Roadha Mihaaru
"ސޮފްވަތު ދޫކޮށްލީ އޭނާގެ އުޅުން ރަނގަޅުވުމުން"

"ސޮފްވަތުގެ އަދަބު ލުއިކޮށްދިނީ ގާނޫނީ އިމުގެ ތެރެއިން، ޖަލުގައި އޭނާގެ އުޅުން ވެސް ރަނގަޅު"

05 ޑިސެމްބަރ 2020

ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ ޑްރަގްސް އެތެރެކުރި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ އަބްދުﷲ ސޮފްވަތުގެ އަދަބު ލުއިކޮށްދިނީ ގާނޫނީ އިމުގެ ތެރެއިން ޖަލުގައި އޭނާގެ އުޅުން ވެސް ރަނގަޅުވުމުން ކަމަށް ސަރުކާރުގެ އޮފިޝަލަކު އިއްޔެ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ ޑްރަގްސް އެތެރެކުރި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ އަބްދުﷲ ސޮފްވަތުގެ އަދަބު ލުއިކޮށްދިނީ ގާނޫނީ އިމުގެ ތެރެއިން ޖަލުގައި އޭނާގެ އުޅުން ވެސް ރަނގަޅުވުމުން ކަމަށް ސަރުކާރުގެ އޮފިޝަލަކު އިއްޔެ ވިދާޅުވެއްޖެ އެވެ.

މާޗު، 2014 ގައި ރާއްޖެއަށް 24 ކިލޯގެ ޑްރަގްސް އެތެރެކުރިކަން ސާބިތުވެ، މާޗު 27، 2017 ގައި އޭނާގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވެ އެވެ. ނަމަވެސް އަދަބު ލުއިކޮށް މިދިޔަ ޖުލައި 29 ގައި ސޮފްވަތު ވަނީ ޖަލުން ދޫކޮށްލައިފަ އެވެ.

އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޮފިޝަލް ވިދާޅުވީ ޖަލުގައި ސޮފްވަތުގެ އުޅުން ވަރަށް ރަނގަޅު ކަމަށް ކަރެކްޝަންސްގެ ރިޕޯޓުން ވެސް އެނގޭ ކަމަށް ކަމަށެވެ. ޖަލުން އޭނާ ދޫކޮށްލިއިރު ހުރީ މިސްކިތުގެ އިމާމަކަށް ކަމަށް ވިދާޅުވި އެވެ.

ކްލެމެންސީގައި އޮންނަގޮތުން، ހުކުމުގެ ހަތަރު ބައިކުޅަ އެއްބައި ތަންފީޒުކޮށް ނިމުމުން އެ ކަމަށް އެދެވޭނެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެ އުސޫލު ހިފަހައްޓަވާ ކަމަށާއި އެއީ އެއްވެސް ގޮތަކަށް ގާނޫނު ލާޒިމްކުރާތީ ނޫން ކަމަށް ވިދާޅުވި އެވެ.

"..ފަންސަވީސް އަހަރަށް ހުކުމްކޮށްފައި ހުންނަ މީހެއްގެ ހަތަރު ބައިކުޅަ އެއްބަޔަކީ ހަ އަހަރާއި ދެ މަސް. ހުކުމް ތަންފީޒުކުރާ މުއްދަތު ގުނާއިރުގައި އެ މީހަކަށް އެ ހުކުމް ކުރެވުނު މައްސަލައިގައި ތަހުގީގުގައި ބަންދުގައި ހުންނަ މުއްދަތު ކައުންޓް ކުރާނެ. އެހެންވީމަ، ހުކުމްކުރެވުނު ޑޭޓުން ފެށިގެންނެއް ނޫން ހުކުމުގެ މުއްދަތު ކައުންޓްކުރާނީ. އެހެންވެގެން ސޮފްވަތު ވެސް އިންނާނެ އެ މުއްދަތު ގޮސްފައި. [ސޮފްވަތު] ދޫކޮށްފައި އިންނާނީ ހުކުމުގެ ބާކީ އިން މުއްދަތުގެ ކޮންމެ ވެސް މިންވަރެއް ބައިންދާފައި ދެން އިން ބައި ލުއިކޮށްދީފައި،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް އޭނާއަށް އަދަބު ލުއިކޮށްދިން މިންވަރެއް ސާފެއް ނުކޮށްދިނެވެ.

