Roadha Mihaaru
"މެސީއާ އޮންނަ ވާދަވެރިކަން އުފައްދަނީ ސަޕޯޓަރުން"

މެސީއާ އޮންނަ ވާދަވެރިކަން އުފައްދަނީ ސަޕޯޓަރުން: ރޮނާލްޑޯ

10 ޑިސެމްބަރ 2020

ބާސެލޯނާ (ޑިސެމްބަރު 10) - ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއާ އޭނާއާ ދެމެދުގައި ހަގީގަތުގައި ބޮޑު ވާދަވެރިކަމެއް ނެތް ކަމަށާއި އެއީ ސަޕޯޓަރުން ފޯރިގެންނަން ދައްކާ ވާހަކަތަކެއް ކަމަށް ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ބާސެލޯނާ (ޑިސެމްބަރު 10) - ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއާ އޭނާއާ ދެމެދުގައި ހަގީގަތުގައި ބޮޑު ވާދަވެރިކަމެއް ނެތް ކަމަށާއި އެއީ ސަޕޯޓަރުން ފޯރިގެންނަން ދައްކާ ވާހަކަތަކެއް ކަމަށް ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

މީގެ ދެ އަހަރާއި ބައިގެ ކުރިން ރޮނާލްޑޯ ރެއާލް މެޑްރިޑް ދޫކޮށް ޔުވެންޓަސް އަށް ބަދަލުވުމުން މެސީ އާއި ރޮނާލްޑޯގެ މެޗެއް ނުފެނެ އެވެ. އަދި ރޮނާލްޑޯއާ ކޮވިޑް-19 ޖެހިފައިވާތީ މި ފަަހަރު ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް ދަނޑުގައި ބާސެލޯނާއާ ކުޅުނު މެޗު އޭނާ އަށް ގެއްލުނެވެ. އެކަމަކު ޔުވެންޓަސް އަށް ރޮނާލްޑޯ ބަދަލުވި އޭނާ ހިމެނިގެން އެ ޓީމުން ބާސެލޯނާއާ ކުޅުނު ފުރަތަމަ މެޗުން އަންގާރަ ދުވަހުގެރޭ ވަނީ މޮޅުވެފަ އެވެ. ރޮނާލްޑޯ ވަނީ އެ މެޗުގައި ދެ ގޯލު ޖަހައިފަ އެވެ.

"އަހަންނާ މެސީއާ ދެމެދު އަބަދުވެސް ހާއްސަ ގުޅުމެއް އޮވޭ،" ބާސެލޯނާ މެޗަށް ފަހު މޮވިސްޓާ އަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުންޏެވެ. "ކުރިން ވެސް އަހަރެން ބުނިހެން ފާއިތުވި 12، 13، 14 އަހަރު އަހަންނާއި މެސީ ވަނީ ފުޓްބޯޅައިގެ މަތީ އިނާމްތައް އެކަކު އަނެކަކަށް ހިއްސާކޮށްފައި،"

ރޮނާލްޑޯ ބުނީ އެއްވެސް އިރެއްގައި މެސީ އަކީ ބޮޑު ވާދަވެރިއެއްގެ ގޮތުގައި ނުދެކޭ ކަމަށާއި އެކަން މެސީ އަށް ވެސް އެނގޭނެ ކަމަށެވެ.

"އަަހަރެން ނުދެކެން އޭނަ އަކީ ވާދަވެރިއެއް ގޮތަށް. އޭނަ އަބަދުވެސް މަސައްކަތްކުރީ އޭނަގެ ޓީމަށް އެންމެ ރަނގަޅު ގޮތަށް. އަހަރެން ވެސް މަސައްކަތްކުރީ އަހަރެންގެ ޓީމު މޮޅުކުރަން. އަހަރެމެންގެ ގުޅުން ދިޔައީ ރަނގަޅަށް. އަހަންނަށް ޔަގީން މެސީ ވެސް ބުނާނީ މިހެންކަން،" ރޮނާލްޑޯ ބުންޏެވެ.

"އަހަރެމެން ދެ މީހުން (ރޮނާލްޑޯ އާއި މެސީ)ގެ ވާދަވެރިކަމަކީ މީހުން (ސަޕޯޓަރުން) ފުޓްބޯޅައިގެ ފޯރި ގެންނަން ކުރާކަމެއް. އެއީ މި ކުޅިވަރުގައި އޮންނަ ކަމެއް."

ރޮނާލްޑޯގެ ދެ ލަނޑާ އެކު ޔުވެންޓަސް އިން ބާސެލޯނާ ދަނޑުގައި 3-0 އިން މޮޅުވިއިރު، މި ނަތީޖާއާ އެކު ޔޫރަޕްގައި ބާސެލޯނާ އިން އަމިއްލަ ދަނޑުގައި ދަމަހައްޓަމުން އައި ބަލިނުވުމުގެ ރެކޯޑަށް ވަނީ ނިމުމެއް އައިސްފަ އެވެ. ބާސެލޯނާ ޔޫރަޕްގައި އަމިއްލަ ދަނޑުގައި ބަލިމިވީ 38 މެޗަށް ފަހު އެވެ.