Roadha Mihaaru
އިންޑިއާގެ ފިލްމީ މަސައްކަތް ފަށަން އެކްޝަން ޕްލޭނެއް

އިންޑިއާގެ ފިލްމީ މަސައްކަތްތައް ފަށަން އެކްޝަން ޕްލޭނެއް

22 މެއި 2020

ކޮރޯނާވައިރަހުގެ ކުރިމަތިވި ލޮކްޑައުނާ އެކު ހުއްޓިފައިވާ އިންޑިއާގެ ފިލްމީ މަސައްކަތްތައް އަލުން ފެށުމާ ގުޅޭ ގޮތުން އެކްޝަން ޕްލޭނެއް އެކުލަވާލަމުން އަންނަ ކަމަށާއި މަސަައްކަތްތަކަށް ތައްޔާރުވެ ތިބުމަށް އިންޑިއާގެ ފިލްމީ މައި މަރުކަޒު މުމްބާއީ ވެސް ހިމެނޭ މަހާރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރު އުދައްވު ތަކެތީ ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހުގެ ކުރިމަތިވި ލޮކްޑައުނާ އެކު ހުއްޓިފައިވާ އިންޑިއާގެ ފިލްމީ މަސައްކަތްތައް އަލުން ފެށުމާ ގުޅޭ ގޮތުން އެކްޝަން ޕްލޭނެއް އެކުލަވާލަމުން އަންނަ ކަމަށާއި މަސަައްކަތްތަކަށް ތައްޔާރުވެ ތިބުމަށް އިންޑިއާގެ ފިލްމީ މައި މަރުކަޒު މުމްބާއީ ވެސް ހިމެނޭ މަހާރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރު އުދައްވު ތަކެތީ ވިދާޅުވެއްޖެ އެވެ.

އޭނާ ކުރެއްވި ޓްވީޓްތަތަކެއްގައި މި ގޮތަށް އެދިވަޑައިގެންފައި ވަނީ ފިލްމީ މަސައްކަތްތައް އަލުން ފެށުމުގެ ހުއްދަ ދޭން އެދި ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޮޔީސް (އެފްޑަބްލިއުއައިސީއީ) އިން އަންގާރަ ދުވަހު ސިޓީއެއް ވެސް ފޮނުވާފައި ވަނިކޮށެވެ.

އުދައްވުގެ ޓްވީޓްތަކުގައި ވިދާޅުވީ އަލުން މަސައްކަތްތައް ފެށުމާ ގުޅޭ ގޮތުން މިހާރު ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކާ އޮންލައިންކޮށް ބައްދަލުކޮށް އެ މީހުންގެ މަޝްވަރާ އާއި ލަފާ ވެސް ހޯދާފައިވާ ކަމަށެވެ. އެހެންވެ މާ ލަސްތަކެއް ނުވެ، އަލުން ހުއްދަ ދެވޭނެ ކަމަށް ވިދާޅުވި އެވެ.

"ވަރަށް އަވަހަށް ސަރުކާރުން އެންޓަޓައިންމަންޓް އިންޑަސްޓްރީ އަށް އެކުލަވާލާ އެކްޝަން ޕްލޭން އާންމުކުރާނެ."

ޗީފް މިނިސްޓަރު ވިދާޅުވީ އަލުން ހުއްދަ ދޭ އިރު، އިސްކަން ދޭނީ ކޮވިޑް-19 ގެ ނުރައްކާ ކުޑަ އަދި "ރެޑް ޒޯން" ގައި ނުހިމެނޭ ސަރަހައްދުތަކަށް އިސްކަން ދީގެންނެވެ. ނަމަވެސް މުމްބާއީ އަކީ އިންޑިއާގައި ބަލި ފެތުރެން ފެށީއްސުރެ ރެޑް ޒޯންގައި އޮތް ސިޓީއެކެވެ.

އުދައްވު ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ހުއްދަ ދިނުމުގައި އިސްކަން ދޭނީ ޝޫޓިން ފަށާފައި ވަނިކޮށް ލޮކްޑައުނާ އެކު ހުއްޓިފައިވާ ޕްރޮޖެކްޓްތަކާއި ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި ހުރި އުފެއްދުންތަކާއި ފިލްމު ސޓީގައި ސެޓްތައް ހަދައިގެން މަންޒަރުތައް ނަގަން ރޭވިފައި ހުރި ފިލްމުތަކަށެވެ. މީގެ އިތުރުން މަސައްކަތްތަކަށް އަލުން ހުއްދަ ދޭނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި ސޯޝަލް ޑިސްޓޭންސިން ފަދަ ކަންކަމަށް ޝަތުރުތައްކޮށްފަ އެވެ.

"އެހެންވީމަ ވަރަށް އަވަހަށް ސަރުކާރުން އެންޓަޓައިންމަންޓް އިންޑަސްޓްރީ އަށް އެކުލަވާލާ އެކްޝަން ޕްލޭން އާންމުކުރާނެ." އުދައްވު ވިދާޅުވި އެވެ.

ލޮކްޑައުނާ އެކު ފިލްމީ މަސައްކަތް ހުއްޓުނު އިރު، މާޗް މަހުގެ މެދުތެރެއިން ފެށިގެން އިންޑިއާގެ ހުރިހާ ސިނަމާތަކެއް ވެސް ހުރީ ބަންދުކޮށްފަ އެވެ. އަދި ސިނަމާތައް އަލުން ހުޅުވާނެ އިރެއް ނޭނގެ އެވެ. މީގެ ސަބަބުން އިންޑިއާގެ ފިލްމީ ދާއިރާ އަށް މި އަހަރު އެތައް ކްރޯޑް ރުޕީސްގެ ގެއްލުމެއްވާނެ އެވެ.

އިންޑިއާ އަކީ ދުނިޔޭގެ އެންމެ ބޮޑު ފިލްމު އިންޑަސްޓްރީ އޮތް ގައުމެވެ. އެ ގައުމަކީ އަހަރު 2،000 ގާތް ކުރާ އަދަދަކަށް ފިލްމުތައް ނެރޭ އަދި ޓީވީ އިންޑަސްޓްރީ ވެސް އެންމެ ފުޅާ ގައުމެވެ.