Roadha Mihaaru
ވާނުވާ އަށް ހޯދި "ވެކްސިން" ވެސް ވާނުވާއަކަށް؟!

ވާނުވާ އަށް ހޯދި "ވެކްސިން" ވެސް ވާނުވާއަކަށް؟!

16 ޑިސެމްބަރ 2020

ޝަރީއަތް ނިމެންދެން ކުރާ ބަންދުގެ ވާހަކަ އެވެ. ދައްކާ ދައްކާ ނުނިމުނު އަދި ހައްލެއް ނުލިބުނު ބޮޑު މައްސަލައެކެވެ. އާންމު ބަހުރުވައިން ނަމަ، "ވާނުވާ"ގެ މައްސަލައަކީ އެތައް ގޮތަކުން ކަންބޮޑުވުން އަދިވެސް އޮތް މައްސަލައެކެވެ. ޖަލުތައް ފުރުމާއި ޝަރީއަތް ދިގުލައިގެން ގޮސް، ކުރި ކުށުގެ އަދަބަށް ވުރެ އިތުރަށް ދިގު މުއްދަތެއް ޖަލުގައި ތިބެން ޖެހުމާއި ވަޒީފާ ގެއްލި، އާއިލާ ބިކަވުން ފަދަ ގާނޫނީ އަދި އިޖްތިމާއީ އެތައް މައްސަލަތަކެއް ފެންމަތިވާ މައިގަނޑު ސަބަބަކީ "ވާނުވާ" ބަންދެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޝަރީއަތް ނިމެންދެން ކުރާ ބަންދުގެ ވާހަކަ އެވެ. ދައްކާ ދައްކާ ނުނިމުނު އަދި ހައްލެއް ނުލިބުނު ބޮޑު މައްސަލައެކެވެ. އާންމު ބަހުރުވައިން ނަމަ، "ވާނުވާ"ގެ މައްސަލައަކީ އެތައް ގޮތަކުން ކަންބޮޑުވުން އަދިވެސް އޮތް މައްސަލައެކެވެ. ޖަލުތައް ފުރުމާއި ޝަރީއަތް ދިގުލައިގެން ގޮސް، ކުރި ކުށުގެ އަދަބަށް ވުރެ އިތުރަށް ދިގު މުއްދަތެއް ޖަލުގައި ތިބެން ޖެހުމާއި ވަޒީފާ ގެއްލި، އާއިލާ ބިކަވުން ފަދަ ގާނޫނީ އަދި އިޖްތިމާއީ އެތައް މައްސަލަތަކެއް ފެންމަތިވާ މައިގަނޑު ސަބަބަކީ "ވާނުވާ" ބަންދެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަހު މައްސަލަ ނުނިމި، "ވާނުވާ" ގައި ތިބެން ޖެހޭ މައްސަލަ ހައްލު ކުރަން އެޅި ފުރަތަމަ ފިޔަވަޅަކީ ޖިނާއީ މައްސަލަތަކުގައި އަމަލު ކުރަން ޖެހޭ މައިގަނޑު ސިޔާސަތަށް މިދިޔަ އަހަރު އެޓާނީ ޖެނެރަލް ގެނައި ބަދަލެވެ. ޝަރީއަތް ނިމެންދެން ކުރާ ބަންދު ކޮންމެ 30 ދުވަހަކުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ރިވިއުކުރަން ޖެހޭ ގޮތަށް ހަމަޖެއްސި އެވެ.

އެ ބަދަލާ ގުޅިގެން ޕީޖީ އޮފީހުން ބަންދު ރިވިއުކުރަމުން ދިޔަޔަސް، އެކަން ކުރާ ކަމެއް ނުވަތަ ނުކުރާ ކަމެއް ވެސް ބަންދުގައި ތިބޭ މީހުންނަކަށް އެނގޭ ކަމަކަށް ނުވެ އެވެ. ކޮންމެ 30 ދުވަހަކުން އެއްފަހަރު ޕީޖީ އޮފީހުން އަމިއްލައަށް ބަންދު ރިވިއުކޮށްލަނީ އެވެ. ރިވިއު ކުރުމުގެ ތެރޭގައި ދޫކޮށްލާ މީހުން ފިޔަވައި ދެން ތިބޭ މީހުންނާ މެދު ޕީޖީން ނިންމި ގޮތެއް އެ މީހުންނަކަށް ނޭނގެ އެވެ. ކުރިއެކޭ ވެސް އެއްގޮތަށް "ވާނުވާ" ނޭނގި ޖަލުގައި ތިބެނީ އެވެ.

