Roadha Mihaaru
އެންމެ އަގުބޮޑު ފްރެންޗް ފްރައިޒް 200 ޑޮލަރަށް

އެންމެ އަގުބޮޑު ފްރެންޗް ފްރައިޒް 200 ޑޮލަރަށް

16 ޖުލައި 2021

އެންމެ އަގު ބޮޑު ފްރެންޗް ފްރައިޒް ނުވަތަ ޗިޕްސްގެ ރެކޯޑް އެމެރިކާގެ ރެސްޓޯރަންޓަކުން ހޯދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެންމެ އަގު ބޮޑު ފްރެންޗް ފްރައިޒް ނުވަތަ ޗިޕްސްގެ ރެކޯޑް އެމެރިކާގެ ރެސްޓޯރަންޓަކުން ހޯދައިފި އެވެ.

މިދިޔަ އަހަރު ކޮވިޑް-19 އާ ހެދި ބަންދުކުރުމަށް ފަހު، މީގެ ހަފުތާއެއްހާ ދުވަސް ކުރިން ނިއު ޔޯކްގެ މެންހަޓަންގައި ހުޅުވި "ސެރެންޑިޕިޓީ 3" އިން ރެކޯޑް ހަދައި މިހާރު މެނޫގައި ހިމަނާފައިވާ ފްރެންޗް ފްރައިޒް ތައްޓެއްގެ އަގަކީ 200 ޑޮލަރު (3،080ރ.) އެވެ.

އަގު ބޮޑު ތަކެތި ބޭނުންކޮށްގެން އަދި ވަރަށް ތަފާތު ގޮތަކަށް ތައްޔާރުކުރާ މި ޑިޝް އަށް ދީފައިވާ ނަމަކީ "ކްރީމީ ޑި ލާ ކްރީމީ ޕޯމް ފްރިޓެޒް" އެވެ. މި ތައްޔާރުކުރަން ބޭނުންވާ މައިގަނޑު އެއްޗަކީ ފެންވަރު ރަނގަޅު އަލުވީގެ އިތުރުން ޑޮމް ޕެރިނަން ޝެމްޕެއިން، ޖޭ ލިބްލޭންކް ފްރެންޗް ޝެމްޕެއިން އާޑެވިން ވިނިގާ، ޕިއޯ ކޭޖް-ފްރީ ގޫޒް ފެޓް، ގްރާންޑޭ ޓްރަފްލް ސޯލްޓް، ޓްރަފްލް އޮއިލް، ކްރީޓީ ސެނެޒީ ޕެކޮރީނޯ ޓާޓަފެލޯ ޗީޒް، ބްލެކް ސަމާ ޓްރަފްލްސް، ޓްރަފްލް ބަޓާ، އޯގެނިކް އޭ2އޭ%100 ގްރާސް ފެޑް ކްރީމް، އަދި [ކެވޭ ގޮތަށް ހުންނަ ރަން ކުނޑި] އެޑިބަލް ގޯލްޓް ޑަސްޓް ހިމެނެ އެވެ.

މިހާރު ލަގްޒަރީ ޑިޝްއެއްގެ ދަރަޖަ ވެސް ލިބިފައިވާ "ކްރީމީ ޑި ލާ ކްރީމީ ޕޯމް ފްރިޓެޒް" ގެ މޭސްތިރިންނަކީ "ސެރެންޑިޕިޓީ 3" ގެ ކްރިއޭޓިވް ޝެފް ޖޯ ކަލްދެރޯން އާއި ކޯޕަރޭޓް އެކްޒެކެޓިވް ޝެފް ފްރެޑްރިކް ކޮއެން-ކިއެވާޓެވެ. ދެ ޝެފުން ބުނި ގޮތުގައި އެ މީހުންގެ އެންމެ ބޮޑު އަމާޒަކަށްވީ ފްރެންޗް ފްރައިޒް މުޅިން ތަފާތު ރަހައަކާ އެކު ގެނެސްދިނުން ކަމަށެވެ. އެހެންވެ އެ ތައްޔާރުކުރަން އަގު ބޮޑު އިންގްރީޑިއަންޓްސްގެ ބޭނުންކުރަން ޖެހޭތީ ޑިޝްގެ އަގު ވެސް ރެކޯޑަކަށްވީ ކަމަށް ބުންޏެވެ.

"މިއީ މުޅި ސެރެންޑިޕިޓީ ތިނެއްގެ ޓީމްގެ މަސައްކަތުން ލިބުނު ކާމިޔާބީއެއް." ދެ ޝެފުން ބުންޏެވެ.

އެ މީހުން ބުނި ގޮތުގައި ކޮވިޑާ އެކު ވިޔަފާރި ހުއްޓުނުތާ ދޮޅު އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ރެސްޓޯރަންޓް ހުޅުވިތާ އެންމެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ތަފާތު އަގު ބޮޑު ޑިޝްއަކާ އެކު ރެކޯޑެއް ލިބުމަކީ ވަރަށް ބޮޑު ހިތްވަރެއް އަދި ކާމިޔާބީއެކެވެ.

ޖޯ އާއި ފްރެޑްރިކް ބުނި ގޮތުގައި "ކްރީމީ ޑި ލާ ކްރީމީ ޕޯމް ފްރިޓެޒް" އަކީ ސެރެންޑިޕިޓީ 3 ގެ ފުރަތަމަ ރެކޯޑަށް ވިޔަސް މިއީ ފަހު ރެކޯޑެއް ވެސް ނޫނެވެ.

"މިކަހަލަ އިތުރު ޑިޝްތަކެއް ގެނެސްދިނުމުގެ ޝައުގުވެރިކަން މިހާރު ކުރިއަށް ވުރެ ބޮޑުވެއްޖެ. އެހެންވީމަ އަދި މަސައްކަތްތައް ކުރިއަށް ހުރީ." ތަޖުރިބާރު ދެ ޝެފުން ބުންޏެވެ.