Roadha Mihaaru
އިތުރު ދައުރަކަށް ކުރިމަތިނުލާން މަމްދޫހު ނިންމަވައިފި

އިތުރު ދައުރަކަށް ކުރިމަތިނުލާން މަމްދޫހު ނިންމަވައިފި

27 ނޮވެމްބަރ 2020

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސަކު ހޮވަން ދެން ބާއްވާ އިންތިޚާބުގައި ވާދަނުކުރައްވާނެ ކަމަށް މިހާރުގެ ރައީސް އަހުމަދު މަމްދޫހު (މަންޑޭ) ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސަކު ހޮވަން ދެން ބާއްވާ އިންތިޚާބުގައި ވާދަނުކުރައްވާނެ ކަމަށް މިހާރުގެ ރައީސް އަހުމަދު މަމްދޫހު (މަންޑޭ) ވިދާޅުވެއްޖެ އެވެ.

ބޮޑު ތާއީދަކާ އެކު އެމްބީއޭގެ ރައީސްކަމަށް މަމްދޫހު އިންތިހާބުވެވަޑައިގަތީ 2016 ވަނަ އަހަރު ޑިސެމްބަރު މަހުގަ އެވެ. އަންނަ މަހަށް މަމްދޫހުގެ ލީޑަޝިިޕްގެ ދައުރު ހަމަވާނެ އެވެ. އެމްބީއޭ އިން އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާއެއް އަންނަ މަހު 12 ވަނަ ދުވަހު ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މަމްދޫހު ވަނީ އޭނާގެ އެކްސްކޯގައި މަސައްކަތްކުރި މެމްބަރުންނަށް ޝުކުރު އަދާކޮށް ކުރިއަށް އޮތް އެ އެސޯސިއޭޝަނުގައި ވާދަނުކުރަން ނިންމާފައިވާކަން ފޭސްބުކުގައި އިއުލާނުކުރައްވާފަ އެވެ.

"އަހަރެންގެ ދައުރުގައި ކަނޑައެޅި ގިނަ ކަންކަން ހާސިލްކުރެވިފައިވުމާ އެކު އަހަރެން މި ވަނީ ކުރިއަށް އޮތް އެމްބީއޭ އިންތިހާބުގައި ވާދަނުކުރަން ނިންމާފައި. މީގެ ބޭނުމަކީ ދެން އޮތް ޖީލަށް ވެސް މި ފުރުސަތު ދިނުން،" މަމްދޫހު ވިދާޅުވި އެވެ.

ކޮވިޑް-19ގެ ސަބަބުން މި އަހަރު ބާއްވަން ރޭވި ގިނަ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބު ވެސް ބޭއްވުނީ ފުރަތަމަ ކަނޑައެޅި ތާރީހު ފަހަނައެޅި ފަހުންނެވެ.

އެމްބީއޭއާ މަމްދޫހުގެ ލީޑަޝިޕުން ހަވާލުވި ފަހުން ވަނީ ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތްތަކެއް ބާއްވައިފަ އެވެ. އެ ގޮތުން 2017 ވަަނަ އަހަރު ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތް (ސާބާ ޗެމްޕިއަންޝިޕް) މާލޭގައި ބޭއްވި އެވެ. އަދި މިދިޔަ އަހަރު ފީބާގެ ތުރީއޮންތުރީ ބާސްކެޓްބޯޅަ މުބާރާތުގެ އޭޝިއާ ކޮލިފިކޭޝަނުގެ މެޗުތައް ބޭއްވި އެވެ.

ކާމިޔާބީ އަށް ބަލާއިރު މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އިން ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމު ލޯ މެޑަލް ހޯދުން ހިމެނެ އެވެ. މިއީ ބާސްކެޓް އަންހެން ޓީމަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ލިބުނު ފުރަތަމަ މެޑަލް އެވެ.

ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް 2016 ވަނަ އަހަރު އޮކްޓޯބަރު މަހު ބޭއްވި އިންތިހާބުގައި ރައީސްގެ މަގާމަށް އަބްދުﷲ ސިނާން ހޮވިވަޑައިގެންނެވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އިސްތިއުފާ ދެއްވި އެވެ. އޭރު އޭނާ އަށް ރަސްމީ ހައިސިއްޔަތު ލިބިފައި ނުވާތީ އިސްތިއުފާ ގަބޫލު ނުކުރާނެ ކަމަށް ހޯމް މިނިސްޓްރީން ފުރަތަމަ ބުނި ނަމަވެސް، ފަހުން ވަނީ އޭނާ އިސްތިއުފާ ދެއްވި ކަމަށް ނިންމައިފަ އެވެ. އަލުން ޑިސެމްބަރު މަހު ބޭއްވި އިންތިހާބު މަމްދޫހު ކާމިޔާބުކުރެއްވީ ވޯޓުލި 18 ކްލަބްގެ ތެރެއިން 17 ކްލަބްގެ ވޯޓު ހޯދައިގެންނެވެ.