އާ އިސްލާހެއް، ޚިޔާލު ތަފާތުވުންތަކެއް

އޭގެ ފަހަށް ދެން އައީ ޖިނާއީ އިޖްރާއާތުގެ ގާނޫނަށް މި އަހަރު އެންމެ ފަހުން ގެނައި އިސްލާހެވެ. އެ އިސްލާހުގައި އެ ގާނޫނުގެ 60 ވަނަ މާއްދާގެ ވ. ހިމެނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަހު އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް އޮތްތޯ ބަލަން ކޮންމެ 30 ދުވަހަކުން އެއް ފަހަރު އެ މީހަކު ކޯޓަށް ހާޒިރުކުރަން ޖެހޭނެ ގޮތަށެވެ. މި "ވެކްސިން" ގާނޫނަކުން ގެނައީ ކުރިން މި ދިމާވި މައްސަލަތައް ހައްލުކޮށް، ބަންދުގައި ހުންނަ މީހާއަށް ވެސް އެނގިގެން ކޯޓު މެދުވެރިކޮށް ބަންދު ރިވިއުކުރުމަށެވެ. އެކަމަކު އެ އިސްލާހު ވެސް ވީ އިތުރު "ވާނުވާ" އަކަށެވެ.

ގާނޫނުގެ އެ މާއްދާ އެކި މުއައްސަސާތަކުން ތަރުޖަމާކުރަން ފެށީ އެކި ގޮތަށެވެ. ބަންދު އަމުރު ރިވިއު ކުރާނީ ކޯޓުގެ އިސް ނެގުމުގައިތޯ ނުވަތަ ދައުލަތުން ހުށަހެޅުމުންތޯ ޚިޔާލު ތަފާތުވި އެވެ. ދައުލަތުން އެކަން ކުރާ ނަމަ އެކަން ކުރަން ޖެހޭނީ ފުލުހުންތޯ ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނުވަތަ ބަންދު މީހުން ބަލަހައްޓާ ކަރެކްޝަނަލް ސާވިސް އިން ކަމާ މެދު ވެސް ސުވާލު އުފެދި، އެއްގަލަކަށް ނޭރުމުން މި އިޖްރާއާތު ކުރިއަކަށް ނުދިޔަ އެވެ. މި ވާނުވާއެއް ނޭނގި "ވާނުވާ" ބަންދުގައި ތިބުން ނޫން ގޮތެއް ބަންދުގައި ތިބި މީހުންގެ މިންވަރުގައި އަދިވެސް ނެތީ އެވެ.

ކޮންމެ ސަބަބަކާ ހެދި ކަމަށް ވިޔަސް، ބަންދު އަމުރު ކޮންމެ 30 ދުވަހަކުން ރިވިއު ނުކުރާ ނަމަ އޭގެ ނަތީޖާއަކީ ކޮބައި ކަމާއި އެ ހާލަތުގައި އެ މީހަކު ބަންދުން ދޫކޮށްލަން ޖެހޭނެތޯ މި ހިސާބުން ސުވާލު އުފެދުނެވެ. ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ވ. ގައި ވެސް މިކަމާ މެދު ވަކި އެއްޗެއް ބުނެފައެއް ނެތެވެ. މުއައްސަސާތަކުގެ މެދުގައި އޮތް ޚިޔާލު ތަފާތުވުންތަކުގެ ތެރެއިިން ހައްލެއް ނުލިބުމުން މިފަދަ ހަތަރު މައްސަލައެއް ދާދި ފަހުން ހައި ކޯޓަށް ބަޔަކު ހުށަހެޅި އެވެ. ހަައި ކޯޓުން ނިންމުންތައް ވެސް ވީ "ވާނުވާ" އަކަށެވެ. އެކި މައްސަލަތަކުގެ ހުކުމް އައީ އެކި ގޮތަށެވެ.

