ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭންގޭ މަރުތަކުގެ ހަގީގަތް ހޯދުމުގެ އިތުރުން ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމަށް "ސަންސެޓް" ގާނޫނެއް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމައިފި އެވެ.
20 ނޮވެމްބަރ 2018
ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭންގޭ މަރުތަކުގެ ހަގީގަތް ހޯދުމުގެ އިތުރުން ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމަށް "ސަންސެޓް" ގާނޫނެއް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމައިފި އެވެ.
މި ސަރުކާރުގެ ފުރަތަމަ ދުވަހު ރައީސްގެ ގަރާރަކުން ވަނީ، ދެ ކޮމިޝަނަކާއި ކޮމެޓީއެއް އުފައްދަވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި އެކުލަވާލި ކޮމިޝަނަކާއި އަދި ދައުލަތުގެ އެކި އެކި މަގާމުތަކުގައި ތިބި މީހުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް، އެފަދަ އަމަލުތަކުގެ ސަބަބުން ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް އެކުލަވާލި ކޮމިޝަނެކެވެ. ދެން އުފެއްދީ ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީއެކެވެ.
މީގެ ކުރީ ސަރުކާރުތަކުން ވެސް ހަވާލުވުމާއެކު ކުރީގެ މައްސަލަތައް ބެލުމަށް ކޮމިޝަންތައް އެކުލަވާލަ އެވެ. ނަމަވެސް އެންމެ އެދެވޭ ނަތީޖާ ނެރެވިފައެއްނުވެ އެވެ. އެނގިފައިވާ ގޮތުގައި ކޮމިޝަންގެ މަސައްކަތްތަކުން ނަތީޖާ ނެރުމަށް މި ސަރުކާރުން ނިންމާފައިވަނީ ސަންސެޓް ގާނޫނެއް ފާސް ކުރުމަށެވެ. ސަންސެޓް ގާނޫނަކީ ވަކި މުއްދަތަކަށް އެކުލަވާލާ ގާނޫނެކެވެ.
ނަމަވެސް އެކަމާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
ރައީސްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކުރުމަށް އެ ކޮމެޓީތައް އުފައްދައި ބާރުތަކެއް ވަނީ ދެއްވާފައިވެ އެވެ. އެގޮތުން މައްސަލަތައް ބެލުމުގައި ތަހުގީގީ އިދާރާއަކަށް ލިބިދޭ ބާރުތައް ކޮމިޝަނަށް އޮންނާނެ ކަމަށް ވެސް ރައީސްގެ ގަރާރުގައި ވިދާޅުވެފައިވެ އެވެ.
ގަރާރުން އެ ބާރުތައް ދިން ނަމަވެސް ގާނޫނީ ގޮތުން ފުށުއަރާ ކަންތައްތަކެއް ހުރިކަން ގާނޫނީ ވަކީލުން ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން މީހުން ހައްޔަރު ކުރުމާއި ހާޒިރު ކުރުން ފަދަ ކަންކަން ކުރުމުގައި ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ އިތުރު ބާރުތައް ލިބެން ޖެހޭ ކަމަށް ވަކީލުން ވިދާޅުވި އެވެ.
އާ ސަރުކާރާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް އެކުލަވާލެއްވި ޓްރާންސިޝަން ގާނޫނީ ކޮމެޓީގެ މެމްބަރަކު ނަން ހާމަ ނުކުރަން އެދި ވިދާޅުވީ ސަންސެޓް ގާނޫނެއް ހެދުމަށް ބިލް އެކުލަވާލައި މަޖިލީހަށް ހުށަހަޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ސަންސެޓް ގާނޫނުގެ ދަށުން ރިޔާސީ ކޮމިޝަންތަކުން ނަތީޖާ ނެރޭނެ ބާރު ލިބިގެންދާނެ ކަމަށެވެ.
