Roadha Mihaaru
ޑްރަގްގެ މީހާ ދޫކޮށްލީ ޑޮކްޓަރަށް ދައްކާފައި ވަނިކޮށް

ޑްރަގްގެ ބޮޑެއް ޑޮކްޓަރަށް ނުދައްކާ ކަމަށް ބުނެ ދޫކޮށްލީ ޑޮކްޓަރަށް ދެއްކި ކަމުގެ ލިޔުންތައް ވެސް ހުއްޓާ

26 ޖެނުއަރީ 2021

ރާއްޖެއަށް 61 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު އަހުމަދު ވިސާމް ބަންދުގައި ހުރި އިރު އެކަށީގެންވާ ސިއްހީ ފަރުވާ ނުދޭ ކަމަށް ބުނެ ކޯޓުން އޭނާ ދޫކޮށްލިއަސް، މީގެ ދެ ހަފުތާ ކުރިން އޭނާ ޑޮކްޓަރަށް ދެއްކިކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެއަށް 61 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު އަހުމަދު ވިސާމް ބަންދުގައި ހުރި އިރު އެކަށީގެންވާ ސިއްހީ ފަރުވާ ނުދޭ ކަމަށް ބުނެ ކޯޓުން އޭނާ ދޫކޮށްލިއަސް، މީގެ ދެ ހަފުތާ ކުރިން އޭނާ ޑޮކްޓަރަށް ދެއްކިކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އިރުއަލިމަސް ނަމަކަށް ކިޔާ މަސް ދޯންޏަކުން މާޗު 20، 2020 ގައި މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ފުލުހުން ބުނާ މ. ބޮއިލިންފިޝް، ވިސާމް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. ނަމަވެސް ބަންދު އަމުރު ރިިވިއުކުރަން މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ގާޒީ އާދަމް މުހައްމަދު ވަނީ އޭނާ ބަންދުން ދޫކޮށްލަން އަމުރުކުރައްވައިފަ އެވެ.

ގާޒީ ނެރުއްވި އަމުރުގައި ވަނީ ކަރެކްޝަނަލް ސާވިސްގެ ފަރާތުން ވިސާމަށް އެކަށީގެންވާ ގޮތެއްގައި ސިއްހީ ފަރުވާ ދީފައި ނުވާ ކަމަށެވެ. އޭނާ އަކީ ކަކުލުގެ ބޮޑު އޮޕަރޭޝަނެއް ކުރަންޖެހޭ މީހެއްކަން ލިޔުންތަކުން އެނގެން އޮތް އިރު ވެސް ޑޮކްޓަރަށް ދައްކާފައި ނުވާ ކަމަށާއި ނަފްސާނީ ޑޮކްޓަރަކަށް ވެސް ދެއްކުމަށް ރިފާކޮށްފައިވާއިރު އެކަން ވެސް ކޮށްފައި ނުވުމަކީ ވިސާމް ދޫކޮށްލާ ސަބަބެއް ކަމަށް ވިދާޅުވި އެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި މި މަހުގެ 12 ވަނަ ދުވަހު ވިސާމް ޑޮކްޓަރަށް ދައްކާފައި ވެ އެވެ. އޭގެ ފަހުން ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދެއްކުމަށް އެޕޮއިންޓްމަންޓަކަށް އެދިފައި ވެސް ވެ އެވެ. މީގެ ކުރިން ވެސް އެތައް ފަހަރަކު އޭނާ ޑޮކްޓަރަށް ދެއްކި އެވެ. ނަމަވެސް ރާއްޖެއަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ވިސާމް ކޯޓުން ދޫކޮށްލީ ޑޮކްޓަރަށް ދެއްކިކަމުގެ ލިޔުންތައް ވެސް ހުށަހަޅާފައި ވަނިކޮށެވެ.

ޑްރަގްގެ ބޮޑަކު ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ނިންމައިފަ އެވެ.

އެ މައްސަލައިގައި ވިސާމާއެކު 11 މީހަކަށް ދައުވާކޮށް މިދިޔަ އަހަރު ކޯޓަށް ފޮނުވި އެވެ. އެއީ މުހައްމަދު ހަމީދު، ގދ. ރަތަފަންދޫ، ގުލްދަސްތާގެ، މުހައްމަދު މާއިޝް، މ. މާކޮޅު، މުހައްމަދު ޝާމިން، މއ. ވިރާހު، އަހުމަދު ޝިފާޒް، ހުޅުމާލޭ ފްލެޓް 06ޖީ4، އަބްދުﷲ ޝާމް، މއ. ބޯޅަކިންކިރިމާގެ، ހުސައިން ސުނާޒް، މ. މުލި، ސޯސަންވިލާ، ސައުދުﷲ ރަޝީދު، މ.ކެޕްރިކޯން، މުހައްމަދު ނަޝީދު، މ.މުލި، ހުދުފިނިފެންމާގެ، މުހައްމަދު މާއިދު، މ. ކޮޅުފުށި، އޯޝަންވިއު އަދި މުހައްމަދު ރިޟްވާން އިބްރާހިމް، މ. މުލި، މުސްތަރީގެ އެވެ.

އެ މީހުންގެ ތެރެއިން ހަތް މީހުންނަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ދޯނީގައި ދަތުރުކުރި މީހުންނެވެ. އަނެއް ހަތަރު މީހުންނަކީ މާލެއާއި ހުޅުމާލޭގެ ހަތަރު ގެއެއް ބަލައި ފާސްކޮށް ހައްޔަރުކުރި މީހުންނެވެ.