ހައި ކޯޓުން ވެސް "ވާނުވާ" އަކަށް

އެއް މައްސަލައެއްގައި ހައި ކޯޓުން ނިންމީ 30 ދުވަސް ތެރޭގައި ބަންދު ރިިވިއު ނުކޮށްފި ނަމަ އެ މީހަކު އިތުރަށް ބަންދުގައި ނުބެހެއްޓޭނެ ކަމަށެވެ. މާނައަކީ އެ ބަންދެއް ގާނޫނާ ޚިލާފްވުމެވެ. އެކަމަކު ބާކީ އޮތް އަނެއް ތިން މައްސަލާގައި ހައި ކޯޓުން ނިންމީ ދިމާ އިދިކޮޅަށެވެ. އެ ނިންމުންތަކުގައި އޮތީ ބަންދު އަމުރު ކޮންމެ 30 ދުވަހަކުން ރިވިއު ނުކުރިޔަސް، އެ މީހަކު ބަންދުކުރި ހާލަތު ފިލައި ނުދާ ނަމަ އެ މީހަކު ބަންދުން ދޫކުރަން ނުޖެހޭނެ ކަމަށާއި އެ ބަންދެއް ގާނޫނާ ޚިލާފް ވެސް ނުވާނެ ކަމަށެވެ. ހަތަރު މައްސަލާގައި ވެސް އުފެދުނީ ގާނޫނީ އެންމެ ސުވާލެއް ކަމަށް ވެފައި، ހައި ކޯޓުގެ އެއް ނިންމުމާ ދިމާ އިދިކޮޅަށް އެ ކޯޓުގެ އެހެން ނިންމުންތަކެއް އޮތުމުން ރަނގަޅު ގޮތަކީ ކޮބައިކަން ނިންމޭނެ ގޮތެއް ނެތެވެ. އަނެއްކާވެސް އިިތުރު "ވާނުވާ" އެކެވެ.

މަތީ ކޯޓުތަކުން ގާނޫނީ ނުކުތާއަކާ މެދު ނިންމާފައިވާ ނިންމުމަކާ ތަފާތުކޮށް އެފަދަ އެހެން މައްސަލައެއް ނިންމާ ނަމަ، އެގޮތަށް ނިންމާ ސަބަބެއް ހުކުމްތަކުގައި ބަޔާން ކުރެވިދާނެ އެވެ. ކޯޓުތަކާ ބެހޭ ގާނޫނުގެ ދަށުން ކުރީގެ ނިންމުމަކާ ދުރަށް ދާން ކޯޓުތަކަށް ހުރަހެއް ވެސް ނޯވެ އެވެ. އެކަމަކު މި ހަތަރު މައްސަލާގައި އެކި ނިންމުންތައް އެކި ގޮތަށް ނިންމި ސަބަބެއް އެއިން އެއްވެސް ހުކުމެއްގައި ބަޔާން ކޮށްފައެއް ނެތެވެ. އަދި ތަފާތުވި ނިންމުމާ ދުރަށް ދިޔައީ ކަން ނުވަތަ ނޫންކަމާ މެދު ވެސް އެއިން ހުކުމެއްގައި ޒިކުރު ކޮށްލާފައެއް ނުވެ އެވެ.

ހައި ކޯޓު --- ފޮޓޯ/މިހާރު

ހައި ކޯޓު --- ފޮޓޯ/މިހާރު

ގާނޫނީ އެއް ނުކުތާއަކާ މެދު ދެ ގޮތަކަށް ނިންމުންތައް ނިންމާފައިވާ ނަމަ، ކޯޓުތަކުން ބައެއް ހާލަތްތަކުގައި އަމަލުކުރާ ގޮތަކީ އޭގެ ތެރެއިން އެންމެ ފަހުން ނިންމާފައިވާ ނިންމުމަށް އިސްކަން ދިނުމެވެ. ސުޕްރީމް ކޯޓުގެ ބައެއް ނިންމުންތަކާ މެދު ހައި ކޯޓާއި ދަށު ކޯޓުތަކުން އެގޮތަށް ރިއާޔަތް ކޮށްފައި އެބަ ހުއްޓެވެ. މިސާލަކަށް ވަޒީފާގެ މައްސަލަތަކުގެ މަދަނީ މުއާމަލާތްތަކުގައި ބޮޑެތި ޖޫރިމަނާ ނަގައި ދިނުމުގެ މައްސަލަތަކެވެ. ނަމަވެސް "ވާނުވާ" ރިވިއު ކުރުމުގެ މައްސަލާގައި މި ހަތަރު ނިންމުން އައީ އެއް ދުވަހެއްގައި ކަމަށް ވާތީ ފަހުގެ ނިންމުމަކީ ކޮބައިކަން އެނގެން ފަސޭހައެއް ނޫނެވެ.

