Roadha Mihaaru
މުވައްޒަފުން ވަކިކުރާ މައްސަލާގައި ގޯޑަން ރައްދު ދީފި

މުވައްޒަފުން ވަކިކުރާ މައްސަލާގައި ގޯޑަން ރަމްޒީ ރައްދު ދީފި

30 މާޗް 2020

ކޮރޯނާވައިރަހާ ހެދި ރެސްޓޯރަންޓްތައް ބަންދުކުރަން ޖެހުމުން ހުރިހާ މުވައްޒަފުންނަށް ވަޒީފާގެ ކަށަވަރުކަން ނުދެވޭނެ ކަމަށް ބުނެ ނޯޓިސް ފޮނުވި، މަޝްހޫރު ޝެފް ގޯޑަން ރަމްޒީ އަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހާ ހެދި ރެސްޓޯރަންޓްތައް ބަންދުކުރަން ޖެހުމުން ހުރިހާ މުވައްޒަފުންނަށް ވަޒީފާގެ ކަށަވަރުކަން ނުދެވޭނެ ކަމަށް ބުނެ ނޯޓިސް ފޮނުވި، މަޝްހޫރު ޝެފް ގޯޑަން ރަމްޒީ އަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދީފި އެވެ.

ދުނިޔޭގެ އެކި ތަންތަނުގައި 35 ރެސްޓޯރަންޓެއް ހިންގާ މަހުޖަނު ވަނީ ރެސްޓޯރަންޓްތައް ބަންދުކުރަން ޖެހުމުން، އެ ތަންތަން އަލުން ހުޅުވާ އިރު މިހާރު ތިބި 500 އަށް ވުރެ ގިނަ މުވައްޒަފުންގެ ވަޒީފާގެ ކަށަވަރުކަން ނުދެވޭނެ ކަމަށް މިދިޔަ ހަފުތާގައި އަންގައިފަ އެވެ. އަދި މިކަމާ ގުޅިގެން ވަރަށް ގިނަ މުވައްޒަފުންނާއި ބައެއް އާންމުންނާއި މީޑިއާތަކުން ވެސް ގޯޑަން އަށް ފާޑުކިޔާފައިވެ އެވެ.

މިކަމާ ގުޅިގެން ފާޑުކީ ރެސްޓޯރަންޓް ކްރިޓިކް މެރީނާ އޮ ލޯލިން އަށް ޓްވިޓާގައި ގޯޑަން ވަނީ ރައްދު ދީފަ އެވެ.

މެރީނާގެ ޓްވީޓްގައި ވަނީ މިފަދަ ދަނޑިވަޅެއްގައި ގޯޑަން ކަހަލަ މަހުޖަނުން ކުރާ ކަމަކީ ޖީބުގައި އަތްއަޅައި މުށްބާރުކުރުން ކަމަށާއި މަސައްކަތް ކޮށްދިން މުވައްޒަފުންނާ ދޭތެެރޭ ކުޑަވެސް ރަހުމެއް ނެތް ކަމަށެވެ. މި ޓްވީޓަށް ރައްދު ދެމުން ގޯޑަން ބުނީ ވިޔަފާރީގެ ތެރޭގައި ނޫޅޭ މީހަކަށް ވިޔަފާރިވެރިންނަށް ދިމާވާ ކަންކަމެއް ނޭނގޭނެ ކަަމަށާއި އެއީ ތަންދޮރު ނުދަންނަ ކްރިޓިކުން ކަމަށް ބުނެފަ އެވެ. އަދި އެފަދަމީހުންގެ ކަމަކީ ގަލަމުން ޒަހަރުލުން ކަމަށް ވެސް ގޯޑަން ބުންޏެވެ.

މަޝްހޫރު ކައްކާ ޝޯތައް ކަމަށްވާ "މާސްޓަ ޝެފް" އާއި "ހެލްސް ކިޗަން" ގެ އިތުރުން "ކިޗަންސް ނައިޓްމެއާ" ފަދަ ޝޯތައް ހޯސްޓްކޮށްފައިވާ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ޝެފުންގެ ތެރޭގައި ހިމެނޭ ގޯޑަން ރެސްޓޯރަންޓްތައް ހިންގާ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި އިޓަލީ އާއި އަޔަލޭންޑާއި ފްރާންސާއި އެމެރިކާ އާއި ކެނެޑާ އާއި އޮސްޓްރޭލިއާ އާއި ޔޫއޭއީ އާއި ހޮންކޮންގާއި ދެކުނު އެފްރިކާ އާއި ޖަޕާނާއި ސިންގަޕޫރް ހިމެނެ އެވެ.