އުމްރާނީ ގޮތުން ތަރައްގީގެ އެތައް ކަމެއް ހާސިލްވެގެން ދިޔައިރު ވެސް މީހުންގެ ވިސްނުމާއި ސިކުނޑި ބަދަލުނުވާ ކަމެއް އެބަ އޮތެވެ. މިހާރުގެ ގިނަ ދިވެހިންގެ ނަޒަރުގައި ރޭނުމާއި ވަޑާމުގެ މަސައްކަތަކީ ދަށް، ކުރަން ހަޑި މަސައްކަތެކެވެ. ނަމަވެސް އެ ވިސްނުން ބަދަލުކުރަން އިއްޔެ ފެށި "ހުނަރުވެނި" އަކީ ހެޔޮ ބަދަލެއް ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ދެކެވަޑައިގަނެ އެވެ.
24 ޖޫން 2019
އުމްރާނީ ގޮތުން ތަރައްގީގެ އެތައް ކަމެއް ހާސިލްވެގެން ދިޔައިރު ވެސް މީހުންގެ ވިސްނުމާއި ސިކުނޑި ބަދަލުނުވާ ކަމެއް އެބަ އޮތެވެ. މިހާރުގެ ގިނަ ދިވެހިންގެ ނަޒަރުގައި ރޭނުމާއި ވަޑާމުގެ މަސައްކަތަކީ ދަށް، ކުރަން ހަޑި މަސައްކަތެކެވެ. ނަމަވެސް އެ ވިސްނުން ބަދަލުކުރަން އިއްޔެ ފެށި "ހުނަރުވެނި" އަކީ ހެޔޮ ބަދަލެއް ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ދެކެވަޑައިގަނެ އެވެ.
ދަރުބާރުގޭގައި މިރޭ 10:00 ވަންދެން ކުރިއަށްގެންދާ ފެއާގައި ތަފާތު އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ބައިވެރިވެ އެެވެ. ރާއްޖޭގައި މިހާރު ދިވެހިންގެ ތެރޭގައި އުވިގެންދާ މަސައްކަތްތަކާއި ވަޒީފާގެ ފުރުސަތުތަކާއި ތަމްރީނުގެ ފުރުސަތުތަކާ ގުޅޭ ގޮތުން ފުރިހަމަ މައުލޫމާތު ދެ އެވެ. އޭގެ ސަބަބުން ވަޒީފާއަށް މިހާރަށް ވުރެ ބޮޑަށް ޝައުގުވެރިކަން އުފެދިގެންދާނެ ކަމަށް މިކަން އިންތިޒާމްކުރާ ޓިވެޓް އޮތޯރިޓީން ދެކެ އެވެ.
އެތަން ހިންގުމުގައި ހަޔަ އެޑިއުކޭޝަންގެ ފަރާތުން އިސްކޮށް ހުންނަވާ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމް ވިދާޅުވީ ޒުވާނުން ޝައުގުވެރިކުރެވޭނެ ދާއިރާތައް އެބަހުރި ކަމަށެވެ. އެގޮތުން ހުނަރުވެނީގައި އެ ހަރަކާތް ކުރިއަށްގެންދަނީ، ތަފާތު ދާއިރާތަކުން މަސައްކަތްކުރާ ގޮތް ރަނގަޅަށް ދައްކައިދެމުންނެވެ. އެހެންވެ އެއީ އެތަނަށް ޒިޔާރަތްކުރާ މީހުންނަށް ލިބޭނެ ފަހި ފުރުސަތެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
ތަފާތު ވިޔަފާރިކުރަމުން އަންނަ މީހުން ވެސް ބައިވެރިވާ ފެއާގައި އެސްއެމްއީ ބޭންކާ ގުޅޭ މައުލޫމާތު ވެސް ދެ އެވެ. އެއީ އާ މަސައްކަތްތައް ދަސްކޮށް، ވިޔަފާރި ފަށަން ބޭނުންވާ މީހުންނަށް ވަރަށް ރަނގަޅު ފުރުސަތަކަށް ވެގެންދާނެ ކަމެއް ކަމަށް ހާޝިމް ވިދާޅުވި އެވެ.