ހައި ކޯޓުގެ ނިންމުން އެކި ގޮތަށް އައި ސަބަބަކީ އެކި ފަނޑިޔާރުން އެކި މައްސަލަތައް ބައްލަވަން ބެންޗުގައި ތިއްބެވުމާއި ފަނޑިޔާރުންގެ މެދުގައި ރައުޔު ތަފާތުވުމެވެ. ތިން މައްސަލައެއްގައި ފަނޑިޔާރުންގެ އަޣުލަބިއްޔަތު ލިބުނު ކޮޅަށް، އަނެއް މައްސަލާގައި ބެންޗްގެ އަޣުލަބިއްޔަތު ނުލިބުނީ އެވެ. މިގޮތަށް އެއް ކަހަލަ މައްސަލަތައް އެކި ބެންޗްތަކުން ތަފާތުކޮށް ނިންމުމަކީ ސުޕްރީމް ކޯޓުގެ ވެސް ކަންބޮޑުވުމެކެވެ. ސުޕްރީމް ކޯޓުން ދާދި ފަހުން ނިންމީ އެއް މައްސަލައެއް އެކި ފަރާތްތަކުން އިސްތިއުނާފްކުރާ ހާލަތްތަކުގައި ފަނޑިޔާރުންގެ އެކި ބެންޗްތަކުން ބެލުމުން ނިންމުންތައް ފުށުއަރައި، އިންސާފަށް ހުރަސް އެޅުން ފަދަ ކަންކަން ކުރިމަތިިވެދާނެ ކަމަށެވެ.

ދެ ފަރާތުގެ މާނަކުރުމާއި ނަތީޖާ

ހައި ކޯޓުގެ މި "ވާނުވާ" ނިންމުންތަކާ މެދު ދެކޮޅަށް ވެސް ވާހަކަ ދެއްކެން އެބަ އޮތެވެ. ޝަރީއަތް ނިމެންދެން މީހަކު ބަންދުކުރަނީ ތުހުމަތެއް އުފެދޭ މިންވަރަކަށް ހެކި ހުރުމާ އެކު ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހަތަރު ހާލަތުން ކުރެ ހާލަތެއް އޮވެގެންނެވެ. ހަމަ ހުރެލާފައިި މީހަކު ބަންދުކުރަން ޖިނާއީ އިޖްރާއާތުގެ ގާނޫނު ތަނެއް ނުދެ އެވެ. އެހެންކަމުން ބަންދުކުރި ސަބަބުތައް ފިލައި ނުދަނީސް، އެ ބަންދު އަމުރު ކޮންމެ 30 ދުވަހަކުން ރިވިއު ނުކުރާތީ ކަމަށް ބުނެ މީހުން ބަންދުން ދޫކުރާ ނަމަ، އެއީ ގޯހެއް ކަމަށް ބުނެވިދާނެ އެވެ. އަދި އެގޮތަށް މާނަކުރާ ނަމަ، ގާނޫނުގައި ބުނާ "ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ" މަހްފޫމް އެއްކޮށް އުވި، އެންމެ ގިނަވެގެން ބަންދު ކުރެވޭނެ މުއްދަތަކީ 30 ދުވަސް ކަމަށް ކަނޑައެޅިގެން ދާނެ އެވެ.

އަނެއްކޮޅަށް ވާހަކަ ދައްކަން ވެސް ހަމައެހާ ވަރުގަދަ ހުއްޖަތުތަކެއް އެބަ ހުއްޓެވެ. ޝަރީއަތް ނިމެންދެން ކުރާ ކޮންމެ ބަންދެއް 30 ދުވަހަކުން އެ މީހަކު ކޯޓަށް ހާޒިރު ކޮށްގެން ރިވިއު ކުރާ ގޮތަށް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ހިމެނީ ކޮންމެވެސް މަގްސަދެއްގަ އެވެ. އެއީ ބަންދުގައި ހުންނަ މީހާ އޭނާގެ ހާލަތު ކޮންމެ 30 ދުވަހަކުން ކޯޓުގައި ބަޔާން ކޮށްދީ، އޭނާގެ ބަންދު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް އޮތްތޯ ކޯޓުން ކަށަވަރު ކުރުމަށެވެ. އެ އިޖްރާއާތު ފުރިހަމަ ނުކުރިޔަސް، "ވާނުވާ" ބަންދުގައި ބެހެއްޓޭނެ ކަމަށް ބަލަން ފަށައިފި ނަމަ އޭގެ މާނައަކީ ގާނޫނުގެ 60 ވަނަ މާއްދާގެ ވ. އަކީ "އަމަލު ކުރަން ނުޖެހޭ ނުވަތަ އިހްތިޔާރީ މާއްދާއެއް" ކަމަށް ކަނޑައެޅިގެން ދިއުމެވެ. ނަމަވެސް ގާނޫނެއްގައި ރަމްޒީ މާއްދާއެއް އޮންނާނެ ކަމަށް ބެލުމަކީ ގާނޫނު މާނަކުރުމުގެ ހަމަތަކާ ޚިލާފް ކަމެކެވެ.

