Roadha Mihaaru
ވޮކޭޝަނަލް ކޯސްތައް ހިންގާނެ އިންސްޓިޓިއުޓުތައް ހޯދަނީ

ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ ކޯސްތަކެއް ހިންގާނެ އިންސްޓިޓިއުޓުތައް ހޯދަން ހުޅުވާލައިފި

30 ނޮވެމްބަރ 2020

ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ 12 ކޯހެއް ހިންގާނެ އިންސްޓިޓިއުޓްތައް ހޯދަން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ 12 ކޯހެއް ހިންގާނެ އިންސްޓިޓިއުޓްތައް ހޯދަން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.

"ސްކިލްސް ފޯ އަ ރެޒިލިއެންޓް ވޯކްފޯސް"ގެ ދަށުން ޕްރޮގްރާމްތައް ހިންގަން ޝައުގުވެރިވާ ތަންތަނުން، ޑިސެމްބަރު 10، 2020 ގެ ކުރިން [email protected] އަށް މެއިލްކުރަން އެދިފައިވެ އެވެ. އަންދާސީހިސާބު ބަލައިގަންނަން ހަމަޖައްސާފައިވަނީ ޑިސެމްބަރު 23، 2020 ގައި ހަޔަ އެޑިއުކޭޝަން މިނިސްޓްރީ ހިންގާ، މއ. ފެންބިލްޑިންގުގެ ދެ ވަނަ ފަންގިފިލާގަ އެވެ.

އެ ޕްރޮގްރާމުގެ މަގުސަދަކީ ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކާއި މުއައްސަސާތަކަށް ދިމާވި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދީ ތަފާތު ދާއިރާތަކުން ދިވެހި ޒުވާނުން ތަމްރީނުކޮށް މަސައްކަތުގެ މާހައުލަށް ނެރުމެވެ.

މި ފަހަރު ގެންދަނީ ސެޓްފިކެޓް ލެވެލް ތިނެއްގެ 12 ކޯހެކެވެ. އެއީ ހައުސްކީޕިން، ލޯންޑްރީ އޮޕަރޭޝަންސް، ޓިކެޓިން އެންޑް ރިޒަވޭޝަން، ވޯޓަ ސްޕޯޓްސް، އިންވެންޓްރީ މެނޭޖްމަންޓް، ފިޓްނަސް އިންސްޓްރަކްޝަން، ޖުވެލަރީ ޑިޒައިން އެންޑް މެނުފެކްޗަރިން، ސާފް ގައިޑް، ސްނޯކަލިން ގައިޑް، ބޯޓް އޮޕަރޭޝަންސް، ލައިފް ގާޑް އަދި ސްޕޯޓްސް ފިޝިން ގައިޑެވެ.

ކޯސް ހިންގާ ޝަރުތުތަކުގެ ތެރޭގައި، ވޮކޭޝަނަލް އެޑިއުކޭޝަނަލް ކޯސް ހިންގުމުގައި މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ލިބުމާއި ދަރިވަރުން ތަނަށް ހާޒިރުކޮށްގެންނާއި ވާޗުއަލްކޮށް ކޯސް ހިންގޭނެ ވަސީލަތްތަކާއި ކަމުގެ ގާބިލްކަން ހުރުމެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެފަދަ ޕްރޮޖެކްޓުތަކުގެ ތެރެއިން ވީހާވެސް ގިނަ އިންސްޓިޓިއުޓުތަކަށް ފުރުސަތު ލިބުމަކީ އެ ތަންތަނުގެ ހިންގުމުގެ ގާބިލުކަން އިތުރުވެގެން ދާނެކަމެއް ކަމަށެވެ. އޭގެ އިތުރުން މަތީ ތައުލީމާއި ތަމްރީނުގެ ސިޔާސަތުތައް އެކުލަވާލާއިރު އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ވީހާ ވެސް ބޮޑަށް އިތުރުވެގެން ދާނެ ގޮތްތަކަށް ހާއްސަ ސަމާލުކަމެއް ދޭ ކަމަށް ބުންޏެވެ.