Roadha Mihaaru
އެޕަލްއަށް ވުރެ ގިނަ ފޯނު ޝޯމީން ވިއްކައިފި

އެޕަލްއަށް ވުރެ ގިނަ ފޯނު ޝޯމީން ވިއްކައިފި

18 ޖުލައި 2021

ސްމާޓްފޯނު ވިއްކުމުގައި ތިން ވަނަ މަގާމަށް އެޕަލް ސޮއްސާލައި، ޝޯމީ އަށް ދެވަނަ މަގާމު ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްމާޓްފޯނު ވިއްކުމުގައި ތިން ވަނަ މަގާމަށް އެޕަލް ސޮއްސާލައި، ޝޯމީ އަށް ދެވަނަ މަގާމު ލިބިއްޖެ އެވެ.

މިއީ ޗައިނާގެ ޝޯމީ އަށް އެ މަގާމު ލިބުނު ފުރަތަމަ ފަހަރެވެ. ލިސްޓްގައި މިހާރު ރަސްކަން ކުރަނީ ދެކުނު ކޮރެއާގެ ސެމްސަންގެވެ.

މާކެޓް ރިސާޗް ފާމް ކެނަލިސް އިން ބުރާސްފަތި ދުވަހު ބުނި ގޮޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޝޯމީގެ ފޯނު ވިޔަފާރި އަށް 17 ޕަސެންޓްގެ ކުރިއެރުމެއް ލިބުނު އިރު، ސެމްސަންގްގެ ނިސްބަތް އުޅެނީ 19 ޕަސެންޓްގަ އެވެ. އެޕަލް އިން ތިން ވަނާގައި އޮތީ 14 ޕަސެންޓާ އެކީގަ އެވެ.

މީގެ އިތުރުން ޗައިނާގެ ކުންފުނިތައް ކަމަށްވާ އޮޕޯ އާއި ވީވޯގެ ނިސްބަތް އުޅެނީ ކޮންމެ ކުންފުންޏަކަށް ވެސް 10 ޕަސެންޓްގަ އެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރާއި މިދިޔަ އަހަރުގެ ހުރިހާ ކުއާޓަރެއްގައި ފޯނު އުފައްދާ ކުންފުނިތަކުގެ ކުރީގައި އުޅުނީ އެޕަލް އާއި ސެމްސަންގެވެ. އެ މަގާމުގައި 2019 ގައި އޮތީ ޗައިނާގެ ވާވޭ އެވެ.

އެމެރިކާގެ އެޕަލްއާ އަޅާކިޔާ ނަމަ ނިސްބަތުން ކުޑަ ކުންފުންޏެއްގެ ގޮތުގައި ފާހަގަކުރެވޭ ޝޯމީ އަށް ފޯނު އުފެއްދުމުގެ ވިޔަފާރީގައި އެޕަލް ފަހަތަށް ޖައްސައިލުމަކީ "ތާރީހީ މުހިއްމު ކާމިޔާބީއެއް" ކަމަށް ޝޯމީގެ ބާނީ އަދި ސީއީއޯ ލީ ޖުން ހުކުރު ދުވަހު ވިދާޅުވި އެވެ.

"އެހެންވީމާ ދެން އޮތީ މިކަން ފާހަގަކޮށް، ދެމިގެންދާނެ ގޮތަކަށް މިކާމިޔާބީ ދަމަހައްޓަން މަސައްކަތްކުރުން." އޭނާ ވިދާޅުވި އެވެ.

ސްމާޓްފޯންގެ ވިޔަފާރީގެ ރޭހުގައި ޝޯމީ އަށް ލިބުނު މި ކާމިޔާބިއާ އެކު ހޮންކޮންގެ ހިއްސާގެ ބާޒާރުގައި ކުންފުނީގެ ހިއްސާގެ ވިޔަފާރި ވެސް ފަސް ޕަސެންޓްގެ ކުރިއެރުމެއް އައިސްފައިވެ އެވެ.

ކެނަލިސިސް އިން ބުނި ގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޝޯމީގެ ފޯނު ޝިޕްމަންޓްތަކަށް ލެޓިން އެމެރިކާގެ 300 ޕަސެންޓަށް ވުރެ ބޮޑު ކުރިއެރުމެއް، އެފްރިކާގައި 150 ޕަސެންޓް އަދި ހުޅަނގު ޔޫރަޕްގައި 50 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވެ އެވެ.

މީގެ 11 އަހަރު ކުރިން ވުޖޫދަށް އައި ޝޯމީ އަކީ އާންމުކޮށް އަގުހެޔޮ ބަޖެޓް ފޯނު ނެރޭ ކުންފުންޏެކެވެ.