Roadha Mihaaru
ފްލެޓް ލިސްޓާ އެކު ބޮޑެތި ޝަކުވާތަކެއް

ފްލެޓް ލިސްޓާ އެކު ބޮޑެތި ޝަކުވާތަކެއް

03 ޑިސެމްބަރ 2020

މިދިޔަ ސަރުކާރުގެ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި އެންމެ ގިނަ މީހުން ފްލެޓަށް ކުރިމަތިލި ކެޓަގަރީގެ ވަގުތީ ލިސްޓު ނެރުމާ އެކު ގިނަ ޝަކުވާތަކެއް ވަނީ ފެންމަތިވެފަ އެވެ. މި ސަރުކާރު އައިސް، ކޮމިޓީއަކުން ފްލެޓްތަކުގެ މައްސަލަ ބަލަން ފެށީ ފްލެޓް ލިބޭނެ މީހުން ކުރިން ކަނޑައެޅި އިރު ބޮޑެތި ގޯސްތައް ހަދާފައި ހުރިކަން ފާހަގަކުރެވިގެންނެވެ. އެކަމަކު 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ޚާއްސަ ކެޓަގަރީ އަށް ޝަރުތު ހަމަވާ މީހުންނާއި ހަމަނުވާ މީހުން އެ ކޮމިޓީން އިއުލާންކުރުމުން، ނުހައްގުން ފްލެޓްތަކެއް "އަތުލާފައިވާ" ކަމުގެ ތުހުމަތު ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އަދި ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ ސަބަބު ދޮގުކޮށް ބައެއް މީހުން ގެންދަނީ ވާހަކަދައްކަމުންނެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

މިދިޔަ ސަރުކާރުގެ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި އެންމެ ގިނަ މީހުން ފްލެޓަށް ކުރިމަތިލި ކެޓަގަރީގެ ވަގުތީ ލިސްޓު ނެރުމާ އެކު ގިނަ ޝަކުވާތަކެއް ވަނީ ފެންމަތިވެފަ އެވެ. މި ސަރުކާރު އައިސް، ކޮމިޓީއަކުން ފްލެޓްތަކުގެ މައްސަލަ ބަލަން ފެށީ ފްލެޓް ލިބޭނެ މީހުން ކުރިން ކަނޑައެޅި އިރު ބޮޑެތި ގޯސްތައް ހަދާފައި ހުރިކަން ފާހަގަކުރެވިގެންނެވެ. އެކަމަކު 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ޚާއްސަ ކެޓަގަރީ އަށް ޝަރުތު ހަމަވާ މީހުންނާއި ހަމަނުވާ މީހުން އެ ކޮމިޓީން އިއުލާންކުރުމުން، ނުހައްގުން ފްލެޓްތަކެއް "އަތުލާފައިވާ" ކަމުގެ ތުހުމަތު ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އަދި ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ ސަބަބު ދޮގުކޮށް ބައެއް މީހުން ގެންދަނީ ވާހަކަދައްކަމުންނެވެ.

ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފަ އެވެ. ރައީސް އޮފީހުގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ދާއިމީ ލިސްޓު އެކުލަވާލުމުގައި ޝަކުވާތަކަށް ރިއާޔަތްކުރާނެ އެވެ.

އެޗް7 ކެޓަގަރީ އަށް ފޯމު ހުށަހެޅި 9،056 މީހުންގެ ތެރެއިން ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައި ވަނީ 1،248 މީހުންނެވެ.

ކަޓުވާލި ސަބަބުތައް ދޮގުކުރޭ

ޝަރުތު ހަމަނުވާ މީހުންގެ ލިސްޓުގައި، މިދިޔަ ސަރުކާރުގައި ފްލެޓަށް މީހުން ހޮވި އިރު 68 ޕޮއިންޓް ލިބުނު އާމިނަތު ނަރީޝާ ހިމެނެ އެވެ. އޭނާ ކެޓި ސަބަބެއް ކަމަށް ލިސްޓުގައި އޮތީ މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅޭ މީހަކަށް ނުވުމެވެ. އެކަމަކު، މިފަދަ މީހުންގެ ފަރާތުން ވަކާލުތުކުރަމުން އަންނަ "އާއްމު އެކުވެރި ގުޅުން" ޖަމްއިއްޔާ އިން ނަރީޝާއާ ހަވާލާދީ ބުނާ ގޮތުގައި އޭނާއަކީ ހުޅުމާލޭގައި ދިރިއުޅޭ މީހެކެވެ. އެ ޖަމްއިއްޔާ އިން ޓްވީޓުކުރި ސްކްރީން ޝޮޓްތަކެއްގައި ނަރީޝާ ބުނެފައި ވަނީ ފްލެޓް ކޮމިޓީ އަށް ގުޅައި، މާލޭގައި ދިރިނޫޅޭ ކަމަށް ނިންމީ ކޮން ފަރާތަކުން ދިން މައުލޫމާތެއްގެ މައްޗަށްތޯ ސުވާލުކުރުމުން "ޖަވާބެއް ނުދެވުނު" ކަމަށެވެ.

