Roadha Mihaaru
59 ހައްޔަރު: ބިރެއް ނެތި ކުށްކުރާ ސަބަބު ރެކޯޑުން!

59 ހައްޔަރު: ޖެހިލުމެއް ނެތި ކުށްކުރާ ސަބަބު ރެކޯޑުތަކުން!

06 ޑިސެމްބަރ 2022

"އެއް ދޮރުން ވައްދާފައި އަނެއް ދޮރުން ދޫކޮށްލަނީ" އެވެ!

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

"އެއް ދޮރުން ވައްދާފައި އަނެއް ދޮރުން ދޫކޮށްލަނީ" އެވެ!

ވައްކަން ކުރަން ހުއްޓައި އަތުލައިގަތް މުހައްމަދު އިލްހާމްގެ ކުށުގެ ރެކޯޑުތަކަށް ބަލާއިރު އެހެން ބުނެވެން އެބައޮތެވެ. އުމުރުން 40 އަހަރުގައި އިލްހާމް މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކުރީ 59 ވަނަ ފަހަރަށެވެ. އޭރު އޭނާ ހުރީ އިތުރު ބަޔަކާ އެކު ކޯސްޓްލައިން މާލޭ އޮފީހެއްގެ ތިޖޫރިއެއް ފަޅާލައި ވައްކަން ކުރާށެވެ.

ސީސީޓީވީ ކެމެރާ ހުރި އެ އޮފީހަށް ވަދެ ހުރިއިރު ބިރެއް ޖެހިލުމެއް، ހާސްކަމެއް އޭނާގެ ނެތެވެ. ހައްޔަރުކުރިއަސް ދޫކޮށްލާނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށް ވެސް ވެދާނެ އެވެ.

ވައްކަން ކުރަން ހުއްޓައި އޭނާ އަނެއްކާވެސް އަތުލައިގަތް ހަބަރު ޖެހުމުން ފާޑުކިއުން އަމާޒުވީ ކަމާގުޅޭ އިދާރާތަކަށެވެ. ކުށުގެ ރެކޯޑު އޮތް އިލްހާމް ކުށަށް އަރައިގަންނަން ދޫކޮށްލާފައި ހުރުމަކީ، "މިހާރު"އަށް ކޮމެންޓްކުރި ބައެއް މީހުން ބުނެފައިވާ ގޮތުގައި ނިޒާމް ފެއިލްވެފައި އޮތުމެވެ.

"58 ފަހަރު ހައްޔަރު ކޮށްފައި ވެސް ދޫކޮށްލީ. މި ފަހަރު ވެސް ދޫކުރާނީ. އިންސާފު ގާއިމް ނުވާ ތަނެއްގައި ސުލްހަ އާއި ތަރައްގީ ގާއިމް ވާނީ ކިހިނެއް؟" ހިތްހަމަނުޖެހިގެން އެކަކު ކުރި ކޮމެންޓެއްގައިވެ އެވެ.

އޭނާއަށް ތާއީދުކޮށް ކޮމެންޓްކުރި މީހުން ލިޔެފައިވާ ގޮތުގައި އެ މައްސަލައިން ފެނުނީ ތަންފީޒީ އިދާރާތަކުގެ އިހުމާލު އޮތް މިންވަރެވެ.

"މިކަމުން ވެސް ވަރަށް ސާފު ތަންފީޒީ އިދާރާތައް ބޮޑުތަނުން ފެއިލްވެފައި މިއޮތީ. މިއީ، ގައުމުގެ ހާލަތު،" ކޮމެންޓެއްގައިވެ އެވެ.

ތިން ކުށެއްގެ މައްސަލަތައް އިންތިހާގައި!

ފިހާރައިން ވައްކަން ކުރަން ހުއްޓައި މިދިޔަ ހަފުތާގައި އަތުލައިގަތުމުގެ ކުރިން އޭނާ ހައްޔަރުކޮށް ބައެއް މައްސަލަތައް ތަހުގީގު ކުރި އެވެ. އޭގެތެރޭގައި ވައްކަމާއި ފޭރުމުގެ ބޮޑެތި މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތައް ހިމެނެ އެވެ.

އޭނާ ހިންގާފައިވާ ކުށްތަކާ ގުޅޭ ގޮތުން "މިހާރު" އިން ހޯދި މައުލޫމާތަށް ބަލާއިރު ފޭރުމުގެ ބޮޑު މައްސަލައެއްގައި އިލްހާމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިހާރު ވެސް އަންނަނީ ޝަރީއަތް ހިންގަމުންނެވެ.

