Roadha Mihaaru
"އެކްސިޑެންޓް ވީ ނަޒޫއާ ފޮށޭތީ ފަހަތަށް ބަލައިލުމުން"

"އެކްސިޑެންޓް ވީ ނަޒޫއާ މީހަކު ފޮށޭތީ ފަހަތަށް ބަލައިލުމުން"

29 ނޮވެމްބަރ 2020

ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވި އައިޝަތު ނަޒްރާ (ނަޒޫ) އިން ސައިކަލް އެކްސިޑެންޓް މީހަކު ފޮށުމުން ފަހަތަށް ބަލައިލި ވަގުތު ކަމަށް، ލޯބިވެރިޔާ މިއަދު ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވި އައިޝަތު ނަޒްރާ (ނަޒޫ) އިން ސައިކަލް އެކްސިޑެންޓް މީހަކު ފޮށުމުން ފަހަތަށް ބަލައިލި ވަގުތު ކަމަށް، ލޯބިވެރިޔާ މިއަދު ބުނެފި އެވެ.

ދެ އަހަރު އެކުގައި ހޭދަކުރި ލޯބިވެރިޔާ އާޒިފް އަބްދުލް ހަކީމް، ނަޒްރާގެ ހިތާމަވެރި މަރަށް ފަހު ވާހަކަ ދައްކަމުން ބުނީ، މިދިއަ ހުކުރު ވިލޭރޭ ދަރުމަވަންތަ ހޮސްޕިޓަލްގެ ހަމަ ކުރިމަތިން ބޮޑުތަކުރުފާނު މަގުގައި އެކްސިޑެންޓްވީ "ބާރަށް ދުއްވާފައި ދަނިކޮށް ނޫން" ކަމަށެވެ.

"ބާރަކަށް ނޫން ދިޔައީ ވެސް. އެކަމަކު ދަނިކޮށް އެތަނުގައި ހުރި މީހަކު ނަޒޫއާ ފޮށުނީމަ އަހަރެން ފަހަތަށް ބަލަން ހަދައިގެން ދަރުމަވަންތަ ހޮސްޕިޓަލް ހަމަ ކުރިމަތިން ޕޭމަންޓުގައި ޖެހި ކަހާލީ،" އާޒިފް ކިޔައިދިނެވެ.

އެކަމަކު ފުލުހުން ބުނެފައިވާ ގޮތުގައި އެކްސިޑެންޓް ހިނގީ އަމީނީ މަގުން ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލަށް ބާރު ސްޕީޑުގައި ނުކުތް ސައިކަލް ކޮންޓްރޯލް ނުވެ، ދުވާ ޓްރެކް މައްޗަށް އެރުމުން"ނެވެ.

ޅ. ހިންނަވަރަށް އުފަން ނަޒޫ، 24، ވިލިމާލޭގައި ހުރެފައި އެ ރޭ 10 ޖަހާކަންހާއިރު މާލެ އައީ ވެސް، އާޒިފް ބުނާ ގޮތުން، ދެ މީހުން އެކުގައި ސައިކަލް ދުއްވާލާށެވެ. ވިލިމާލެ ފެރީ ޓާމިނަލުން ނައްޓާލައިގެން މާ ދުރަށް ނުދެވެނީސް، އެކްސިޑެންޓް ވީ، ފަހަތަށް ބަލައިލި ވަގުތު، ސައިކަލް ކަހާލައިގެން ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ސައިކަލް ވެއްޓުމާ އެކު އޭނާ ތެދުވެ ބަލައިލި އިރު ނަޒްރާ އޮތީ، މަގުގެ މޫދާވީ ކޮޅުގައި ކަސްރަތަށް ހަދާފައި އޮތް ޓްރެކްމަތީގަ އެވެ. އޭރު ނޭފަތުންނާއި ކަންފަތުން ލޭ އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެތަނުން ނަޒޫ ނަގަން އެހީވި، ދަރުމަވަންތަ ހޮސްޕިޓަލްގެ ޕޮލިސް ޕޯސްޓްގައި އިން އަންހެން ފުލުހަކު،" އާޒިފް ބުންޏެވެ.

