Roadha Mihaaru
ރާއްޖޭގައި ޝޫޓް ކުރުމަކީ ތަފާތު ތަޖުރިބާއެއް: އަޖޭ

ރާއްޖޭގައި ޝޫޓް ކުރުމަކީ މުޅިން ތަފާތު ތަޖުރިބާއެއް: އަޖޭ

20 އޮކްޓޯބަރ 2021

ބެއާ ގްރިސްލްގެ ޝޯއަކަށް ރާއްޖޭގައި ޝޫޓް ކުރުމަކީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށާއި މި ޝޯ އަށް ކުރެވުނު މަސައްކަތުގެ ތެރެއިން އަމިއްލަ ނަފުސަށް އެތައް ކަމެއް ދަސްވާން ވެސް ފުރުސަތު ލިބުނު ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބެއާ ގްރިސްލްގެ ޝޯއަކަށް ރާއްޖޭގައި ޝޫޓް ކުރުމަކީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށާއި މި ޝޯ އަށް ކުރެވުނު މަސައްކަތުގެ ތެރެއިން އަމިއްލަ ނަފުސަށް އެތައް ކަމެއް ދަސްވާން ވެސް ފުރުސަތު ލިބުނު ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަން ބުނެފި އެވެ.

ގްރިލްސްގެ "އިން ޓު ދަ ވައިލް" އަށް އަޖޭ ރާއްޖޭގައި ޝޫޓްކުރީ މިދިޔަ މަހުގެ މެދުތެރޭގައި ވ. އަތޮޅުގަ އެވެ. މިއީ ފަޅު ރަށެއްގައި ތާށިވުމުންނާއި ކަނޑުވުމުން ދެން ސަލާމަތްވާން މަސައްކަތްކުރާ ގޮތް ފެނިގެން ދާނެ އެއްޗެކެވެ.

ގްރިލްސްގެ ޝޯއާ ބެހޭ ގޮތުން އަޖޭ ބުނީ ފިލްމީ މަސައްކަތްތަކުގައި ބިޒީކޮށް އުޅެމުން ވެސް އޭގައި ބައިވެރިވާން ނިންމީ އެޑްވެންޗާއަކަށް ގްރިލްސްގެ ވަރުގެ ދެވަނަ މީހެއް ނެތުމުން ކަމަށެވެ.

"އޭނާއާ އަކީ ކޮންމެ ކަހަލަ ކަމެއް ކުރަން ޖެހުނަސް އެއީ އިތުބާރުކުރެވޭ ވަރުގެ މީހެއް. އެހެންވީމަ ހަގީގަތުގައި ޖެހިލުމެއް ނުވޭ. އެކަމަކު ނުބުނާނަން އިންޓު ދަ ވައިލްޑް އަށް ޝޫޓްކުރަން ޖެހުމަކީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެކޭ،" ބަތަލާ ކާޖޮލްގެ ފިރިމީހާ ބުންޏެވެ. "އެންމެ ބޮޑު ޗެލެންޖަކީ ކަނޑުގައި ހޭދަކުރަން ޖެހުނު ވަގުގުތައް. ފިލްމީ މަސައްކަތް ކުރާތާ ތިރީސް އަހަރުވީ އިރު އަހަންނަކީ މިހާތަނަށް ވަރަށް ނުރައްކާތެރި އެތައް ސްޓަންޓެއް ހަދާފައިވާ މީހެއް. އެކަމަކު ގްރިލްސްއާ އެކު ކުރެވުނު މަސައްކަތަކީ އަދި މުޅިން ތަފާތު، މުޅިން އެހެން ލެވެލްއެއްގެ މަސައްކަތެއް. މިއީ ހަގީގަތުގައި ނަފުސު ތަރުބިއްޔަތު ކުރަން ވެސް ލިބުނު ރަނގަޅު ފިލާވަޅެއް."

ގްރިލްސްއާ އެކު ކުރެވުނު މަސައްކަތްތަކާ ބެހޭ ގޮތުން އަޖޭ ބުނީ މިއީ ކިތަންމެ އުނދަގޫ އަދި ގޮންޖެހުން ބޮޑު ކަމަކަށް ވިޔަސް "އިން ޓު ދަ ވައިލްޑް" އަށް ރާއްޖޭގައި ޝޫޓް ކުރުމަކީ ހިތުން ނުފިލާގެ ވަރުގެ ތަޖުރިބާއެއް ކަމަށެވެ.

"އެގޮތުން ވައި ބާރު ދުވަހެއްގައި ކަނޑުގައި އޮންނަން ޖެހުމާއި ރޮލާ އޮތް މަހެއް ކާން ޖެހުން ފަދަ ކަންކަމަކީ އެންމެ ޗެލެންޖިން ކަންކަން،" ކުރިން ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކޮށްފައިވާ އެކްޓަރު ބުންޏެވެ. "އެންމެ ހިތްހަމަޖެހުނު އެއް ކަމަކަށް ވާނެ ރީތި ކުޑަ ރަށެއްގައި މީގެ މަސައްކަތްތައް ކުރެވުން ވެސް. އަހަންނަކީ އަބަދު ވެސް ޖަންގައްޔަށް ވަރަށް ލޯބިކުރާ މީހެއް. އެހެންވީމަ ރާއްޖޭގެ ކުޑަ ރަށެއްގެ ފެހި ވެށީގެ ތެރޭގައި ހޭދަކުރަން ޖެހުނު ވަގުތުތައް ވަރަށް ހިތްގައިމު."

އަޖޭއާ އެކު ގެނެސްދޭ "އިން ޓު ދަ ވައިލްޑް" އަންނަ ހުކުރު ދުވަހު ޑިޒްނީ ޕްލަސް އިން ސްޓްރީމް ކުރާނެ އެވެ. އަދި މި މަހުގެ 25 ގައި ޑިސްކަވަރީ ޗެނެލުން ގެނެސްދޭނެ އެވެ.