Roadha Mihaaru

އެކްސިޑެންޓުގެ މައްސަލަ މަރުގެ ތަހުގީގަކަށް

ހުކުރު ދުވަހުރޭ މާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މަރުވެފައިވާތީ އެކްސިޑެންޓުގެ މައްސަލަ މަރުގެ މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެކްސިޑެންޓުގެ މައްސަލަ މަރުގެ ތަހުގީގަކަށް
ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު

30 ނޮވެމްބަރ 2020

ހުކުރު ދުވަހުރޭ މާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މަރުވެފައިވާތީ އެކްސިޑެންޓުގެ މައްސަލަ މަރުގެ މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ އައިޝަތު ނަޒްރާ، 24، މަރުވި އެކްސިޑެންޓު ހިނގީ ހުކުރު ދުވަހުގެ ރޭގަނޑު 10:00 ހާއިރު އަމީނީމަގުން ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލަށް ބާރު ސްޕީޑުގައި ނުކުތް ސައިކަލެއް ކޮންޓްރޯލް ނުވެ، ދުވާ ޓްރެކްމައްޗަށް އެރުމުން ކަމަށެވެ.

ފުލުހުން ބުނީ ސައިކަލް ދުއްވަން އިނީ 24 އަހަރުގެ ފިރިހެނަކު ކަމަށާއި އެއީ ވެހިކަލް ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށެވެ.

ސައިކަލު ދުއްވަން އިން ނަޒްރާގެ ލޯބިވެރިިޔާ އާޒިފް އަބްދުލް ހަކީމް ވަނީ ބާރަށް ސައިކަލް ދުއްވި ކަމަށް ބުނާ ވާހަކަ އަށް އިންކާރުކޮށްފަ އެވެ. އޭނާ "މިހާރު" އަށް ބުނީ އެކްސިޑެންޓުވީ މަގުމަތިން ބަޔަކު ނަޒްރާ އާ ފޮށުމުން ފަހަތައް އެނބުރި ބަލައިލި ވަގުތު ޕޭވްމަންޓުގައި ޖެހި ކަހާލައިގެން ކަމަށެވެ.

މި އެކްސިޑެންޓުގައި އާޒިފްގެ ވެސް ފަޔާއި އަތަށް އެކި ވަރުގެ ޒަހަމްވެ މޭ ކަށިގަނޑުގައި ރެނދުލާފައިވާ ކަމަށް އާޒިފްގެ އާއިލާ އިން "މިހާރު" އަށް ބުންޏެވެ.

އާޒިފް ބުނި ގޮތުގައި އެކްސިޑެންޓަށް ފަހު ނަޒްރާ ވެއްޓިފައި އޮތް އިރު ނޭފަތުންނާއި ކަންފަތުން ލޭ އައިސްފައިވެ އެވެ. އަދި އޭނާގެ އާއިލާއިން ޑޮކްޓަރުންނާ ހަވާލާދީ ބުނި ގޮތުގައި ނަޒްރާގެ ބޮލަށް ލިބުނު އަނިޔާގައި ސިކުނޑި އަށް ވަނީ ލޭ އެޅިފަ އެވެ. އަދި އޭނާ ސަލާމަތްވާނެ ކަމުގެ މާ ބޮޑު އުންމީދެއް ޑޮކްޓަރުން ވެސް ނުދޭ ކަމަށް ބުންޏެވެ.

އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނަޒްރާ މަރުވީ އިއްޔެ ފަތިހު އެވެ.