އެއީ، އިތުރު ބަޔަކާ އެކު ފުލުހުން ކަމަށް ހެދިގެން ގޮސް، މަޖީދީމަގުގައި ހުންނަ ފަރިވާ ސްޓޭއަށް ފަތިހު ވަދެ އެތަނުގެ ކޮޓަރިތަކެއްގައި ތިބި ބިދޭސީންތަކެއްގެ އަތުން ފޭރުނު މައްސަލައެކެވެ.

ފަރިވާއަށް ނޮވެމްބަރު، 11، 2020 ގައި ވަނީ ފުލުހެއް ކަމަށް ކާޑެއް ދައްކައިގެންނެވެ. އެ ގެސްޓް ހައުސްގެ ދޮރު ހުޅުވި ބަންގްލަދޭޝް މީހާއަށް ބިރު ދައްކައި އަތުގައި ކޭބަލް ޓައީ އެޅުވުމަށް ފަހު ގިނަ އަދަދެއްގެ ތަކެތި ފޭރުނެވެ. ރަސްމީ ލިއުންތަކުގައިވާ ގޮތުން އެތަނުން 20،000 އަށް ވުުރެ ގިނަ ރުފިޔާ އާއި ލައްކައެއްހާ ރުފިޔާގެ ރަނާއި ގިނަ އަދަދެއްގެ ފޯނު ގެންދިޔަ އެވެ.

މި ނޫން ވެސް ގިނަ މައްސަލަތަކުގައި އޭނާގެ މައްޗަށް ތަހުގީގު ހިންގައި ދައުވާ އުފުލައި ހުކުމް ވެސް ކޮށްފައިވެ އެވެ. އެކަމަކު އެކަށީގެންވާ ގޮތެއްގައި ހުކުމް ތަންފީޒެއް ނުކުރެ އެވެ.

އިލްހާމްގެ ކުށުގެ ރެކޯޑް

- 59 ފަހަރަަށް ހައްޔަރުކުރި

- މީގެ ތެރެއިން ޕީޖީއަށް ހުށަހެޅީ 12 މައްސަލަ

- ދައުވާނުކޮށް އެއް މައްސަލަ އަނބުރާ ފޮނުވާލި

- ހުކުމްކޮށްފައި ވަނީ ހަ މައްސަލަައެއްގައި

އިލްހާމްގެ ކުށުގެ ރެކޯޑަށް ބަލާއިރު އޭނާގެ ފަސް މައްސަލައެއް ކޯޓުގައި ހިނގަމުން އެބަދެ އެވެ. ހަތަރު މައްސަލަ ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އަޑުއެހުންތައް ނިމިފައި ވަނީ އެންމެ މައްސަލައެއްގަ އެވެ.

އިލްހާމަށް ދައުވާ ކުރަން އޭރު ފޮނުވި މައްސަލަތަކުގެ ތެރެއިން ވައްކަމުގައި ކުރާ ދައުވާގައި ހަ އަހަރުގެ ޖަލު ހުކުމެއް އަންނައިރު، މަސްތުވާތަކެތީގެ މައްސަލާގައި 12 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޖަލު ހުކުމުން މާފު ދިން!

ކުށުގެ ރެކޯޑު އޮތް އިލްހާމް އެންމެ ފަހުން މިނިވަންވެފައި ހުރީ އޭނާ ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މާފްދީ ދޫކޮށްލުމުންނެވެ.

އޭނާއަށް އިއްވި ޖަލު ހުކުމެއް ތަންފީޒުކުރަނިކޮށް ދޫކޮށްލީ 2019 ގައި މި ސަރުކާރުން ކަން އެނގިފައިވެ އެވެ. އެއީ ކުދި ކުށްކުރާ މީހުންނަށް ދޭ މާފުގެ ދަށުންނެވެ.

އޭގެ ފަހުން މިވީ ހަތަރު އަހަރު ތެރޭގައި ވެސް އޭނާ ދިޔައީ ތަކުރާރުކޮށް ކުށްތަކަށް އަރައިގަންނަމުންނެވެ. މިދިޔަ ހަފުތާގައި ހައްޔަރުކުރީ، ވައްކަން ކުރަން ހުއްޓައި އެ އޮފީހުގެ މުވައްޒަފަކަށް ފެނިގެން ރިޕޯޓްކުރުމުންނެވެ.

ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިއުމުން ކްރިމިނަލް ކޯޓުން ވަނީ 45 ދުވަސް ޖަހައިފަ އެވެ. އެކަމަކު ތަހުގީގަށް ފަހު އޭނާއަށް އެކަށީގެންވާ އަދަބު ދެވޭނެތޯ އެއީ ރެކޯޑުތަކަށް ބަލާއިރު އުފެދޭ ސުވާލެކެވެ.

ހުކުމް ތަންފީޒުކުރަން ޖެހޭ ގިނަ ބަޔަކު ދޫވެފައި ތިބިއިރު އިލްހާމަކީ އޭގެ ތެރެއިން އެކަކެވެ!