Roadha Mihaaru
"ސިޔާސީ ހަރަކާތްތަކުގެ މާއްދާއަށް ގެނައީ ހެޔޮބަދަލެއް"

ސިޔާސީ ހަރަކާތް ބޭނުންހާ ގޮތަކަށް މާނަކޮށްގެން ދެން ވަޒީފާއިން ވަތްކެއް ނުކުރެވޭނެ: ސީއެސްސީ

06 ނޮވެމްބަރ 2021

ދިވެހި ސިވިލް ސާވިސްގެ ގަވާއިދަށް މި ފަހުން ގެނައި ބަދަލާ އެކު ސިޔާސީ ހަރަކާތް ހިންގުން ފުޅާކޮށް މާނަކޮށް މުވައްޒަފުން ވަކިކުރުން ހަނިކޮށްފައިވާނެ ކަމަށާއި އެއީ ހެޔޮ ބަދަލެއް ކަމަށް ދިވެހި ސިވިލް ސާވިސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދިވެހި ސިވިލް ސާވިސްގެ ގަވާއިދަށް މި ފަހުން ގެނައި ބަދަލާ އެކު ސިޔާސީ ހަރަކާތް ހިންގުން ފުޅާކޮށް މާނަކޮށް މުވައްޒަފުން ވަކިކުރުން ހަނިކޮށްފައިވާނެ ކަމަށާއި އެއީ ހެޔޮ ބަދަލެއް ކަމަށް ދިވެހި ސިވިލް ސާވިސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014 އަށް މި ސަރުކާރުން ގެނައި އަށް ވަނަ އިސްލާހާ އެކު ސިވިލް ސާވަންޓުން ހިޔާލު ފާޅުކުރުމުގެ ހައްގަށް ހުރަސްއަޅާފައިވާ ކަމުގެ ތުހުމަތާ އެކު ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. މިއީ، ސިވިލް ސާވަންޓުންނާ ދޭތެރޭގައި އެޅި ނުހައްގު ފިޔަވަޅެއް ކަމުގެ ފާޑުކިއުން ވެސް ވަނީ އަމާޒުކޮށްފަ އެވެ.

އެކަމަކު ގަވާއިދަށް ގެނައި އިސްލާހު ދިފާއުކުރައްވަމުން ކޮމިޝަންގެ މެމްބަރު ފާތުމަތު އާމިރާ "މިހާރު"އަށް ވިދާޅުވީ ގަވާއިދުގައި ކުރިން އޮންނަނީ ސިޔާސީ ހަރާކާތް ކޮންމެ ފަދަ ގޮތަކަށް މާނަކޮށްގެން ވެސް މުވައްޒަފަކާ ދޭތެރޭގައި ފިޔަވަޅު އެޅޭ ގޮތަށް ކަމަށެވެ. އެކަމަކު އަލަށް ގެނައި އިސްލާހުގައި އެކަން ހުއްޓުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްލާހުކުރި ގަވާއިދު: މުވައްޒަފުންނާ ދޭތެރޭ ފިޔަވަޅު އެޅުން

- އޮފީހުގެ ރަސްމީ ގަޑީގައި ސިޔާސީ ވާހަކަ ދެއްކުން (ފުރަތަމަ ދަރަޖައިގެ ކުށެއް)

- އޮފީހުގެ ރަސްމީ ގަޑީގައި ސިޔާސީ ވާހަކަ ދެއްކުމާއި ސިޔާސީ ބަހުސްކުރުން (ދެ ވަނަ ދަރަޖައިގެ ކުށެއް)

އާމިރާ ވިދާޅުވީ ކުރިން އޮންނަ ގޮތުން ނަމަ "މި ގަވާއިދާ ހިލާފަށް ސިޔާސީ ހަރަކާތް ހިންގުން ނުވަތަ ބައިވެރިވެއްޖެ" ނަމަ ވަޒީފާ އިން ވަކިކުރެވިދާނެ ކަމަށް ލިއެފައިވާ ކަމަށެވެ. ގަވާއިދުގައި މިގޮތަށް އޮތުމަކީ ސިޔާސީ ހަރަކާތް ވަރަށް ފުޅާކޮށް މާނަކޮށް މުވައްޒަފާ ދޭތެރޭގައި ފިޔަވަޅު އެޅުމުގެ ފުރުސަތެއް ކަމަށް އާމިރާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ފަހަރު އުސޫލުގައި މި ލިއުނީ ގާނޫނުގައި އިން މިންވަރަށް ހަނިކޮށްފައި،" އާމިރާ ވިދާޅުވި އެވެ.

