Roadha Mihaaru
ޝޯމީގެ އަމާޒަކީ ފޯނު ވިޔަފާރީގެ ކުރި އަތުލުން

ޝޯމީގެ އަމާޒަކީ ފޯނު ވިޔަފާރީގެ އެންމެ ކުރި ތިން އަހަރުން އަތުލުން

12 އޯގަސްޓް 2021

މި އަހަރުގެ ދެވަނަ ކުއާޓާގެ ފޯނުގެ ވިޔަފާރީގައި، އެމެރިކާގެ މަޝްހޫރު އެޕަލް ފަހަތަށް ޖައްސާލި ޗައިނާގެ ޝޯމީން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްމާޓްފޯނުގެ މާކެޓް ކުރިއަތުލަން މަސައްކަތް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ދެވަނަ ކުއާޓާގެ ފޯނުގެ ވިޔަފާރީގައި، އެމެރިކާގެ މަޝްހޫރު އެޕަލް ފަހަތަށް ޖައްސާލި ޗައިނާގެ ޝޯމީން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްމާޓްފޯނުގެ މާކެޓް ކުރިއަތުލަން މަސައްކަތް ފަށައިފި އެވެ.

އެ ކުންފުނިން ބުނީ ސްމާޓްފޯނުގެ ވިޔަފާރީގައި ޝޯމީ މިހާރު އޮތް ހިސާބަށް ބަލައި، މަސައްކަތްތައް ފުޅާކޮށް، އިތުރަށް ވަރުގަދަކުރަން މަސައްކަތްކޮށްފި ނަމަ ރޭހުގެ ކުރި ހޯދޭނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އެހެންވެ އެ ކުންފުނިން މިހާރު އަމާޒު ހިފާފައި ވަނީ ތިން އަހަރުގެ ތެރޭގައި އެ އަމާޒަށް ވާސިލުވެވޭނެ ޕްލޭނެއް އެކުލަވާލައި، އެއާ އެއްގޮތަށް މަސައްކަތްތަށް ބައްޓަންކުރުމެވެ.

މި އަހަރުގެ ދެވަނަ ކުއާޓާގައި ޝޯމީން، އެޕަލް ތިން ވަނަ އަށް ވައްޓާލައި އިރު، އެއް ވަނައިގައި އޮތީ ދެކުނު ކޮރެއާގެ ސެމްސަންގެވެ.

ޝޯމީގެ އާ ފޯނު ސީރީޒްގެ "މިކްސް 4" ލޯންޗްކުރަން އަންގާރަ ދުވަހު ބޭއްވި ހަފުލާގައި ކުންފުނީގެ ބާނީ އަދި ޗީފް އެގްޒެކެޓިވް ލީ ޖުން ވިދާޅުވީ މިހާރު އެންމެ ބޮޑު ކަމަކީ ބައިނަލްއަގްވާމީ މާކެޓްގައި ޝޯމީ އަށް ލިބިފައި އޮތް ދެވަނަ މަގާމު ގެއްލުނަ ނުދީ ހިފަހެއްޓުން ކަމަށެވެ.

"އަދި އެންމެ ބޮޑު ޓާގެޓަކީ މިހާރު، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބައިނަލްއަގްވާމީ މާކެޓްގައި އެއް ވަނަ އަށް އެރުން." އޭނާ ވިދާޅުވި އެވެ.

ލީ ވިދާޅުވި ގޮތުގައި ސްމާޓްގެ ފޯނުގެ މާކެޓް މިހާރު ނިއުޅެމުންދާ ގޮތަށް ބަލާ އިރު، އެ ދާއިރާގައި އެންމެ ނަގާ ކިޔާ އެޕަލް އާއި ސެމްސަންގްގެ ފަދަ ކުންފުނިތަކާ ވާދަކޮށް އެއް ހިސާބަކަށް އާދެވުމަކީ ކުޑަ ކަމެއް ނޫނެވެ. އެހެންވެ އެ ކާމިޔާބީ ދަމަހައްޓައި، ޝޯމީގެ ވަރުގަދަކަން ދައްކައި، އެކަން ސާބިތުކޮށްދެވުމަކީ އިތުރު ހިތްވަރެއްލައިފި ނަމަ މިހާރު ނުކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

މީގެ 11 އަހަރު ކުރިން ވުޖޫދަށް އައި ޝޯމީ އަކީ ސެމްސަންގާއި އެޕަލްއާ އަޅާކިޔާ ނަމަ ނިސްބަތުން ވަރަށް ކުޑަ ކުންފުންޏެކެވެ. އެކަމަކު މި އަހަރުގެ ދެވަނަ ކުއާޓާގައި ފޯނުގެ ވިޔަފާރިން ޝޯމީން ހޯދި ކާމިޔާބީ އަކީ އެޕަލް އާއި ސެމްސެންގް ވަރަށް ވިސްނަން ޖެހޭނެ ކަމެކެވެ.

މި އަހަރުގެ ދެވަނަ ކުއާޓާގައި ޝޯމީގެ ފޯނު ވިޔަފާރި އަށް 17 ޕަސެންޓްގެ ކުރިއެރުމެއް ލިބުނު އިރު، ސެމްސަންގުގެ ނިސްބަތް އުޅެނީ 19 ޕަސެންޓުގަ އެވެ. އެޕަލް ތިން ވަނާގައި އޮތީ 14 ޕަސެންޓާ އެކީގަ އެވެ. މީގެ އިތުރުން ޗައިނާގެ ކުންފުނިތައް ކަމަށްވާ އޮޕޯ އާއި ވީވޯގެ ނިސްބަތް އުޅެނީ ކޮންމެ ކުންފުންޏަކަށް ވެސް 10 ޕަސެންޓްގަ އެވެ.