Roadha Mihaaru
ރޮނާލްޑޯ ކްލަބް ލެވެލްގައި 600 ގޯލް ހަމަކޮށްފި

ރޮނާލްޑޯ ކްލަބް ލެވެލްގައި 600 ގޯލް ހަމަކޮށްފި

28 އެޕްރީލް 2019

މިލާން (އޭޕްރިލް 28) – އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާނާ ޔުވެންޓަސް 1-1 އިން އެއްވަރުވި މެޗުގައި ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑާ އެކު އޭނާ ކްލަބް ލެވެލްގައި 600 ލަނޑު ހަމަކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މިލާން (އޭޕްރިލް 28) – އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާނާ ޔުވެންޓަސް 1-1 އިން އެއްވަރުވި މެޗުގައި ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑާ އެކު އޭނާ ކްލަބް ލެވެލްގައި 600 ލަނޑު ހަމަކޮށްފި އެވެ.

ރޮނާލްޑޯ 803 މެޗުން ޖެހި 600 ގޯލުގެ ތެރޭގައި ހިމެނެނީ ޕޯޗުގަލްގެ ސްޕޯޓިން އަށް ޖަހައިދިން ފަސް ގޯލާއި އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑަށް ކާމިޔާބުކޮށްދިން 118 ގޯލް އަދި ސްޕެއިނުގެ ރެއާލް މެޑްރިޑަށް ޖަހައިދިން 450 ގޯލާއި ޔުވެންޓަސްއާ މި ސީޒަނުގައި ޖަހައިދިން 27 ގޯލެވެ.

ރޮނާލްޑޯއާ ވާދަވެރި ބާސެލޯނާގެ މެސީ ރޭ ސްޕެނިޝް ލީގުގައި ލެވަންޓޭ ކޮޅަށް ޖެހި ގޯލާ އެކު 682 މެޗުން 598 ގޯލް ވަނީ ޖަހައިފަ އެވެ. ރޮނާލްޑޯއާ ހަމަކުރަން މެސީ އަށް ބޭނުންވަނީ އެންމެ ދެ ގޯލެވެ. ރޮނާލްޑޯއާ ދާދި އެއްވަރެއްގައި މެސީ ހިފަހައްޓާފައިވަނީ އެ ވަނީ އޭނާ އަށް ވުރެ 121 މެޗު މަދުން ކުޅެގެންނެވެ.

މި ދެ ކުޅުންތެރިންނަށް ވުރެ ގިނައިން ކްލަބް ލެވެލްގައި ލަނޑު ޖަހާފައިވަނީ 1120 މެޗުން 1033 ލަނޑު ޖަހާފައިވާ ބްރެޒިލްގެ ޕެލޭ އާއި 886 މެޗުން 679 ގޯލް ޖަހާފައިވާ ބްރެޒިލްގެ ރޮމާރިއޯ އާއި 707 މެޗުން 653 ގޯލް ޖަހާފައިވާ ޖަރުމަނުގެ ގާޑް މުލާ އަދި 629 މެޗުން 622 ގޯލް ޖަހާފައިވާ ހަންގޭރީގެ ފްރެންކް ޕުސްކަސް އެވެ.

އިންޓަގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ހަތް ވަނަ މިނެޓުގައި ރަޖާ ނައިންގޫލާންގެ ލަނޑުން އެ ޓީމު ކުރި ހޯދި އެވެ. ޔުވެންޓަސް އަށް ރޮނާލްޑޯ އެއްވަރުކޮށްދިނީ 62 ވަނަ މިނެޓުގަ އެވެ. ޔުވެންޓަސް އިން ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާތީ މި މެޗުގެ މުހިއްމު ކަމެއް އެ ޓީމަށް މާބޮޑަށް ނެތެވެ.

ޔުވެންޓަސް 88 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި 67 ޕޮއިންޓާ އެކު އޮތީ ނަޕޯލީ އެވެ. އިންޓަ އޮތީ 62 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ޗެމްޕިއަންސް ލީގުގެ ޖާގަ ލިބޭ ފަހު މަގާމް ކަމަށްވާ ހަތަރު ވަނައިގައި 58 ޕޮއިންޓާ އެކު އޮތީ ރޭ ކަލިއާރީ އަތުން 3-0 އިން މޮޅުވި އޭއެސް ރޯމާ އެވެ. އެކަމަކު ހަ ވަނައިގައި އޮތް އޭސީ މިލާން މިރޭ ޓޮރިނޯ އަތުން މޮޅުވެއްޖެ ނަމަ އަލުން ހަތަރު ވަނަ އަށް އެރޭނެ އެވެ. އެ ޓީމަށް ލިބިފައިވަނީ 56 ޕޮއިންޓެވެ.