ސިވިލް ސާވިސްގެ މުވައްޒަފުން ރަސްމީ މަސައްކަތުގައި އުޅޭއިރު ސިޔާސީ ހަރަކާތް ހިންގުން މަނާކޮށްފައި އޮތީ 2015 ގައި ގާނޫނަށް ގެނައި އިސްލާހުންނެވެ.

ގާނޫނުގައި ކަނޑައަޅާފައި އޮތް ގޮތް

- މަގާމުގެ ހައިސިއްޔަތުން ލިބޭ ރަސްމީ ބާރެއް، ސީދާ ގޮތުން އަދި ނުސީދާ ގޮތުން ވިޔަސް ބޭނުންކޮށްގެން އެއްވެސް ފަރާތެއްގެ ސިޔާސީ ހަރަކާތަކަށް ބާރު ފޯރުވުން ނުވަތަ ނުފޫޒު ފޯރުވުން.

- މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑިން ބޭރުން ވެސް ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި އެއްވެސް ސިޔާސީ ހަރާކާތެއްގައި ބައިވެރިވުން.

- މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާ ކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރާކާތެއްގައި ބައިވެރިވުން.

- މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ މަގާމުގެ ހައިސިއްޔަތުން ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތައައްސަބެއް ގެންގުޅުން.

ކުރީގެ އުސޫލާ ހަވާލާ ދެއްވައި މިސާލެއްގެ ގޮތުން އާމިރާ ވިދާޅުވީ މުވައްޒަފަކު ފޭސްބުކްގައި ލިޔާ އެއްޗަކުން ވެސް ސިޔާސީ ހަރަކާތް ހިންގުން ކަމަށް ބުނެ ވަކިކުރެވިދާނެ ކަމަށެވެ. މިގޮތަށް ބައެއް މުވައްޒަފުން ވަކިކޮށްފައިވާ ކަމަށާއި ގަވާއިދު އިސްލާހުކުރިއިރު ކޮމިޝަނުން ވިސްނީ އެގޮތަށް ނުވާނެ ގޮތަކަށް ހަދަން ކަމަށް ވިދާޅުވި އެވެ.

"އެހެންވެ ގާނޫނުގައި އިން މިންވަރަށް އަޅުގަނޑުމެން މި ހިފަހައްޓަނީ. ފުޅާކޮށް މާނަ ނުނެގޭނެ ގޮތަށް،" އާމިރާ ވިދާޅުވި އެވެ.

"މާނައަކީ ސިވިލް ސާވަންޓުންނަށް ކުރިއަށް ވުރެން މިހާރު ރަނގަޅުވާނެއޭ. ހަގީގަތުގައި ހެޔޮ ބަދަލެއް.

އުސޫލަށް މި ފަހުން ގެނައި ބަދަލާ އެކު، އާމިރާ ވިދާޅުވި ގޮތުގައި، ވެރިންނަށް ސިވިލް ސާވަންޓުންނާ ދޭތެރޭގައި ކޮންމެ ގޮތަކަށް އަމަލެއް ނުކުރެވޭނެ އެވެ.

ސިޔާސީ ހަރާކާތެއްގައި ބައިވެރިވުން ނުވަތަ ހިންގީ ކަމަށް ނިންމައި މީގެ ކުރިން ގިނަ އަދަދެއްގެ ބަޔަކު ވަޒީފާ އިން ވަކިކޮށްފައިވެ އެވެ. މި ސަރުކާރުން ވައުދުވީ ގާނޫނީ އިމުގެ ތެރޭގައި އުޅޭ ނަމަ މުވައްޒަފުންގެ ގެންގުޅޭ ވަކި ފިކުރަކާ ހެދި ސަރުކާރުގެ ވަޒީފާތަކުން ވަކިނުކުރާނެ ކަމެވެ.

އެކަމަކު މި ފަހުން ސިވިލް ސާވިސް ކޮމިޝަނުގެ ގަވާއިދަކީ އެ ޔަގީންކަމާ ދެކޮޅަށް އެޅި ފިޔަވަޅެއް ކަމަށް ބުންޏަސް ސަރުކާރުން ވެސް ބުނެފައިވާ ގޮތުގައި ސިޔާސީ ފިކުރަކާ ހެދި މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމަކީ ސަރުކާރުން ކުރާނެ ކަމެއް ނޫނެވެ.