Roadha Mihaaru
ފިއްތުންތަކާ ހެދި ޓްރާންސްޕޯޓުގެ ޕީއެސް އިސްތިއުފާ!

"މަޖުބޫރުވެވަޑައިގަތުމުން" ޓްރާންސްޕޯޓު މިނިސްޓްރީގެ ޕީއެސް އިސްތިއުފާ ދެއްވައިފި!

15 ޑިސެމްބަރ 2020

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހިތްހަމަޖެހިވަޑައިނުގެން ފިއްތުންތައް ކުރިމަތިކުރައްވާތީ، ގާނޫނުން މަތިކޮށްފައިވާ ޒިންމާއަދާކުރާނެ މާހައުލެއް އެ މިނިސްޓްރީގައި ނެތް ކަމަށް ވިދާޅުވެ ޕާމަނަންޓް ސެކްރެޓަރީ އަބްދުﷲ ފަޔާޒު އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހިތްހަމަޖެހިވަޑައިނުގެން ފިއްތުންތައް ކުރިމަތިކުރައްވާތީ، ގާނޫނުން މަތިކޮށްފައިވާ ޒިންމާއަދާކުރާނެ މާހައުލެއް އެ މިނިސްޓްރީގައި ނެތް ކަމަށް ވިދާޅުވެ ޕާމަނަންޓް ސެކްރެޓަރީ އަބްދުﷲ ފަޔާޒު އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ފޮނުއްވި ސިޓީއެއްގައި ފަޔާޒު ވިދާޅުވީ އޭނާއާ ދޭތެރޭގައި އަމަލުތައް ބަހައްޓާ ގޮތުން ނަފުސާނީ ގޮތުން ވެސް މަސައްކަތް ކުރެވޭނެހާ ފަހި މާހައުލެއް އެ މިނިސްޓްރީގައި އޮތް ކަމަކަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އޭނާ އަށް ކުރިމަތި ކުރައްވާ ފިއްތުންތަކާ އެކުގައި ވެސް ވަޒީފާގައި ދެމިހުރުމަށް ނިންމަވައިފި ނަމަ އިތުރު ދޮގު އިލްޒާމްތަކެއް އެޅުވުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވި އެވެ.

އޭނާއާ ގުޅޭ ގޮތުން ސިވިލް ސާވިސް ކޮމިޝަނަށް މަގާމުގެ ނުފޫޒު ބޭނުންކުރުމާއި ޒިންމާ ފުރިހަމަ އަށް އަދާނުކުރުމުގެ މައްސަލަތަކެއް ހުށަހަޅައި ތަހުގީގު ނިމެންދެން ސަސްޕެންޑް ވެސް ކުރި އެވެ. އެކަމަކު ކޮމިޝަނުން ނިންމީ އެ މައްސަލަތައް އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.

އެކަން ފާހަގަކުރައްވަމުން ސިޓީގައި ފަޔާޒު ވިދާޅުވި ގޮތުގައި މަޖުބޫރުވެވަޑައިގެން އިސްތިއުފާ ދެއްވި ނަމަވެސް އޭނާ ޓްރާންސްޕޯޓު މިނިސްޓްރީގައި މަސައްކަތް ކުރައްވާފައި ވާނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ނަޒާހަތްތެރިކަމާ އެކުގަ އެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ކުރިން ހުންނެވި ފަޔާޒުގެ ސިޓީގައި ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަނުން ސަސްޕެންޝަން އުވާލުމުން ވަޒީފާ އަށް އޭނާ ނުކުންނަވަން ފެއްޓެވުމާ އެކު އިސްތިއުފާ ދެއްވަން މިނިސްޓަރު ނަހުލާ އެންގެވި ކަމަށެވެ.

"އަދި، [ވަކި ތާރިޚެއްގެ]ކުރިން އަޅުގަނޑު އަމިއްލައަށް އިސްތިއުފާ ނުދީފި ނަމަ އަޅުގަނޑު ވަކިކުރަން ސިވިލް ސާވިސް ކޮމިޝަނަށް ލިއުއްވާނެ ކަމަށް [މިނިސްޓަރު] ވަނީ ވިދާޅުވެފަ އެވެ،" ފަޔާޒުގެ ސިޓީގައިވެ އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ފަޔާޒުގެ މައްސަަލަ ބަލަނިކޮށް ވެސް މިނިސްޓަރު ނަހުލާ އިސްވެ ހުންނަވައި ސާބިތު ނުހިފޭ ތުހުމަތުތަކެއް ކުރެއްވި ކަމަށް ވެސް ސިޓީގައި ފަޔާޒު ވިދާޅުވި އެވެ. މިނިސްޓަރު ނަހުލާގެ ލަފާގެ މަތިން ސީއެސްސީން ޕީއެސް އައްޔަން ކުރާއިރު ޓްރާންސްޕޯޓު މިނިސްޓްރީގެ ފުރަތަމަ ދުވަސްކޮޅު އޭނާއާ ދޭތެރޭގައި މައްސަލައެއް ނެތް ކަމަށާއި ފަހުން ހިޔާލު ތަފާތުވުން އުފެދުނީ ބައެއް ކަންކަން އޮންނަ އުސޫލުގެ ތެރެއިން ކުރިއަށް ގެންދަން އޭނާ ތާއީދު ނުކުރައްވަން ފެއްޓެވެމުން ކަމަށް ފަޔާޒު ވިދާޅުވި އެވެ.

އޭގެ ތެރޭގައި އެއްފަހަރާ ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން ނިންމި ނިންމުން ހިމެނެ އެވެ.

ފަޔާޒު ސަސްޕެންޝަންގައި ހުންނެވިއިރު އަދި މިހާރު ވެސް އެކްޓިން ޕީއެސްއަކަށް ހަމަޖައްސާފައި ވަނީ، ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް އެވެ.

މިނިސްޓަރު ނަހުލާއާ ދެމެދު ހިޔާލު ތަފާތުވުން ބޮޑުވުމުން ޕީއެސް އިސްތިއުފާ ދެއްވިއިރު، އެ މިނިސްޓްރީން 11 މުވައްޒަފަކު ވަކިކުރި މައްސަލައިގައި ވެސް ނަހުލާ އަށް ނުރުހުން އަމާޒުވި އެވެ. އެ މުވައްޒަފުން މިހާރު ވަނީ ޓްރާންސްޕޯޓު މިނިސްޓްރީއާ ދެކޮޅަށް ޓްރައިބިއުނަލަށް މައްސަލަ ވައްދައިފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއަކީ މި ސަރުކާރު ފެށުނުއިރު ވެސް ތުހުމަތުތައް ގިނަ، ރައްޔިތުންގެ ޝަކުވާ ބޮޑު، ޚިދުމަތް ލަސް، ސިޔާސީ ކޯޅުން ހައްދުފަހަނާޅާފައިވާ ތަނެކެވެ. ބައެއް މައްސަލަތައް ހައްލުވެ ޚިދުމަތްތައް ކުރިއަށް ވުރެން މިހާރު ހަލުވިވެފައި ވިޔަސް ސިޔާސީ މައްސަލަތަކުން ތަނުގެ މަސްލަހަތު ގެއްލިފައިވާ ކަމުގެ ނުރުހުން ބޮޑެވެ.