Roadha Mihaaru
ސެމްސަންގު ވެސް ފޯނާއެކު ޗާޖަރާއި އިއަފޯނެއް ނުދޭނެ

އެޕަލް އަށް ޖޯކު ޖެހި ސެމްސަންގު ވެސް ފޯނާއެކު ޗާޖަރާއި އިއަފޯނު ނުދޭން ނިންމައިފި

09 ޑިސެމްބަރ 2020

އެޕަލް އިން އެންމެ ފަހުން ބާޒާރަށް ނެރުނު ފޯނާއެކު ޗާޖިން އެޑަޕްޓަރު ނުދޭން ނިންމުމުން އެކަމަށް ޖޯކު ޖެހި މީހުންގެ ތެރޭގައި ސެމްސަންގު ވެސް ހިމެނެ އެވެ. އެޕަލްގެ ފޯނުތަކުގައި ހެޑްފޯން ޖެކް ނުހިމަނަން ނިންމުމުން ވެސް މަލާމާތްކުރި ގޮތަށެވެ.

އެޕަލް އިން އެންމެ ފަހުން ބާޒާރަށް ނެރުނު ފޯނާއެކު ޗާޖިން އެޑަޕްޓަރު ނުދޭން ނިންމުމުން އެކަމަށް ޖޯކު ޖެހި މީހުންގެ ތެރޭގައި ސެމްސަންގު ވެސް ހިމެނެ އެވެ. އެޕަލްގެ ފޯނުތަކުގައި ހެޑްފޯން ޖެކް ނުހިމަނަން ނިންމުމުން ވެސް މަލާމާތްކުރި ގޮތަށެވެ.

އެކަމަކު އެންމެ ފަހުން މި ޖެހުނީ އެއްތާކު އެވެ. ހެޑްފޯން ޖެކް ނުލައި އައިފޯނު ހަދަން ފެށުމުން ޖޯކު ޖެހުމަށް ފަހު ސެމްސަންގުން ވެސް އެގޮތަށް ކަންތައް ކުރި ގޮތަށް، މިފަހަރު ވެސް ސެމްސަންގުން އެޕަލްއެކޭ އެއްގޮތަށް ޗާޖަރު ނުލައި ފޯނު ވިއްކަން ނިންމީ އެވެ. ޗާޖަރެއް ވެސް ހެޑްފޯނެއް ވެސް ސެމްސަންގުން އަންނަ މަހު ނެރެން އުޅޭ ގެލެކްސީ އެސް 21 ސީރީޒްގެ ފޯނުތަކުގައި ނުހިމަނާނެ ކަމަށް އެ ފޯނުތައް ބްރެޒިލްގައި ވިއްކުމުގެ ހުއްދަ ދީ ދޫކޮށްފައިވާ ލިޔުމާ ހަވާލާދީ ޖީއެސްއެމް އެރީނާ އިން ވަނީ ބުނެފަ އެވެ.

ބްރެޒިލްގެ ރެގިއުލޭޓަރީ އިދާރާ އެނަޓެލްގެ ލިޔުމުގައި ވަރަށް ސާފުކޮށްފައި ބުނެފައިވަނީ ފޯނު ވިއްކާއިރު އެއާ އެކު ޗާޖަރާއި ހެޑްފޯން ނުލިބޭނެ ކަމަށެވެ. ބެލެވޭ ގޮތުގައި އެޕަލް އިން ވެސް ބުނި ގޮތަށް ސެމްސަންގުން ވެސް ބުނާނީ ތިމާވެށީގެ ހިމާޔަތަށްޓަކައި ކުނި މަދުކުރަންޖެހޭތީ މިގޮތަށް ނިންމީ ކަމަށެވެ.

ޗާޖިން އެޑަޕްޓަރު އެޕަލް އިން ނުދޭން ނިންމުމުން ސެމްސަންގުން އެޕަލް އަށް މަލާމާތްކުރީ އެޑަޕްޓަރެއްގެ ފޮޓޯއަކާ އެކީ "އިންކުލޫޑެޑް ވިތު ޔޯ ގެލެކްސީ" ޖަހައިފަ އެވެ. އަދި ބުނެފައި ވަނީ ޗާޖަރަކީ ފޯނަށް ބޭނުންވާ އެންމެ އަސާސީ އެކަތި ކަމަށާއި ސެމްސަނުން ވިއްކާ ގެލެކްސީ ބްރޭންޑްގެ ފޯނުތަކުގައި އަސާސީ ހުރިހާ އެއްޗެއް ހުންނާނެ ކަމަށެވެ.

މީގެ ކުރިން އެޕަލް އިން އައިފޯނުގައި ހެޑްފޯން ޖެކް ނުހިމަނައި ވަޔަލެސް ހެޑްފޯނަށް ހާއްސަކުރުމުން އެކަމަށް ސެމްސަންގުން ޖޯކު ޖެހުމަށް ފަހު ސެމްސަންގުން ހެޑްފޯން ޖެކް ދޫކޮށްލީ އެޕަލް އަށް ޖޯކު ޖަހާފައި ހެދި އިސްތިހާރުތައް ސޯޝަލް މީޑިއާ އިން ރިމޫމް ކުރުމަށް ފަހުގަ އެވެ.