Roadha Mihaaru
އެޕަލްގެ ކާރު ޕްރޮޖެކްޓަކާ ގުޅުމެއް ނެތް: ނީސާން

އެޕަލްގެ ކާރު ޕްރޮޖެކްޓަކާ ގުޅުމެއް ނެތް: ނީސާން

16 ފެބުރުއަރީ 2021

އެޕަލް ކުންފުނިން ސެލްފް-ޑްރައިވިން ކާރު އުފައްދަން ކުރިއަށް ގެންދާ ޕްރޮޖެކްޓަށް އެހީތެރިކަން ހޯދަން ދޭން ނިންމާފައިވާ ކަމަށް ބުނާ ވާހަކަތައް ޖަޕާންގެ ނިސާން އިން ދޮގުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެޕަލް ކުންފުނިން ސެލްފް-ޑްރައިވިން ކާރު އުފައްދަން ކުރިއަށް ގެންދާ ޕްރޮޖެކްޓަށް އެހީތެރިކަން ހޯދަން ދޭން ނިންމާފައިވާ ކަމަށް ބުނާ ވާހަކަތައް ޖަޕާންގެ ނިސާން އިން ދޮގުކޮށްފި އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެކަމާ ގުޅޭ ގޮތުން ދެ ކުންފުނިން މަޝްވަރާ ކުރަމުން އަންނަތާ މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ. އެހެންވެ އެޕަލްގެ ކާރު ޕްރޮޖެކްޓްގައި ނިސާން ހިއްސާވާނެ ކަމަށް ބެލެވޭ ކަމަށާއި މަޝްވަރާ އަދި ވަރަށް ޅަފަތުގައި އޮތުމުން އެކަމާ ބެހޭ އެއްވެސް ވާހަކައަކަށް ރަސްމީ ސިފައެއް އައިސްފައި ނުވަނީ ކަމަށް ފައިނޭންޝަލް ޓައިމްސް އިން ބުންޏެވެ.

އެކަމަކު އެކަން ދޮގުކޮށް ނިސާންގެ ތަރުޖަމާނު ރޮއިޓާޒް އަށް ވިދާޅުވީ ކާރު އުފެއްދުމުގެ ޕްރޮޖެކްޓަކާ ގުޅޭ ގޮތުން އެޕަލްއާ އެކު އެއްވެސް ކަހަލަ މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށެވެ.

"އެ ވާހަކައިގައި ނެތް އެއްވެސް ހަގީގަތެއް. އެކަމަކު މި ދާއިރާ އަށް ބަދަލުތަކެއް ގެންނަން ކުރެވޭ މަސައްކަތްތަކުގައި ކޮންމެ ބަޔަކާ އެކު ވެސް ޕާޓްނާޝިޕް ހަދަން ނިސާންގެ ދޮރު އަބަދު ވެސް ހުންނާނީ ހުޅުވިފައި."

ފައިނޭންޝަލް ޓައިމްސް އަށް ނިސާންގެ ސީއޯއޯ އަޝްވަނީ ގުޕްތާ ވިދާޅުވެފައިވާ ގޮތުގައި އެ ކުންފުނިން އަބަދު ވެސް މަސައްކަތްކުރާނީ ކަސްޓަމަރުން ބޭނުންވާ ކަހަލަ އުފެއްދުންތައް ނެރޭށެވެ.

"އަހަރެމެން މަސައްކަތްކުރާނީ އަބަދު ވެސް ކަސްޓަމަރުންގެ ސެޓިސްފެކްޝަނަށް. އެހެންވީމަ ކާރު އުފެއްދުމުގެ މަސައްކަތުގައި ނިސާން އިން އާންމުކޮށް ގެންގުޅޭ އުސޫލުތަކަށް ބަދަލެއް ނުގެންނާނެ،" އޭނާ ވިދާޅުވި އެވެ. "އެކަމަކު އަހަރެމެންގެ މަސައްކަތް ވެސް ބައްޓަންވާނީ ކުރިއަށް އޮތް ތަނުގައި އޮޓޮމޭޓިވް އުފެއްދުންތަކަށް."

ދެކުނު ކޮރެއާގެ ހިއުންޑައި ކުންފުނިން މިދިޔަ ކުރީކޮޅު ވަނީ އެޕަލްގެ ސެލްފް-ޑްރައިވިން ކާރު އުފެއްދުމާ ގުޅޭ ގޮތުން ދެ ކުންފުނީގެ މެދުގައި ވާހަކަތައް ވާހަކަތަކެއް ދެކެވެމުން އަންނަ ކަމަށް ބުނެފަ އެވެ. އެގޮތުން އެޕަލްއާ އެކު އީވީ އުފައްދަން މަޝްވަރާކުރަމުން ދިޔަ ނަމަވެސް ވާހަކަތައް އަދި އޮތީ ވަރަށް ކުރީކޮޅުގެ މަރުހަލާއެއްގައި ކަމަށް ބުނެފައި އެވެ.

ނަމަވެސް މި މަހުގެ ކުރީކޮޅު ހިއުންޑައިން ވަނީ މިހާރު އެޕަލްއާ އެކު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށް ބުނެފަ އެވެ.

އެޕަލް އިން މިހާތަނަށް ކާރު އުފެއްދުމުގެ ޕްރޮޖެކްޓާ ބެހޭ އެއްވެސް ވާހަކައެއް ރަސްމީކޮށް ހާމައެއްނުކުރެ އެވެ. އެކަމަކު މީޑިއާތަކުން ބުނެފައިވާ ގޮތުގައި ސްމާޓްފޯނު އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ ކުންފުނީގެ އަމާޒަކީ 2024-2025 ހިސާބުގައި ސެލްފް-ޑްރައިވަރުން ކާރު މާކެޓަށް ނެރުމެވެ.