Roadha Mihaaru
މިލިއަނަޔާ ޝޯއިން ލިބުނު މިލިއަން ޑޮލަރު ހަދިޔާކޮށްފި

މިލިއަނަޔާ ޝޯއިން ލިބުނު މިލިއަން ޑޮލަރު ހަދިޔާކޮށްފި

02 ޑިސެމްބަރ 2020

މަޝްހޫރު ޓީވީ ޝޯ "ހޫ ވޯންޓްސް ޓު ބީ އަ މިލިއަނާ؟" ގައި ވާދަކޮށްގެން، މަޝްހޫރު ސެލެބްރިޓީ ޝެފް ޑޭވިޑް ޗަންގަށް ލިބުނު އެއް މިލިއަން ޑޮލަރު ރެސްޓޯރަންޓް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަދިޔާކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަޝްހޫރު ޓީވީ ޝޯ "ހޫ ވޯންޓްސް ޓު ބީ އަ މިލިއަނާ؟" ގައި ވާދަކޮށްގެން، މަޝްހޫރު ސެލެބްރިޓީ ޝެފް ޑޭވިޑް ޗަންގަށް ލިބުނު އެއް މިލިއަން ޑޮލަރު ރެސްޓޯރަންޓް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަދިޔާކުރަން ނިންމައިފި އެވެ.

ރެސްޓޯރަންޓް ވިޔަފާރީގައި ބްރޭންޑެއްގެ ނަމުގައި މަޝްހޫރު އެމެރިކާގެ ޑޭވިޑަކީ "ހޫ ވޯންޓްސް ޓު ބީ އަ މިލިއަނާ؟" ގައި މިހާތަނަށް ވާދަކޮށްގެން މިލިއަން ޑޮލަރު ހާސިލުކުރި ފުރަތަމަ ސެލެބްރިޓީ ވެސް މެ އެވެ. އޭނާ މިލިއަން ޑޮލަރު ހޯދީ އެމެރިކާގެ ވައިޓް ހައުސް އަށް ކަރަންޓްގެ ހިދުމަތް އެންމެ ފުރަތަމަ ތައާރަފުކުރެއްވީ ކޮން ރައީސަކުތޯ އެހި ސުވާލުގެ ޖަވާބު ވެސް ރަނގަޅުކޮށްގެންނެވެ. އޭގެ ޖަވާބަކީ އެމެރިކާގެ 23 ވަނަ ރައީސް ބެންޖަމިން ހެރިސަނެވެ. އޭނާ ވެރިކަން ކުރެއްވީ މާޗް 4, 1889 އިން މާޗް 4، 1893 އަށެވެ.

ޑޭވިޑް ބުނީ ޝޯގައި ބައިވެރިވި އިރު އެންމެ ބޮޑު ހުވަފެނަކަށްވެފައި އޮތީ ޝޯގައި ދެވޭ ރަމްޒީ ބޮޑު ޗެކާ ހަވާލުވުން ކަމަށެވެ. އެކަމަކު އެއަށް ވުރެ ބޮޑަށް ޝޯގައި ބައިވެރިވީ ބައެއްގެ ދިރިއުޅުމަށް މިހާރަށް ވުރެ ބޮޑު ހެޔޮ ބަދަލެއް ގެންނަން ކަމަށް ބުންޏެވެ. ރެސްޓޯރަންޓް ވިޔަފާރީގެ ތެރޭގައި އުޅޭ ވަރަށް ގިނަ ބަޔަކަށް އެގޮތުން ކޮވިޑް-19 ގެ ސަބަބުން ތަކުލީފުތަކެއް އުފުލަން ޖެހުނު ކަމަށް ބުންޏެވެ.

"އަހަރެން އަބަދު ވެސް ބޭނުންވި ކަމެއް މި ބޮޑު ޗެކާ ހަވާލުވުމަކީ،" މަޝްހޫރު ހޯސްޓް ޖިމީ ކިމެލްއާ އެކު އާދީއްތަ ދުވަހު ގެނެސްދިން އެޕިސޯޑްގައި ޑޭވިޑް ބުންޏެވެ. "މި މިލިއަން ޑޮލަރު އަހަރެންގެ ދާއިރާގެ މީހުންނަށް."

އޭނާ އަށް ޝޯ އިން ލިބުނު 1،000،000 މިލިއަން ޑޮލަރު ހަދިޔާކުރާނީ ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ މީހުން ތަމްސީލުކުރާ ސަދަން ސްމޯކް ފައުންޑޭޝަނަށެވެ. އެ ފައުންޑޭޝަނަކީ 2015 ގައި ޝެފް ކްރިސް ޝެފާޑް އުފެއްދި ފައުންޑޭޝަނަކެވެ.

ސަދަން ސްމޯކް ފައުންޑޭޝަނުން މިހާތަނަށް އެކިއެކި ކަންކަމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރެސްޓޯރަންޓްގެ ދާއިރާގައި މަސައްކަތްކުރާ 2،071 މީހަކަށް 5.7 މިލިއަން ޑޮލަރުގެ އެހީ ދީފައިވެ އެވެ.

"ހޫ ވޯންޓްސް ޓު ބީ އ މިލިއަނާ؟" ގައި ވާދަކޮށްގެން ޑޭވިޑް ހޯދި ކާމިޔާބީ އަށް އެ ޖަމިއްޔާއިން މަރުހަބާ ކިޔާފައިވެ އެވެ. ސަދަން ސްމޯކް ފައުންޑޭޝަނުން ބުނީ ޑޭވިޑް 1،000،000 މިލިއަން ޑޮލަރު 500 މީހަކަށް އެހީ ދެވޭނެ އެވެ.