ފަންނުވެނި ފެއާގައި ކަސަބު ގަތާފައި: ހުސެއިން ވަހީދު/ މިހާރު
އެ ފެއާގައި އެންމެ ފާހަގަކޮށްލެވުނީ މިހާރު އުވިގެންދާ ބައެއް މަސައްކަތްތައް ކުރަމުން އަންނަ ފަރާތްތަކެވެ. އެގޮތުން ދ. ރިނބުދޫ ކައުންސިލްގެ ފަރާތުން ބަހައްޓާފައި ހުރި ސްޓޯލާއި ކުނާ ވިއެގެން އާއިލާ ބަލަހައްޓަމުން އަންނަ ގދ. ގައްދޫ ޒައީމާ ހަސަން މަނިކާއި އަންހެނުންގެ ވިޔަފާރިވެރިންގެ ޖަމިއްޔާ ފާހަގަކުރެވެ އެވެ.
ފަންނީ ތަމްރީނު ދިނުމަށް 2005 ގައި ފެށި އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ވެސް މި ލިސްޓުގައި ހިމެނެ އެވެ.
ރިނބުދޫ ކައުންސިލްގެ ރައީސް ހާތިމް އިބްރާހިމް ވިދާޅުވި ގޮތުގައި ކަނބުރުވެރިކަމަކީ ވަރަށް ތަފާތު، ރީތި މަސައްކަތަކަށް ވާއިރު އެކަން ކުރިއަށް އޮތް ޖީލުތަކަށް ދަސްކޮށްދޭން ޖެހެ އެވެ. އެހެން ނޫން ނަމަ އެ މަސައްކަތް ނެތިގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތަފާތު ގަހަނާ ހަދައި އެ ވިއްކައިގެން ރިނބުދުއަށް ރަނގަޅު އާމްދަނީއެއް ލިބެ އެވެ. ނަމަވެސް ކުރިއާ އަޅާބަލާއިރު ކަނބުރުވެރިކަން ކުރާ މީހުންގެ އަދަދު ވަރަށް މަދުކަން އޭނާ ފާހަގަކުރެއްވި އެވެ.
އެ ރަށުގެ ބަޔަކު އިސްނަގައިގެން މިހާރު ވަނީ ގަހަނާގެ އަމިއްލަ ޑިޒައިންތަކަކާއި ކަލެކްޝަނެއް ހަދަން ތައްޔާރުވެފަ އެވެ. އޭގައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ޖަޒީރާވަންތަކަން ސިފަވެގެންދާނެ އެވެ.
"ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ، ވަރަށް ރީތި މަސައްކަތެއް މިއީ. މިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭނެ،" ހާތިމް ވިދާޅުވި އެވެ.
ކުނާ ވިއެގެން ލިބުނު އާމްދަނީން ރަނގަޅު ދިރިއުޅުމެއް ހޯދާފައިވާ ޒައީމާ އެ މަސައްކަތް ކުރަމުން އަންނަތާ 30 އަށް ވުރެ ގިނަ ވެއްޖެ އެވެ. އެކަން އުވިގެން ދިއުމަކީ އޭނާގެ ކަންބޮޑުވުމެކެވެ. މީގެ ކުރިން އުފަން ރަށް، ގދ. ގައްދޫގައި ދިރިއުޅުނުއިރު އެ މަސައްކަތް އެހެން މީހުންނަށް އޭނާ އައީ ދަަސް ވެސް ކޮށްދެމުންނެވެ.
ޒައީމާ ހުރީ އެ މަސައްކަތް ކުރަން ޝައުގުވެރިވާ މީހުންނަށް އެކަން ދަސްކޮށްދޭން ތައްޔާރަށެވެ. ރާއްޖޭގައި ފޯރީގައި ކުރަމުން އައި ކުނާ ވިއުން އުވިގެން ދިއުމަކީ އޭނާ ގަބޫލުކުރާ ކަމެއް ނޫނެވެ.
ރޭނުމާއި ސިމެންތީގެ މަސައްކަތް ކުރަނީ ފިރިހެނުންނޭ ހީވިއަސް އެކަން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީން ދައްކައިދެނީ އެހެން ގޮތަކަށެވެ. އެ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގައި، ރޭނުމުން ފެށިގެން ކަރަންޓާ ގުޅުން ހުރި މަސައްކަތްތަކުގައި އަންހެން ކުދިން ވެސް އުޅެ އެވެ.
