ވެސް އޮވޭ. މީގެ އިތުރުން ރާއްޖޭގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާއި ގެދޮރުގެ ކުލިތައް ވެސް ޑޮލަރުން ދޭން އޮވޭ. އަނެއްކާ ޑޮލަރުން ފައިސާ ދައްކާ ނަމަ އެކަށީގެންވާ ޑިސްކައުންޓެއް ދިނުމަކީ ވެސް ޑޮލަރުން ފައިސާ ދައްކާ ސަބަބެއް،" ތަޖުރިބާކާރު ވިދާޅުވި އެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި އެ ގައުމުގެ ފައިސާ ނޫން ފައިސާއެއް ބޭނުން ކުރުމަކީ މަނާ ކަމެކެވެ. އެންމެ ކައިރިން ސްރީ ލަންކާ، އިންޑިޔާ އަދި މެލޭޝިޔާ، ތައިލެންޑް ނުވަތަ ސިންގަޕޫރުން ވެސް ފެންނާނީ ހަމަ މި މަންޒަރެވެ. ޑޮލަރަކުން ވިޔަފާރިއެއް ނުކުރެވޭނެ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ އެ ގައުމުތަކުގައި އަމިއްލަ ފައިސާގެ ބާރާއި އަގު ހިފެހެއްޓުމާއި އެކްސްޗޭންޖް ރޭޓް ވަކި ނިޒާމެއްގެ ތެރޭގައި ގެންގުޅުމެވެ.

ޑޮލަރު އެންމެ ތާށިވި ދުވަސްވަރު ޑޮލަރު ގަންނަން ދިޔަ ބަޔަކު އެމްއެމްއޭގައި  - ފައިލް ފޮޓޯ: މިހާރު

ޑޮލަރު އެންމެ ތާށިވި ދުވަސްވަރު ޑޮލަރު ގަންނަން ދިޔަ ބަޔަކު އެމްއެމްއޭގައި - ފައިލް ފޮޓޯ: މިހާރު

"ރާއްޖޭގައި އެކަން ނުކުރެވި މި ހުރިހާ ދުވަހެއް ވޭތުވެގެން މިދަނީ. މީގައި ތުންތުންމަތިން އަޅުގަނޑުމެންނަށް އިވެނީ އެކަން ކުރިޔަ ނުދޭން ރާއްޖޭގެ މުއްސަނދިން މަސައްކަތް ކުރަނީއޭ. މިހެން ދޫކޮށްލައިފައި އޮތުމުން ރިސޯޓް އޯނަރުންނަށް ރިސޯޓް ހިންގައިގެން ލިބޭ އާމްދަނީގެ އިތުރުން ޑޮލަރު ވިއްކައިގެން ވެސް ވަރަށް ބޮޑު އާމްދަނީއެއް އެބަ ލިބޭ. އެހެންވީމަ އޭރަކު އޮންނަ ސަރުކާރަކަށް ވަރަށް ފިއްތުންތައް ކުރިމަތިކުރުވާ ކަމަށްވޭ،" ތަޖުރިބާކާރު ވިދާޅުވި އެވެ.

އަވަހަށް ހައްލު ހޯދަން ޖެހިފައިވާ މައްސަލައެއް

ރާއްޖެ ކަހަލަ ކުދި ގައުމުތަކުގައި އެ ގައުމެއްގެ ބޭންކިން ނިޒާމަށް ބޭރު ފައިސާ ވެއްދުމަށްޓަކައި، އެ ގައުމަކުން އެކްސްޕޯޓް ކުރާ ހުރިހާ އެއްޗަކުން ލިބޭ ބޭރު ފައިސާގެ މުއާމަލާތްތައް ހިންގަންވާނީ އެ ގައުމުގެ ބޭންކިން ނިޒާމުގެ ތެރެއިންކަން ގާނޫނުން ލާޒިމް ކުރެ އެވެ. އަދި އެކްސްޕޯޓް ކުރާ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ބައެއް އެ ގައުމުގެ ފައިސާ އަށް އެކްސްޗޭންޖް ކުރުމަށް މަޖުބޫރު ވެސް ކުރެ އެވެ. ހަމައެހެންމެ އެ ގައުމުތަކުގެ ފައިސާއިން މެނުވީ އެތެރޭގެ ވިޔަފާރީގެ މުއާމަލާތްތައް ކުރުމަކީ ވެސް މަނާ ކަމެކެވެ. އެ ގައުމުތަކުގައި ސަރުކާރަށް ދައްކަން ޖެހޭ ޓެކްސްތަކާއި އެހެނިހެން ފީތަކާއި ޖޫރިމަނާތައް ވެސް ނަގަނީ އެ ގައުމުގެ ފައިސާއިންނެވެ.