އެގޮތަށް މައާފް ދޭއިރު ނުވަތަ އަދަބު ލުއިކޮށްދޭއިރު ހަމައެކަނި ބަލަނީ ހުކުމުގެ މުއްދަަކަށް ނޫން ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެ މީހަކު ޖަލުގައި އުޅެފައި ހުރި ގޮތަށް ވެސް ބަލާނެ ކަމަށް ވިދާޅުވި އެވެ.

"ރައީސްގެ ކްލެމެންސީއަކީ އޮނަވިހި މާއްދާއިން ރައީސަށް ލިބިދޭ ވަރަށް ހާއްސަ މުތުލަބު ބާރެއް. އެހެންވީމަ، އެކަން ކުރާއިރުގައި ވެސް އަޅުގަނޑުމެން ރިކޯޑްސް ގެންނަން. ރިކޯޑްސް ގެންނައިރު އޭނާ އިސްލާހުވެފައި ހުރި މިންވަރަށް އެބަ ރިއާޔަތްކުރަން. އޭނަ މަސައްކަތްކޮށްފައި ހުރީ ކިހާ މިންވަރަކަށްތޯ. ކަރެކްޝަންސްގެ ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި އޭނާ މިހާރު އެ ހުރީ ރިހިބިލިޓޭޓް ވެފައިތޯ ނޫނީ ނޫންތޯ. އެ ހުރިހާ އެއްޗަކަށް ބަލާފައި މި ދޫކުރަނީ،" އޭނާ ވިދާޅުވި އެވެ.

"ސޮފްވަތުގެ ޑައިރެކްޓާ އޮފް ކަރެކްޝަންސްގެ ރިޕޯޓު އެއީ މިހާތަނަށް އަޅުގަނޑު ދުށް އެންމެ ރަނގަޅު ރިޕޯޓު. ކަރެކްޝަންސްގެ ހުރިހާ ބޭފުޅުން، މެނޭޖްމަންޓް އެއްކޮށް ވިދާޅުވެފައި އޮންނަނީ އޭނަ މިހާރު ދޫކޮށްލަން ތިމަންނަމެންނަށް ފެނެއޭ. ރަނގަޅު މީހެއްގެ ގޮތުގައި އުޅޭނެ ކަމަށް ބެލެވެއޭ. ދޫކޮށްލިއިރު ހުރީ، އަޅުގަނޑު ހަނދާންވާ ގޮތުގައި ޖަލުގެ މުދިމަކަށް،"

ސޮފްވަތު ދޫކޮށްލި ނަމަވެސް، އޭނައާއެކު އެ މައްސަލައިގައި 25 އަހަރުގެ ޖަލު ހުކުމެއް އިއްވި އިސްމާއިލް މޫސާގެ އަދަބު ލުއިނުކޮށްދޭ ކަމަށް ވިދާޅުވި އެވެ.

"އިންމަ ދޫނުކޮށް އެ ހުންނަ ސަބަބަކީ އަސްލު، އެ ކޭސްގައި އިސް މީހަކީ އިންމަ. އެހެންވެ މި ދެންނެވީ، ވަރަށް ބައިވަރު ޑީޓެއިލްސް އަށް ބަލާފައޭ އަޅުގަނޑުމެން ޑިސިޝަން ނަގަނީ. އިންމަ ދޫކޮށްލާކަށް އަޅުގަނޑުމެން ނޫޅެން،"