އެ އިންސްޓިޓިއުޓުގެ ޕްރޮގްރާމް މެނޭޖަރު އިބްރާހިމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ފަންނީ ހުރިހާ ދާއިރާއަކުން މީހުން ތަމްރީންކުރާ ކަމަށެވެ. އެ ކޯސްތަކުގައި ވަކި ޖިންސެއް ނެތި، ހުރިހާ އުމުރެއްގެ މީހުން ބައިވެރިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަންނުވެނި ފެއާގައި އަންހެނަކު ރޭނުމުގެ މަސައްކަތެއް ކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"އެމްއައިޓީގެ ޝިއާރަކީ ވަރަށް ތަފާތު ހުނަރުތަކެއް ކުދިންނާ ހިސާބަށް ގެންގޮސްދޭ ޕްރޮގްރާމްތަކަށް ވާތީ ވަޑާންކުރުމާއި ރޭނުމުގައި ވެސް އެބަ އުޅޭ އަންހެން ކުދިން،" ޝަރީފް ވިދާޅުވި އެވެ.
ކަސަބުގެ މަސައްކަތް އުވިގެން ދަނިކޮށް ޒުވާނުންނަށް އެ މަސައްކަތް ދަސްކޮށްދީ އެކަން ދިރުވުމުގައި އަންހެނުންގެ ވިޔަފާރިވެރިންގެ ޖަމިއްޔާ (ވިއަމް) މުހިއްމު ދައުރެއް އަދާކުރެ އެވެ. މީގެ ދެ އަހަރު ކުރިން އުފެއްދި ޖަމިއްޔާގެ ވައިސް ޗެއާ އައިމިނަތު ސައީދާ (ދޮން) ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހު ބޭއްވި ބޭސިކް ކޯހުގައި ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާ މީހުން ބައިވެރިވި ކަމަށެވެ. ޒުވާނުންނަށް ބޭނުންވަނީ ފުރުސަތުތައް ކަމަށް އޭނާ ވިދާޅުވި އެވެ.
ދޮން ވިދާޅުވީ ބޭސިކް ކޯހުގައި 10-12 ވައްތަރުގެ ކަސަބު ވިޔަން ދަސްކޮށްދިންއިރު އޭގެ ފަހުން އެޑްވާންސް ކޯސް ވެސް ހިންގި ކަމަށެވެ. އެ ކޯހުގައި ކަސަބު ވިޔަން ދަސްކުރި ޒުވާނުން، އެ މަސައްކަތް ރަނގަޅަށް ކުރަމުން އަންނަ ކަން ފާހަގަވި ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ ކަމެއް އެއީ،" ދޮން ވިދާޅުވި އެވެ.
ހުނަރުވެނި ފަދަ ފެއާތަކުން ހުޅުވައިދެނީ ފުރުސަތުތަކެވެ. ދައްކައިދެނީ މަގެވެ. އޭގެ ބޭނުންހިފުމަކީ ޒުވާނުންނަށް ވަރަށް މުހިންމު ކަމެކެވެ.
"މަސައްކަތްތައް ބޭރު މީހުންނަށް ދޫކުރުމަކީ ގޯހެއް"
ވަޒީފާ އަށް ހާއްސަކޮށް ޓިވެޓުން ފެއާއެއް ބާއްވަނީ
12 މިލިއަނުގެ ފައިސާގެ އިނާމު ނުދީގެން ޝަކުވާކުރަނީ
އަލިފުށީގައި ޓިވެޓް ސެންޓަރު އަޅާނެ ބަޔަކު ހޯދަނީ
ވޮކޭޝަނަލް ކޯސްތައް ހިންގާނެ އިންސްޓިޓިއުޓުތައް ހޯދަނީ
ޒުވާނުންނަށް ހުނަރު ދަސްކޮށްދޭން ޕްރޮގްރާމެއް ފަށައިފި
ވަޒީފާގެ ބާޒާރުން ފެންނަނީ ހިތްހަމަޖެހޭ މަންޒަރެއް ނޫން
ޒުވާނުންނަށް 20 މިލިއަން ޑޮލަރުގެ ބޮޑު ޕްރޮޖެކްޓެއް
ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް އިފްތިތާހުކޮށްފި
މީހުން ތަމްރީންކުރުމުގެ ފެންވަރު ކަށަވަރުކުރަން ފަށަނީ