Roadha Mihaaru
އެޕަލް އިން ސެލްފް-ޑްރައިވިން ކާރު އުފައްދަފާނެ

އެޕަލް އިން ސެލްފް-ޑްރައިވިން ކާރު އުފައްދަފާނެ

14 ޑިސެމްބަރ 2020

ސްމާޓް ޑިވައިސްތައް އުފެއްދުމުގެ ރޭހުގެ އެންމެ ކުރީގައި އުޅޭ އެޕަލް ކުންފުނިން ކާރު އުފެއްދުމުގެ ސިނާއަތުގެ ތެރެއަށް ވަންނަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްމާޓް ޑިވައިސްތައް އުފެއްދުމުގެ ރޭހުގެ އެންމެ ކުރީގައި އުޅޭ އެޕަލް ކުންފުނިން ކާރު އުފެއްދުމުގެ ސިނާއަތުގެ ތެރެއަށް ވަންނަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޓެކް ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި ޓިމް ކުކް އިސްކޮށް ހުންނަވާ ކުންފުނީގެ އަމާޒަކީ ސެލްފް-ޑްރައިވިން ކާރު އުފެއްދުމެވެ. މިކަމާ ބެހޭ ގޮތުން ކުންފުނީގެ އެންމެ އިސްވެރިން އަންނަނީ، ޒަމާނީ ޓެކްނޮލޮޖީ ހިމަނައިގެން ތިމާވެއްޓާ ރައްޓެހި ކާރު އުފައްދާ ބައެއް ކުންފުނިތަކާ އެކު މިހާރު މަޝްވަރާތައް ވެސް ކުރަމުންނެވެ. އޭގެ ތެރޭގައި އީލޮން މަސްކްގެ ޓެސްލާ ވެސް ހިމެނޭ ކަމަށް މީޑިއާތަކުން ބުންޏެވެ.

އެކަމަކު މިކަމާ ބެހޭ ގޮތުން އެޕަލް އިން ރަސްމީކޮށް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ބައެއް މީޑިއާތަކުން ބުނި ގޮތުގައި އެޕަލް ސެލްފް-ޑްރައިވިން ކާރު އުފެއްދުމުގެ ވިޔަފާރީގެ ތެރެއަށް ވަންނަން މަސައްކަތްކުރަމުން އަންނަ އިރު، ޕްރޮޑަކްޝަން ފެށުމުގެ ތައްޔާރީތަކުގެ ތެރެއިން ވެހިކަލްތަކުގެ އިލެކްޓްރޯނިކް ބައިތައް ސަޕްލައިކުރާ ބޮޑު ކުންފުންޏަކާ އެކު ވެސް އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.

މީގެ އިތުރުން ޓައިވާންގެ ސެމީކޮންޑަކްޓާ ސަޕްލަޔަރު ޓީއެސްއެމްސީ އެކު އެޕަލް އިން މިހާރު ވެސް ސެލްފް-ޑްރައިވިން ކާރަށް ބޭނުންވާ ބައެއް ބައިތައް ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

ބައެއް ނޫސްތަކުން ބުނާގޮތުން އެޕަލްގެ އަމާޒަކީ 2024 ނުވަތަ 2025 ގައި ސެލްފް-ޑްރައިވަރުން ކާރު ނެރުމެވެ.

އެޕަލް އާންމުންގެ ތެރޭގައި އެންމެ މަޝްހޫރީ އައިފޯނު ގެނެސްދޭ ކުނފުނީގެ ގޮތުގަ އެވެ. އަދި މިއީ ޓެކް ދާއިރާގެ އެންމެ ކާމިޔާބު އެއް ކުންފުންޏެވެ. އެޕަލްގެ އަގު ދެ ޓްރިލިއަން ޑޮލަރަށް އަރަ އެވެ.