ސޮފްވަތުގެ އިތުރުން ޑްރަގް ޓްރެފިކިންގެ ކުށުގައި ދިގު މުއްދަތަކަށް ޖަލަށް ލާފައިވާ ގިނަ ބައެއްގެ އަދަބު ލުއިކޮށް ވަނީ ދޫކޮށްލައިފަ އެވެ. އެގޮތަށް މީހުން ދޫކުރަން ފެށީ މަސްތުވާތަކެއްޗާ ބެހޭ ފަހުގެ ގާނޫނަށް ރިއާޔަތްކުރުމަށްފަހުގަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެއްޗާ ބެހޭ ފަހުގެ ގާނޫނު އައިއިރު، ޑްރަގް ޓްރެފިކިންނަށް ނުފެތޭ މައްސަލަތަކުގައި ދިގު މުއްދަތަކަށް ހުކުމްކޮށްފައި މީހުން ތިބި ކަމަށެވެ. އެހެންވެ މި ސަރުކާރު އައިސްފައި، އެ ގާނޫނުން ދެވޭ ލުއި އެންމެންނަށް ލުއީ ދިނީ ކަމަށާއި އެގޮތަށް އަދަބު ލުއިކޮށް 50-60 މީހުން ދޫކޮށްފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ. އޭގެ ސަބަބަކީ ފަހުގެ ގާނޫނަށް ރިއާޔަތްކުރާއިރު އެ މީހުންނަކީ ޑްރަގް ޓްރެފިކް ކުރާ މީހުންނަށް ނުބެލޭނެވެތީ ކަމަށް ވިދާޅުވި އެވެ.

ރައީސްގެ ކްލެމެންސީ ނޫނަސް ޑްރަގް ޓްރެފިކިން މައްސަލަތަކުގައި ހުކުމް ތަންފީޒުކުރާ މީހުން ވެސް އިސްލާހުވެއްޖެނަމަ ދޫކޮށްލެވޭ އެހެނިހެން ނިޒާމްތަކެއް ހުންނަކަމަށް ވިދާޅުވި އެވެ. ޓްރެފިކިން މައްސަލައިގައި 25 އަހަރަށް ޖަލަށް ދާ މީހުންނަކީ ހަމަ 25 އަހަރު ޖަލުގައި ތިބޭނެ ބައެއް ނޫން ކަމަށާއި ޖަލަށް ދަނީ ރިހިބިލިޓޭޓް ކުރަން ކަމަށް ވިދާޅުވި އެވެ.

ސޮފްވަތު ދޫކޮށްލުމުން ސަރުކާރަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވެ އެވެ. ނަމަވެސް އޭނާ ވިދާޅުވީ އެ ފަދަ މައްސަލަތަކުގައި ހުކުމް ތަންފީޒުކުރާ މީހުން ދޫކުރުން އެއީ ގާނޫނު ހުއްދަ ނުކުރާ ކަމަކަށް ވާނަމަ ގާނޫނުގައި އޮންނާނީ އެކަން ލިޔެފައި ކަމަށާއި ގާނޫނުން ރައީސަށް ދޭ ދުސްތޫރީ ބާރެއްގެ ބޭނުން ކުރެއްވުމަކީ ފުލުހުން ނުވަތަ އެހެން ބަޔަކު މައްސަލަ ޖައްސަން ޖެހޭނެ ކަމަކަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

"އެ ބާރު ލިބިދީފައި ނޯންނަ، އެއީ ކުރަން ނުޖެހޭނެ ނުވަތަ ނުކުރެވޭނެ ކަމަކަށް ވަންޏާ ގާނޫނުން އޭތި ހަނިކުރާނެ. ރައީސުލްޖުމްހޫރިއްޔާ ކުރެއްވީކީ ގާނޫނު ހުއްދަނުކުރާ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މައާފުދިނުމާއި އަދަބުލުއިކޮށްފިނުމުގެ ގާނުނުގެ ދަށުން ވެސް، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަކަށް މައާފެއް ނުދެވޭނެ އެވެ. އެކަމަކު ހުކުމުގެ މުއްދަތު ކުރުކުރުމާއި އަދަބު ލުއިކޮށްދިނުމަކަށް އެ ގާނޫނު ހުރަހެއް ނާޅައެވެ.