Roadha Mihaaru
އޮސްޓިން ރަސަލް: އެންމެ ޒުވާން ބިލިއަނަރު

އޮސްޓިން ރަސަލް: އެންމެ ޒުވާން ބިލިއަނަރު

07 ޑިސެމްބަރ 2020

އަމިއްލަ މަސައްކަތުން ލިބުނު އާމްދަނީން، މި ވަގުތު ދުނިޔޭގައި ހުރި އެންމެ ޒުވާން ބިލިއަނަރަކީ ޓެކް ކުންފުންޏެއް ހިންގާ 25 އަހަރުގެ އެމެރިކާ މީހެއް ކަމަށް ފޯބްސް އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަމިއްލަ މަސައްކަތުން ލިބުނު އާމްދަނީން، މި ވަގުތު ދުނިޔޭގައި ހުރި އެންމެ ޒުވާން ބިލިއަނަރަކީ ޓެކް ކުންފުންޏެއް ހިންގާ 25 އަހަރުގެ އެމެރިކާ މީހެއް ކަމަށް ފޯބްސް އިން ބުނެފި އެވެ.

އުމުރުން އެންމެ 17 އަހަރުގައި އުފެއްދި ލުމިނާ ޓެކްނޮލޮޖީން ހޯދަމުން އަންނަ ކުރިއެރުންތަކާ އެކު އޮސްޓިން ރަސަލްގެ މިލްކިއްޔާތު މިހާރު 2.4 ބިލިއަން ޑޮލަރަށް އަރަ އެވެ. ކާރުތަކަށް ބޭނުންވާ ލޭޒާ ސެންސާ އުފައްދާ ކުންފުންޏެއްގެ ގޮތުގައި އައި ލުމިނާ މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހިއްސާގެ ބާޒާރުގައި ވެސް ލިސްޓްކޮށްފަ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ ހިއްސާގެ އަގު 28 ޕަސެންޓަށް އިތުރުވެ ކުންފުނީގެ އަގު މިހާރު 7.8 ބިލިއަން ޑޮލަރަށް އަރަ އެވެ. ލުމިނާގައި ރަސަލްގެ 104.7 މިލިއަން ޑޮލަރުގެ ހިއްސާ ހިމެނެ އެވެ.

އެމެރިކާގެ ކެލިފޯނިއާ އަށް އުފަން ރަސަލް ބުނި ގޮތުގައި އޭނާގެ ކުންފުނި ހިއްސާގެ ބާޒާރުގައި ލިސްޓްކުރެވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

"މި ހިސާބަށް މި އާދެވުނީ ވަރަށް ގިނަ އަޑިގުޑަންތަކަށް ފަހު. އެކަމަކު މިކަން ކާމިޔާބުވުމަކީ މިހާތަނަށް ލިބުނު އެންމެ ބޮޑު އުފަލަށް ވާނެ،" އޭނާ ބުންޏެވެ.

އޮސްޓިން ބުނި ގޮތުގައި ލުމިނާގެ ކާމިޔާބީ އަކީ ވަރަށް ބޮޑު ގުރުބާނީއެކެވެ.

"އަހަރެން އަދި ވަރަށް ޒުވާން. އެކަމަކު ބުރަ މަސައްކަތާއި އަޒުމާ އެކު މަސައްކަތްކޮށްފި ނަމަ ކާމިޔާބު ހޯދޭނެ،" އޭނާ ބުންޏެވެ. "އަހަންނަކީ ނަސީބު ރަނގަޅު މީހެކޭ ބުނާ ހިތްވަނީ."

އޮސްޓިން ބުނި ގޮތުގައި އެހާ ހަގު އުމުރުގައި ބިލިއަނަރަކަށްވުމަކީ މާ އާދަޔާހިލާފުކަމެއް ވެސް ނޫނެވެ. ސަބަބަކީ ލުމިނާ ވުޖޫދަށް ގެނައި ހިސާބުން ވެސް އަޒުމަކަށްވެފައި އޮތީ ކުންފުނި ބިލިއަން ޑޮލަރުގެ އަގުހުރި ކުންފުންޏަކަށް ހެދުމެވެ.

"އަހަރެން އަބަދު ވެސް ވިސްނަނީ ދުރު މުސްތަގުބަލަށް. އެހެންވީމާ ކަންކަން ދުރާލައި ޕްލޭންކޮށްގެން ކުރިއަށް ގެންދާ ކަމަށް ވަންޏާ ކާމިޔާބީއާ ހަމައަށް ދެވޭނެ،" 2012 ގައި އުފެއްދި ލުމިނާއާ ބެހޭ ގޮތުން އޮސްޓިން ބުންޏެވެ.

އޭނާ އެ ކުންފުނި އުފެއްދީ ސްޓޭންޑާޑް ޔުނިވަސިޓިގައި ފިޒިކްސްގެ ދާއިރާ އިން ކިޔަވަމުން ދިޔަ ކޯސް ވެސް ހުއްޓާލައިފަ އެވެ. އަދި ލުމިނާ ވުޖޫދަށް ގެނެވުނީ، ޕޭ-ޕަލްގެ ބާނީންގެ ތެރޭގައި ހިމެނޭ ޕިޓާ ތިއެލް ދޭ "ތިއެލް ފެލޯޝިޕް" ގެ ދަށުން ލިބުނު 100،000 ޑޮލަރު އިންވެސްޓްކޮށް، ކިޔެވުން ވެސް ހުއްޓާލައިގެންނެވެ.

އޮސްޓިން ބުނި ގޮތުގައި ލިޑާރް ޓެކްނޮލޮޖީ އަށް ބަރޯސާވާ އޭނާގެ ކުންފުނި ލުމިނާގެ ކުރިމަގު ކުރިއަށް އޮތީ އެވެ. ފޯބްސް އޭނާގެ ކާމިޔާބީ ސިފަކޮށްފައި ވަނީ "އަމިއްލަ މަސައްކަތުން ބިލިއަނަރަށްވި ޒުވާނެއް" ގެ ގޮތުގަ އެވެ.