ކޮމިޝަންތަކުން މައްސަލަތައް ބެލުމަށް ނިންމާފައިވަނީ އެކަމެއް ތަހުގީގުކޮށް ފިޔަވަޅު އަޅަން ލާޒިމްކޮށްފައިވާ މުއައްސަސާތަކާއެކު އެވެ. އަލަށް ހަދާ ގާނޫނުން އެފަދަ މުއައްސަސާއެއްގެ އެއްބާރުލުން ނުލިބިއްޖެ ނަމަ، ނުވަތަ މުއައްސަސާއެއްގެ މައްސަލައެއް ބަލަން ފިޔަވަޅުތަކެއް އެޅުމުގެ ބާރު ވެސް ލިބިދެ އެވެ.
"މިސާލަކަށް މައްސަލައެއް ބަލާއިރު އެކަމުގައި ފުލުހުންގެ އިހުމާލު ފާހަގަ ކުރެވޭނަމަ އެކަން ބަލަން ހާއްސަ ކަންތައްތަކެއް ކުރުން. ހައްޔަރު ކުރަން ޖެހޭނަމަ ހާއްސަ ޓީމެއް މެދުވެރިކޮށް އެކަން ކުރުން. ކޮރަޕްޝަންގެ މައްސަލައެއް ބަލާނަމަ އޭސީސީ އަށް ކުރެވޭ ތުހުމަތުތައް ބެލުމަށް ކޮމިޝަންތަކުން ޓީމެއް ހެދިދާނެ. ގާނޫނީ ޓީމެއް ވަގުތީ ގޮތުން ނަގައިގެން ވެސް އެކަން ކުރެވިދާނެ،" ކޮމެޓީގައި މަސައްކަތް ކުރައްވާ ވަކީލް ވިދާޅުވި އެވެ.
އެ ގާނޫނު އެކުލަވާލެވެންދެން އެ ކޮމިޝަންތަކުގެ ބޭނުމަކަށް ވާނީ ކަމާ ގުޅޭ މުއައްސަސާތަކަށް ފާރަވެރިވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮރަޕްޝަން މައްސަލަ ބަލަން ކޮމެޓީއެއް އުފައްދަން މި ޖެހުނީ އޭސީސީ އަށް އިތުބާރު ނުކުރެވޭތީ. ކޮމެޓީން ކުރާނެ ކަމަކަށްވާނީ އޭސީސީގެ މަސައްކަތްތައް ބަލައި ފޮލޯއަޕް ހެދުން. އަދި ދައުވާ ކުރަން ފޮނުވާފައިވާ މައްސަލަތަކުގެ އަޕްޑޭޓް ބެލުން،" ވަކީލް ވިދާޅުވި އެވެ.
މި ސަރުކާރުން މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަންތަކެއް އެކުލަވާލާފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރަށް ތުހުމަތު ކުރެވޭ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.
ޓީއެމްއޭއަށް ޓާމިނަލް ދޭން ނިންމި ގޮތާ އޭސީސީ ދެކޮޅު
ދެ ކޮމިޝަން ތަހުގީގީ އިދާރާއަކަށް ހަދައި ބާރުތައް ދެނީ
ޚިޔާނާތް ބަލަން ކޮމެޓީއެއް އުފައްދައި މަސައްކަތް ފަށަނީ
މަގާމުގެ ހަދިޔާތަކުގައި ހޯދަން ވެފައި އޮތީ ހައްދެއް
އޮކްސިޖަން ސިލިންޑަަރު މައްސަލަ އަވަހަށް ބަލަން އަންގަނީ
"ޔާމީން ގޭ ބަންދަށް ބަދަލުކުރަން ޖެހޭ ލިއުމެއް ނެތް"
ކޮރަޕްޝަންގެ ޕާކިން ޒޯނަކަށް އޭސީސީ ވެއްޖެ: ބޮންޑޭ
ޒީރޯ ޓޮލަރެންސާއެކު ކޮރަޕްޝަން ރިޕޯޓްކުރުން އިތުރުވެއްޖެ
ކޮރަޕްޝަން ހުއްޓުވަން އުނދަގޫ، އެހީ ބޭނުންވޭ: އޭސީސީ
އޭސީސީގެ މެމްބަރުން ވަކިކުރަން ހުށަހަޅަނީ