"އަޅުގަނޑަކަށް ނުގުޅާ ހާލަތު ބަލާކަށް އަދި ދިރިއުޅެނީ ކޮން ތާކުތޯ ބަލަން ވެސް،" އެއް މެސެޖެއްގައި އޭނާ ލިޔެފައިވެ އެވެ.

އައިޝަތު ނާސިރާ ޝިހާބަކީ ކުރީގެ ސަރުކާރުން 70 ޕޮއިންޓް ދިން މީހެކެވެ. އޭނާގެ ޝަރުތު ހަމަނުވާ ކަމަށް ނިންމާފައި ވަނީ ފޯމު ހުށަހެޅި ތާރީޚުގައި، އޭނާ ނުވަތަ އޭނާގެ ފިރިމީހާ ވަޒީފާ އަދާކުރާކަން އެނގޭނެ ލިޔެކިޔުން ހުށަހަޅާފައި ނުވާ ކަމަށް ބުނެ އެވެ. އެކަމަކު އާއްމުންގެ އެކުވެރި ގުޅުން ޖަމްއިއްޔާ އިން ޓްވީޓްކުރި ސްލިޕަކުން ދައްކާ ގޮތުގައި އޭނާގެ ފޯމާ އެކު ހުށަހެޅި ލިޔެކިޔުމުގެ ތެރޭގައި ވަޒީފާގެ ލިޔުން ހިމެނުނު ކަމަށް ކުރީގެ ހައުސިން މިނިސްޓްރީން ފާހަގަލާފައިވެ އެވެ.

ނާސިރާގެ ފޯމާ ބެހޭގޮތުން އެކުވެރި ގުޅުން ޖަމްއިއްޔާގެ ޓްވީޓް

ނުކުޅެދުންތެރިކަން ހުންނަ ކުދިން ތިބި ބައެއް މީހުންނަށް އެ ބައިން އެއްވެސް މާކްސްއެއް ދީފައި ނެތް ކަމުގެ ޝަކުވާތަކެއް ވެސް އެބަ ހުއްޓެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ވިދާޅުވީ ކުރީގެ މާކްސް އަށް ބަދަލު އައީ ފޯމުތަކުގައި ހުރި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުން ކަމަށެވެ. އެކަމަކު އިވެލުއޭޓް ކުރި ގޮތް ގޯސް ކަމަށް ވަންޏާ އެކަން ގޯސް ކަމަށް ބުނެ ސާބިތުކޮށްދިނުމުގެ ފުރުސަތު އެބަ އޮތް ކަން އޭނާ ފާހަގަކުރެއްވި އެވެ.

ދިރިއުޅުމުގެ ހާލަތު ބަލަން ނުގުޅާ އިރު ވެސް ނުގުޅޭ މީހުންގެ ލިސްޓުގައި ނަން ނެތުމާއި އެކަމާ ބެހޭ ގޮތުން ރައީސް އޮފީހުގައި ކުރި ޝަކުވާ އަށް ޖަވާބެއް ނުލިބޭ މައްސަލަ ވެސް ފާހަގަކުރެވެ އެވެ.

ކުރިން ފްލެޓް ލިބިފައި މިފަހަރު ކެޓި ކަމަށް ބުނާ މީހެއްގެ ޓްވީޓެއް

ހާލަތު ބެލި އުސޫލެއް ނޭނގޭ

ގޭގެ އަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ބެލި ގޮތާ މެދު ވެސް ބޮޑެތި ހިތްހަމަނުޖެހުންތަކެއް އެބަހުއްޓެވެ. ބައެއް މީހުން ދެކޭގޮތުގައި އެއްކުރީ ހާލަތު ދެނެގަނެވޭނެ ފަދަ މައުލޫމާތުތަކެއް ނޫނެވެ. އެކި މީހުންނާ ކުރި ސުވާލުތައް ތަފާތުކަން ވެސް ބައެއް މީހުން ކިޔައިދިނެވެ. އަދި ފްލެޓަށް އެދި ފޯމު ހުށަހެޅި ފަހުން ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކަކީ ކޮބައިތޯ ބަލައި އެ ކަންކަމަށް ރިއާޔަތްކޮށްފައި ނުވާ ކަމުގެ ޝަކުވާތައް ވެސް އެބަހުއްޓެވެ.

މިފަދަ ހިތްހަމަނުޖެހުންތައް ހުރި އިރު، ދިރިއުޅުމުގެ ހާލަތު ބަލަން ކޮމިޓީން ގެންގުޅުނީ ކޮން އުސޫލެއް ކަމެއް ސާފެއް ނޫނެވެ. އެފަދަ އުސޫލެއް އާއްމުކޮށްފައެއް ނުވެ އެވެ.

ރައީސް އޮފީހުން ހުޅުވާލާފައިވާ ޕޯޓަލް މެދުވެރިކޮށް، އެޗް7 ކެޓަގަރީގެ މީހުންނަށް މި މަހު 13ގެ 3:00އާ ހަމައަށް ޝަކުވާ ހުށަހެޅޭނެ އެވެ. އެހެންކަމުން އެ މީހުންނަށް ދެން އޮތީ އެ ޝަކުވާތަކަށް ފަހު ދެން އަންނާނެ ބަދަލަކަށް އިންތިޒާރުކުރުމެވެ.