Roadha Mihaaru
ގެނބުނު ޗައިނާ ދަރިވަރަކު ސަލާމަތްކުރީ ޑިޕްލޮމެޓެއް

ގެނބުނު ޗައިނާ ދަރިވަރަކު ސަލާމަތްކުރީ އިނގިރޭސި ޑިޕްލޮމެޓެއް

25 ނޮވެމްބަރ 2020

ކޯރަކަށް ވެއްޓި ގެނބެމުން ދިޔަ ޗައިނާގެ ޔުނިވަސިޓީއެއްގެ ދަރިވަރެއްގެ ފުރާނަ ސަލާމަތްކުރި އެ ގައުމުގައި ހުންނަވާ އިނގިރޭސި ޑިޕްލޮމެޓެއްގެ އަގުވަޒަންކޮށް ހާއްސަ ބެނާއެއް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޯރަކަށް ވެއްޓި ގެނބެމުން ދިޔަ ޗައިނާގެ ޔުނިވަސިޓީއެއްގެ ދަރިވަރެއްގެ ފުރާނަ ސަލާމަތްކުރި އެ ގައުމުގައި ހުންނަވާ އިނގިރޭސި ޑިޕްލޮމެޓެއްގެ އަގުވަޒަންކޮށް ހާއްސަ ބެނާއެއް ދީފި އެވެ.

އުމުރުން 24 އަހަރުގެ އަންހެން ދަރިވަރުގެ ފުރާނަ ސަލަމާތްކޮށްދިނީ ޗައިނާގެ ޗޮންގިންގައި ހުންނަ އިނގިރޭސި ކޮންސިއުލޭޓްގެ ކޮންސަލް-ޖެނެރެލް ސްޓެފެން އެލިސަނެވެ. ކޯރަށް އެރިވަޑައިގެން އޭނާ ދަރިވަރުގެ ފުރާނަ ސަލާމަތްކުރީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.

ރަށްފުށުގެ ސަރަހައްދެއްގައި ދަރިވަރުންތަކެއް ހަރަކާތްތެރި ވަމުން ދަނިކޮށް ކޯރަށް ވެއްޓުނު މަންޒަރު ފެންނަ ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވެފައިވެ އެވެ. ޗައިނާގައި ހުންނަ އިނގިރޭސި އެމްބަސީގެ ރަސްމީ ޓްވިޓާ އެކައުންޓުން ވެސް އެ ވީޑިއޯ ހިއްސާކޮށްފައިވެ އެވެ.

އެލިސަންގެ ހިތްވަރަށް ސާބަސް ދީ އޭނާ އަށް އެމްބަސީން ވެސް މަރުހަބާ ކިޔައި އެކަމާ ފަހަރުވެރިވާ ކަމަށް ބުނެފައިވެ އެވެ. އަދި ވަރަށް ގިނަ ބަޔަކު ވެސް އެލިސަން ދެއްކެވި ހިތްވަރަށް ތައުރީފުކޮށް އޭނާ ހީރޯއެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

ދަރިވަރު ކިޔަވާ ޔުނިވަސިޓީގެ ފަރާތުން އެލިސަން، 61، ގެ އަގުވަޒަންކޮށް ދިން މެރޫން ކުލަ އާއި އޮރެންޖް ކުލައިގެ ބެނާގައި ޗައިނާ ބަހުން ލިޔެފައި އިނީ "ގެނބެމުން ދިޔަ މީހެއްގެ ފުރާނަ ސަލާމަތްކޮށް ދިނުމުގައި ހިތްވަރާއި ކެރުމާއި ނަމޫނާ ދެއްކި" ކަމަށެވެ. ޗައިނާ ބަހުން "ޖިންގީ" ކިޔާ މިފަދަ ބެނާތައް ދެނީ ހިތްވަރު ގަދަ ނަމޫނާ ދައްކާ މީހުންނަށެވެ.

ޗައިނާ އިން ލިބުނު ބެނާއާ ބެހޭ ގޮތުން އެލިސަން ވިދާޅުވީ މިއީ ހަޔާތުގައި ވެސް ލިބިވަޑައިގަތް މިފަދަ ފުރަތަމަ ބެނާ ކަމަށެވެ.

ސްޓެފެން ބެނާއާ އެކު.

ސްޓެފެން ބެނާއާ އެކު.

"ވަރަށް އުފާވެއްޖެ މިފަދަ ޝަރަފެއް ލިބުނީތީ،" ނިއުކާސަލް އުފަން އެލިސަން ވިދާޅުވި އެވެ.

ޗޮންގިންގްގައި ހުންނަވާ ކޮންސަލް-ޖެނެރަލްގެ ހައިސިއްޔަތުން އެލިސަންގެ މައިގަނޑު ޒިންމާ އަކީ ޗައިނާ އާއި އިނގިރޭސިވިލާތާ ދެމެދު ވިޔަފާރީގެ ގުޅުންތައް ގާއިމުކުރަން މަސައްކަތްކުރެއްވުމެވެ.