"ބިންމަތިން ނެގި އިރަށް ގުޅަގުޅަޔަށް ހޮޑަށް ލޭ އައި. އޭރު ވެސް ހޭހުރި."

ނަޒޫގެ ސިއްހީ ކަންތައްތަކުގައި އިސްކޮށް ހަރަކާތްތެރިވި ގާތް މީހަކު ބުނީ ސިކުނޑިއަށް ލިބުނު ގެއްލުން ބޮޑުކަމާ އެކު އައިޖީއެމްއެޗުގައި ފަރުވާދެވެން ނެތުމުން އޭޑީކޭއަށް ގެންދިޔައީ ކަމަށެވެ. ނަމަވެސް އޮޕަރޭޝަން ކުރުމުން ވެސް ހާލު ރަނގަޅުނުވި ކަމަށް، އޭނާ ބުންޏެވެ.

"އެހެން އޮއްވާ ރޭގައި ހަރަކާތް ވެސް ކުރި. ދެން ޑޮކްޓަރުން ބުނި ސަލާމަތްވާނެ ކަމުގެ އުންމީދު އެބަ އޮތޭ. އިތުރު ތިން ދުވަސް ވަންދެން އަދި ބާއްވާނީއޭ ވެންޓިލޭޓަރުގައި. އެހެން ހުއްޓާ މިއަދު ފަތިހު ކުއްލިއަކަށް ހިތް ހުއްޓުނީ،" އާއިލާގެ އެ މީހާ ކިޔައިދިނެވެ.

ނަޒްރާގެ ޖަނާޒާ، އާސަހަރާގައި އާއިލާއާއި އެކުވެރިން--- ފޮޓޯ: މިހާރު

ނަޒްރާގެ ޖަނާޒާ، އާސަހަރާގައި އާއިލާއާއި އެކުވެރިން--- ފޮޓޯ: މިހާރު

މަޑުމައިތިރި ހިތް ހެޔޮ ކުއްޖެއް

އެއްބަނޑު އެއްބަފާ ހަ ބެއިންގެ ތެރެއިން މާލޭގައި ދިރިއުޅެމުން އައީ ނަޒުރާ އެކަންޏެވެ.

ނަޒްރާ އަކީ ޓިކްޓޮކްގައި މަޝްހޫރުކަން ހޯދަމުން އައި ނެށުންތެރިއެކެވެ. ފާއިތުވި ދެ އަހަރު އޭނާ އުޅުނީ "ޓައިގާ ލިލީސް" ޑާންސް ގްރޫޕްގަ އެވެ. އެ ގްރޫޕްގެ މެމްބަރަކު ބުނީ އެއީ މިހާތަނަށް އޭނާއާ ބައްދަލުވި "އެންމެ ހިތް ހެޔޮ، ތެދުވެރި ކުއްޖާ" ކަމަށެވެ.

ނަޒްރާ އުއްމީދުކުރީ އަމިއްލަ ފައިމައްޗަށް ތެދުވެ ރަނގަޅު ދިރިއުޅުމެއް ހޯދަން ކަމަށް ވެސް، އޭނާ ބުންޏެވެ.

ރަށުގައި އޯލެވެލް ނިންމުމަށް ފަހު ނަޒްރާ މާލެ ބަދަލުވީ 2018 ގަ އެވެ.

ނަޒްރާގެ ގާތް އެކުވެރިޔަކު، ނަން ނުޖަހަން އެދި، ބުނީ އެއީ "މީހުންނަށް ވަރަށް އަޅާލައި ކުއްޖެއް" ކަމަށެވެ.

"ދުވަހަކު ވެސް މީހަކަށް ދެރައެއް ނޭދޭނެ،" ރަހުމަތްތެރިޔާ ބުންޏެވެ.