Roadha Mihaaru
ޖަންކް ފުޑަކީ ދަރިމައިވުމަށް ހުރަސްއަޅާ ކަމެއް

ޖަންކް ފުޑަކީ ދަރިމައިވުމަށް ހުރަސްއަޅާ ކަމެއް

05 މެއި 2018

އަންހެނުން ބަލިވެ އިނުމަށް ހުރަސް އަޅާ ކަންކަމާ ބެހޭ ގޮތުން ކުރެވޭ ދިރާސާތައް މިހާރު ގިނަ އެވެ. ފަހުގެ ދިރާސާއެއްގައި މިހާރު ބުނާ ގޮތުން މޭވާގެ ބާވަތްތައް ކެއުމާ ދުރުވެ، ޖަންކް ފުޑަށް ދެވިހިފުމަކީ މާބަނޑުވުން ލަސްކުރުވާ ނުވަތަ އެކަމަށް ކުރިމަތިވާ ހުރަހެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންހެނުން ބަލިވެ އިނުމަށް ހުރަސް އަޅާ ކަންކަމާ ބެހޭ ގޮތުން ކުރެވޭ ދިރާސާތައް މިހާރު ގިނަ އެވެ. ފަހުގެ ދިރާސާއެއްގައި މިހާރު ބުނާ ގޮތުން މޭވާގެ ބާވަތްތައް ކެއުމާ ދުރުވެ، ޖަންކް ފުޑަށް ދެވިހިފުމަކީ މާބަނޑުވުން ލަސްކުރުވާ ނުވަތަ އެކަމަށް ކުރިމަތިވާ ހުރަހެކެވެ.

ހިއުމަން ރިޕްރޮޑަކްޝަން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ޖަންކް ފުޑް ނުވަތަ ފާސްޓް ފުޑްގެ ބާވަތްތަކީ ދަރިމައިވުމުގެ ސިއްހަތަށް އޮތް ބިރެކެވެ. އެހެންވެ އެފަދަ ބާވަތްތައް ކެއުމާ ދުރުވެ، ތާޒާ މޭވާ ކެއުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ބުނެފައިވެ އެވެ.

ދިރާސާގައި ބުނީ އަލަށް ދަރިއަކު ހޯދަން ޕްލޭންކުރާ އަންހެނުން ޖަންކް ފުޑާ ދުރުވުން ވަރަށް މުހިއްމު ކަމަށެވެ. އަދި ޖަންކް ފުޑަކީ ފަލަވުމާއި އެ ނޫން ވެސް ސިއްހީ ގިނަ މައްސަލަތަކެއްގެ ތެރެއަށް މީހާ ހުށަހެޅި ދާނެ ކަމެކެވެ.

ދިރާސާ ހެދި އޮސްޓްރޭލިއާގެ އެޑެލެއިޑް ޔުނިވަސިޓީގެ ޕްރޮފެސަރު ކްލެއާ ރޮބާޒް ވިދާޅުވި ގޮތުގައި ދުޅަހެޔޮ ޑައިޓަކަށް އަންހެނުން ސަމާލު ނުވާ ނަމަ، ދަރިމައިނުވުމުގެ ބިރު އެބަ އޮތެވެ. އަދި ހަފުތާއަކު ހަތަރު ދުވަހު ނުވަތަ އެއަށް ވުރެ ގިނަ ދުވަހު ޖަންކް ފުޑް ކެވޭ ނަމަ އެއީ ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށާއި އެއީ އާދައަކަށްވެއްޖެ ނަމަ ބަލިވެއިނުމުގެ ފުރުސަތު 41 ޕަސަންޓަށް ދަށްވާ ކަމަށް ބުނެފައިވެ އެވެ.

"އެހެންވެ ޖަންކް ފުޑާ ވީހާ ވެސް ބޮޑަށް ދުރުވެ، މޭވާގެ ބާވަތްތައް ކެއުމަކީ ވަރަށް ބޭނުންތެރި ކަމެއް. ޖަންކް ފުޑަށް ދެވިހިފައިފި ނަމަ އަންހެނުން މާބަނޑުވުން ލަސްވާކަން އަހަރެމެންގެ ދިރާސާ އިން ވަނީ ސާބިތުވެފައި،" ކްލެއާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަރިއަކު ހޯދަން ޕްލޭން ކުރާ ނަމަ، ކަމާ ގުޅުން ހުރި ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން ކެއުން ބެހެއްޓުން މުހިންމެވެ.