"ވާނުވާއެއް ނޭނގެ"

ގާނޫނީ ބޭފުޅުން ވެސް މިކަމުގައި ތިބީ "ވާނުވާ" އެއްގަ އެވެ. އެ ބޭފުޅުން ވެސް ފާހަގަކުރައްވަނީ އަސާސީ ހައްގަކާ ގުޅުން ހުރި ގާނޫނީ މުހިންމު ސުވާލަކަށް ހައި ކޯޓުން "ވާނުވާ" ނޭނގޭނެ ގޮތަކަށް ޖަވާބު ދިނުމެވެ. އެހެން ގޮތަކަށް ބުނާ ނަމަ، "އެއް އަތުން ފިރުމާލާފައި އަނެއް އަތުން ޖެހީ" އެވެ.

"ތީގަ ވާނުވާއެއް ނޭނގޭ،" ވަކީލް މަހްފޫޒް ސައީދު ވިދާޅުވީ މިހެންނެވެ.

އެހެން ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ބަންދު އަމުރު ރިވިއުކުރަން ޖިނާއީ އިޖްރާއާތުގެ ގާނޫނު ލާޒިމްކުރީ ކުރިން ކަންކަން ހިނގަމުން އައި ގޮތުން ބަންދުގައި ތިބޭ މީހުންގެ ހައްގުތައް ގެއްލޭ މައްސަލަ ހައްލު ކުރުމަށެވެ. އެހެންވެ، ބަންދު ރިވިއު ނުކުރާ ނަމަ، އެ ބަންދެއް ގާނޫނާ ޚިލާފްވާނެ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"ބަންދު ރިވިއު ކުރެވިދާނެއޭ އޮތް ނަމަ މައްސަލައެއް ނެތް. ރިވިއު ކުރަން ޖެހޭނެއޭ ގާނޫނުގައި ބުނެފައި އެ އޮތީ. ރިވިއު ނުކޮށްފިއްޔާ ގާނޫނާ ޚިލާފްވީ. ބަންދުގައި ހުރި މީހާގެ ހައްގަކަށް އެ އަރައިގަނެވުނީ. އެހެންވިއްޔާ އެ ބަންދެއް ގޯސްވާނެ ކަމަށް އަޅުގަނޑު ދެކެނީ،" ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނު އޮތް ގޮތުން ބަންދު ރިވިއު ކުރުމުގައި އިސް ނަގަންޖެހޭ ފަރާތަކާ މެދު ޚިޔާލު ތަފާތުވުން އުފެދުނަސް، ފުލުހުން ނުވަތަ ޕީޖީ އޮފީހުގެ ޒިންމާ އޮންނާނެ ކަމަށެވެ. މީހުން ބަންދުކުރަނީ ފުލުހުން އެދިގެން ކަމަށް ވާތީ އެ ޒިންމާއިން ޕީޖީ އޮފީހަށް ރެކިނުގަނެވޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ކޯޓުން އިސް ނަގައިގެން އެކަން ނުކުރިޔަސް، ޕީޖީ އޮފީހުން ޖެހޭނެ އެކަމަށް ބާރު އަޅަން. އެއީ ޕީޖީ އޮފީހުން ނުވަތަ ފުލުހުން އެދިގެން މީހަކު މި ބަންދު ކުރަނީ. ޕީޖީ އޮފީހަށް އެނގޭނެ 30 ދުވަސް އެބަ ހަމަވާކަން،" އޭނާ ވިދާޅުވި އެވެ.

މަޝްހޫރު "ވާނުވާ" ރިވިއު ކުރުމުގެ މައްސަލާގައި އުފެދުނު ގާނޫނީ މުހިންމު ސުވާލުތަކެއްގެ ޖަވާބު އަދިވެސް ނުލިބެ އެވެ. މުއައްސަސާތަކުގެ މެދުގައި އޮތް ޚިޔާލު ތަފާތުވުންތަކާއި ހައި ކޯޓުގެ އެކި ނިންމުން އެކި ގޮތަށް އޮތްއިރު، ޖަލުގެ ތޭރިތަކުގެ ފަހަތުގައި އެތައް ބަޔަކު "ވާނުވާ" ގައި ބަންދުގައި ތިބެން ޖެހުމަކީ އަވަހަށް ހައްލު ހޯދަން ޖެހޭ ސީރިއަސް މައްސަލައެކެވެ.