Roadha Mihaaru
މި ދެމަފިރިން 22 ވަނަ ދަރިފުޅަށް މަރުހަބާ ކިޔަނީ

މި ދެމަފިރިންނަށް އަންނަ އަހަރު 22 ވަނަ ދަރިފުޅު ލިބޭނެ

23 އޮކްޓޯބަރ 2019

ބައެއް ގައުމުތަކުގައި ގިނަ ދަރިން ހޯދުން އޮންނަނީ ލަދުވެތި ކަމަކަށްވެފަ އެވެ. ވަކިން ހާއްސަކޮށް، ޔޫރަޕްގެ ގައުމުތަކުގައި މި ވިސްނުން މާ ބޮޑެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބައެއް ގައުމުތަކުގައި ގިނަ ދަރިން ހޯދުން އޮންނަނީ ލަދުވެތި ކަމަކަށްވެފަ އެވެ. ވަކިން ހާއްސަކޮށް، ޔޫރަޕްގެ ގައުމުތަކުގައި މި ވިސްނުން މާ ބޮޑެވެ.

އެކަމަކު ދެމަފިރިއަކު ބޭނުންވާ ވަރަށް ދަރިން ހޯދުމަކީ އެ މީހުންގެ އަމިއްލަ ކަމެކެވެ. ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ގިނަ ދަރިން ނުހޯދަންވީ ސަބަބެއް ވެސް ނެތެވެ. އިނގިރޭސިވިލާތުގެ މި ދެމަފިރިން ސާބޮތިކޮށްދެނީ އެކަމެވެ. ނޮއެލް އާއި ސުއީ ރެޑްފޯޑް، 44، މިހާރު އިންތިޒާރުކުރަމުން އަންނަނީ ދެމަފިރިންގެ 22 ވަނަ ދަރިއަށެވެ.

މި އާއިލާ މީޑިއާތަކުން ސިފަކުރަނީ އިނގިރޭސިވިލާތުގެ އެންމެ ބޮޑު އާއިލާގެ ގޮތުގަ އެވެ. މިއީ މަޝްހޫރު ރެޑްފޯޑް އާއިލާ އެވެ.

އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ބާވީސް ވަނަ ދަރިފުޅު އުފަންވާނެ އެވެ. އެ ވާހަކަ، ދާދި ފަހުން ހެދި އަލްޓްރާ ސައުންޑް ސްކޭނަކަށް ފަހު ސުއީ ވަނީ ފޭނުންނާ ޔޫޓިއުބާއި އިންސްޓްގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ. އޭނާ ބުނިގޮތުގައި ބަނޑަށް މިހާރު 15 ހަފުތާ އެވެ.

ސުއީ އާއި ނޮއެލްގެ މިހާރު ތިބީ 11 އަންހެން ދަރިންނާއި 10 ފިރިހެން ދަރިންނެވެ. ދެމަފިރިން އުންމީދުކޮށްގެން ތިބީ 22 ވަނަ ދަރިފުޅާ އެކު ދެ ޖިންސްގެ އަދަދު ހަމަހަމަވާނެ ކަމަށެވެ. އެކަމަކު ދަރިފުޅުގެ ޖިންސެއް އެ މީހުންނެއް ނުބަލަ އެވެ. ކޮންމެ ޖިންސެއްގެ ދަރިއަކު ލިބުނަސް ދެމަފިރިންނަށް މައްސަލައެއް ނެތެވެ.

"އެކަމަކު ބޮޑަށް އުންމީދުކުރެވެނީ ފިރިހެން ދަރިއަކަށް،" ސުއީ ބުންޏެވެ. "އޭރުން އަދަދު އެއްވަރުވާނެ."

