Roadha Mihaaru
ދެކުނު އޭޝިއާގެ ބާސްކެޓްބޯޅައިގެ ރައީސަކަށް އާދަމް

ދެކުނު އޭޝިއާގެ ބާސްކެޓްބޯޅައިގެ ރައީސަކަށް ރާއްޖޭގެ އާދަމް

15 ޖެނުއަރީ 2023

ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ ޖަމިއްޔާ (ސާބާ) ގެ ރައީސަކަށް، ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސް އަހުމަދު އާދަމް އިންތިހާބުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ ޖަމިއްޔާ (ސާބާ) ގެ ރައީސަކަށް، ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސް އަހުމަދު އާދަމް އިންތިހާބުކޮށްފި އެވެ.

ބެންގަލޫރުގައި އިއްޔެ ކުރިއަށް ގެންދިޔަ ސާބާގެ ކޮންގްރެސްގައި ބައިވެރިވި ފަސް ގައުމުން ވެސް ވަނީ ރައީސަކަށް އާދަމް އިންތިހާބު ކުރަން ވޯޓް ދީފަ އެވެ.

އެމްބީއޭގެ ރައީސްކަމުގެ މަގާމަށް އާދަމް އިންތިހާބުވީ 2019 ގަ އެވެ. ބާސްކެޓްބޯޅައިގެ އިންޓަ އޮފީސް އަދި ދެ ވަނަ ޑިވިޝަން މުބާރާތްތަކުގައި ކުޅުއްވި އެޑަމް، ބާސްކެޓްބޯޅަ އާ ދުރުގައި ގިނަ މުއްދަތެއް ހޭދަ ކުރުމަށް ފަހު އަލުން އެ ކުޅިވަރުގެ ތެރެއަށް ނުކުންނެވީ، 2016 ގައި ބޭއްވި އެ އެސޯސިއޭޝަންގެ އިންތިހާބުގައި ހަޒާންދާރުކަމުގެ މަގާމުންނެވެ.

އިއްޔެ ކޮންގްރެސްގައި އިންޑިއާގެ ޗަންދަރު މުކީ ޝަރުމާ، ސާބާގެ ޖެނަރަލް ސެކެރެޓަރީގެ މަގާމަށް ވެސް އިންތިހާބު ކުރި އެވެ. އިންޑިއާގެ އިދިކޮޅު ޕާޓީ ކޮންގްރެސް ޕާޓީގެ ޓިކެޓްގައި މުނިސިޕަލް ކައުންސިލާގެ މަގާމު ދެ ދައުރު ފުރުއްވި ޗަންދަރު އަކީ އިންޑިއާގެ ބާސްކެޓްބޯލް ފެޑެރޭޝަންގެ ޖެނަރަލް ސެކެރެޓަރީ އެވެ. އެ މަގާމު 2015 އިން ފެށިގެން އޭނާ ގެންދަވަނީ ފުރުއްވަމުންނެވެ. މިހާރު އާމް އާދަމީ ޕާޓީގައި އުޅުއްވާ ޗަންދަރު އަކީ އިންޑިއާގެ ޗަންދިގަރު ސިޓީގެ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ވެސް މެ އެވެ.