"ގާނޫނަކުން މަޖުބޫރުކޮށްގެން ނޫން ގޮތަކަށް ޑޮލަރުގެ މައްސަލަ އަށް ހައްލެއް އަންނާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ކަމަކީ މިކަން ގާނޫނަކުން ލާޒިމް ކުރުން. ދެ ވަނަ ކަމަކީ ތަންފީޒީ އިދާރާތައް މިކަން ރަނގަޅަށް ތަންފީޒުކުރުން. ހަގީގަތަކީ ރާއްޖޭގައި ދިވެހި ފައިސާގެ އަގު މި ދަނީ ވެއްޓެމުން. މިގޮތަށް ގާނޫނަކުން ލާޒިމް ކުރުމަކީ ދިވެހި ފައިސާގެ އަގު ހިފަހައްޓަން ވެސް އޮތް ހަމައެކަނި މަގު."

ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާ ވެފައިވާ ގައުމަކަށް ވާއިރު، ރާއްޖެ އަށް ޑޮލަރުން ވަންނަ އާމްދަނީ ވަރަށް ރަނގަޅަށް މޮނީޓާ ކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ތަޖުރިބާކާރުން ދެކެވަޑައިގަންނަވަ އެވެ. އެއް ބޭފުޅަކު ވިދާޅުވި ގޮތުގައި ބައެއް ރިސޯޓްތަކަށް ޓޫރިސްޓުން އަންނަ އިރު އެ މީހުން ދުނިޔޭގެ އެހެން ގައުމުތަކަށް ފައިސާ ދެއްކުމަށް ފަހު ވެސް ރާއްޖޭގައި ޗުއްޓީ އެބަ ހޭދަކުރެ އެވެ.

"އޭރުން ރާއްޖެ އަށް ލިބޭނެ އެއްވެސް ފައިސާއެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

މިއީ ސީރިއަސް މައްސަލައެއްކަން ދެނެގަނެ، ސަރުކާރުން ވެސް މިހާރު ވަނީ މި މައްސަލަ ޓޭބަލްގެ ކުރިއަށް ލައިފަ އެވެ. ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވިދާޅުވި ގޮތުގައި ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް އެމްއެމްއޭއާ ގުޅިގެން މަސައްކަތްތަކެއް އެބަ ކުރެވެ އެވެ. އަދި އެއީ، ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކެއް ގެނައުން ކަމަށް އެމަނިކުފާނު އިޝާރާތް ކުރެއްވި އެވެ. އޭގެ ނަތީޖާ ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ. އޭގެ އިތުރުން މިދިޔަ އޮކްޓޫބަރު މަހު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެފައިވާ ގޮތުގައި ޑޮލަރުގެ މައްސަލައިގައި މަނިޓަރީ ގަވައިދަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެންނާނެ އެވެ.

ރާއްޖޭގެ އިގްތިސާދީ ތަޖުރިބާކާރުންނާއި އައިއެމްއެފާއި ވޯލްޑް ބޭންކް ފަދަ އިދާރާތަކުން ވެސް ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ބާޒާރުގެ ކަންކަން ރެގިއުލޭޓް ކުރުމަށް ހަރުދަނާ ގާނޫނީ ނިޒާމެއް އެބަ ބޭނުންވެ އެވެ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި އޮތް ފޮރިން އެކްސްޗޭންޖްގެ ނިޒާމު ގޯހެއް ނޫނެވެ. މައްސަލަ އަކީ ޒަމާނަށް ފެތޭ ހަރުދަނާ ގާނޫނެއް ނެތުމެވެ. އަދި، އެ ގާނޫނު އައުން މިހާރު މާ ބޮޑަށް ލަސްވެއްޖެ ކަމަށް ވެސް އެ ބޭފުޅުން ގަބޫލުކުރައްވަ އެވެ.