ދެމަފިރިންނަށް އެންމެ ފުރަތަމަ 1989 ގައި ދަރިއަކު ލިބުނު އިރު، ސުއީގެ އުމުރުން އެންމެ 14 އަހަރެވެ. ދެ މީހުންނަށް އެންމެ ފަހުން ދަރިއަކު ލިބުނީ މިދިޔަ އަހަރު އެވެ. ސުއީ އާއި ނޮއެލް އަށް މިހާރު މާމަ/ކާފަ ވެސް ކިޔައިފި އެވެ. އެކަމަކު އަމިއްލަ އަށް ދަރިން ހޯދަން އޮތް ޝައުގުވެރިކަން އެއްގޮތަކަށް ވެސް ނުގެއްލެ އެވެ. އާއިލާ ބޮޑުވަމުން އަންނާތީ އެތައް ބައެއްގެ ސަމާލުކަން ވެސް ރެޑްފޯޑް އާއިލާ އަށް ހުއްޓިފައިވެ އެވެ.

މި އާއިލާގެ ވާހަކަ އެކި ދުވަސްވަރު "ކިޑްސް އެންޑް ކައުންޓިން" ގެ ނަމުގައި ޑޮކިއުމަންޓަރީގެ ގޮތުގައި ވެސް ގެނެސްދީފައިވެ އެވެ.

ސުއީ އާއ ނޮއެލްގެ ދޮށީ ދަރުފުޅު ކްރިސް އަށް މިހާރު 30 އަހަރެވެ. ދެވަނަ އަންހެން ދަރިފުޅު ސޯފީ އަށް 25 އަހަރެވެ. އޭނަގެ ވެސް ތިން ކުދިން އެބަތިއްބެވެ.

ދޮށީ ދެ ދަރިން މިހާރު މައިންބަފައިންނާ ވަކިން އުޅުނަސް އަނެއް 19 ކުދިންނާ އެކު ދެމަފިރިން އުޅެނީ 10 ކޮޓަރީގެ ގެއެއްގަ އެވެ. އާއިލާގެ ގުޅުން ވަރަށް ބަދަހިވެފައި، އުފާވެރި އެެވެ. މި އާއިލާގެ ވާހަކަތައް އެ މީހުން އަބަދު ވެސް އިންސްޓަގްރާމާއި ޔޫޓިއުބްގައި ހިއްސާކުރެ އެވެ. އަދި މިއީ ވަރަށް ގިނަ ބަޔަކު ޝައުގުވެރިވާ އާއިލާއަކަށް ވަނީ ވެފަ އެވެ.

"ބައެއް ފަހަރު އިހުސާސްކުރެވޭ ގެ އަދިވެސް ތަންކޮޅެއް ކުޑައޭ. އެ ދަތިކަން އެބައޮތް. އެކަމަކު ނޫން ހާސްކަމެއް ނެތް، ވަރަށް އުފަލުގައި އަހަރެމެން މި އުޅެނީ،" ސުއީ ބުންޏެވެ.

އޭނާ ބުނިގޮތުގައި ގިނަ ދަރިން ތިބުމަކީ ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބޭ ކަމެކެވެ. އަދި އެކަން އިހުސާސްކުރެވޭނީ އެފަދަ މައިންބަފައިންނަށް ކަމަށް ވެސް ބުންޏެވެ.

"ދަރިން ގޮވައިގެން ޕިކްނިކް ދިއުމާއި ހިނގާލަން ދިއުމާއި އަދި އެ ނޫން ވެސް ތަންތަނަށް ދިއުމަކީ އަހަރެމެންނަށް ވަރަށް ބޮޑު އުފަލެއް،" ސުއީ ބުންޏެވެ.

އާއިލާ ބޮޑުވަމުން އަންނަ އިރު، ދަރިން ހޯދުން ހުއްޓައިލުމާ މެދު ދެމަފިރިން އަދިވެސް ގޮތެއް ނުނިންމަ އެވެ. އެކަމަކު 22 ދަރިން ހަމަވެ، ކޮންމެ ޖިންސަކުން 11 ކުދިން ލިބުމަކީ މި ދެމަފިރިންނަށް ވަރަށް ބޮޑު އުފަލެކެވެ.