Roadha Mihaaru
ޒުވާނުންގެ ކުއްލި މަރު ހިތާ ގުޅިފައި!

ޒުވާނުންގެ ކުއްލި މަރު ހިތާ ގުޅިފައި!

15 ޑިސެމްބަރ 2020

ޒުވާން އުމުރުގައި ކުއްލިއަކަށް މަރުވާ މީހުންގެ އަދަދު، އުމުރުން ދުވަސްވީ މީހުން މިގޮތަށް މަރުވާ އަދަދާ އަޅާބަލާއިރު މަދެވެ. އެކަމަކު ޒުވާނުންގެ ކުއްލި މަރުތައް ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މި ފަހަކަށް އައިސް، ކުރިއަށްވުރެ އިތުރުވެއްޖެ އެވެ. މި މަރުތައް ވެފައިވަނީ ކުއްލި ހިތާމައެއް ގެނުވާ ހިތްދަތި ކަމަކަށެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ޒުވާން އުމުރުގައި ކުއްލިއަކަށް މަރުވާ މީހުންގެ އަދަދު، އުމުރުން ދުވަސްވީ މީހުން މިގޮތަށް މަރުވާ އަދަދާ އަޅާބަލާއިރު މަދެވެ. އެކަމަކު ޒުވާނުންގެ ކުއްލި މަރުތައް ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މި ފަހަކަށް އައިސް، ކުރިއަށްވުރެ އިތުރުވެއްޖެ އެވެ. މި މަރުތައް ވެފައިވަނީ ކުއްލި ހިތާމައެއް ގެނުވާ ހިތްދަތި ކަމަކަށެވެ.

މިއީ ދުނިޔޭގެ އިތުބާރު ހޯދާފައިވާ، ނަން-ޕްރޮފިޑް މެޑިކަލް ސެންޓަރު މާޔޯ ކްލިނިކްގެ ވެބްސައިޓުގައި، ޒުވާނުންގެ ކުއްލި މަރާ ބެހޭ ގޮތުން ޝާއިއުކޮށްފައިވާ ލިޔުމެއްގެ ހުލާސާ ތަރުޖަމާއެކެވެ.

ހިތުގައި، ކުރިން ފާހަގަނުވެ ހުރި އުނިކަމެއްގެ ސަބަބުން ނުވަތަ ނޭނގި ހުރި މައްސަލައެއްގެ ސަބަބުން، އުމުރުން 35 އަހަރުން ދަށުގެ މީހުން ކުއްލިއަކަށް މަރުވުމަކީ ނާދިރު ކަމެކެވެ. އެކަމަކު މި މައްސަލަ ހުންނަ މީހުންނަށް ނާދިރު މަރު އާންމުކޮށް މެދުވެރިވަނީ ޖިސްމަށް ވަރުބަލިކަން އަންނަ ކުޅިވަރެއް ނުވަތަ ހަރަކާތްތަކެއްގެ ތެރެއިންނެވެ. މިފަދަ މަރުތައް އަންހެނުންނަށް ވުރެ ފިރިހެނުންގެ ތެރޭގައި ގިނަ އެވެ.

ހިތުގައި މައްސަލަ ހުރެ ވެސް، ކުޑަކުދިންނާއި ފުރާވަރުގެ އެތައް ބައިވަރު ކުދިންނެއް ކުޅިވަރު ހަރަކާތްތަކުގައި އެއްވެސް މައްސަލައެއް ދިމާނުވެ އުޅެ އެވެ. އެކަމަކު ހިތުގައި މައްސަލައެއް ހުރިކަން އެނގި، އަދި އެކަމުގެ ސަބަބުން ކުއްލިއަކަށް މަރުވެދާނެ ފަދަ ހާލަތެއް އޮތް ކަމަށް ގަބޫލުކުރެވޭ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދަންޖެހޭނެ އެވެ.

ޒުވާނުންގެ މެދުގައި ކުއްލި މަރު ވަރަށް އާންމުތަ؟

ކާޑިއެކް އަރެސްޓް ނުވަތަ ހިތް ހުއްޓިގެން މަރުވާ މީހުންގެ ތެރޭގައި ގިނައީ ޒުވާން އުމުރު ފަހަނަޅާފައިވާ ދުވަސްވީ މީހުންނެވެ. އަދި މި މީހުންގެ ތެރޭގައި ވެސް ގިނައީ ހިތުގެ ލޭ ހޮޅިތަކުގެ މައްސަލަ ހުންނަ ނުވަތަ ހިތުގެ ބަލީގެ މީހުންނެވެ. ކާޑިއެކް އެރެސްޓަކީ ޒުވާން އެތުލީޓުން މަރުވާ އާންމު ސަބަކަށް ވަނީ ވެފަ އެވެ. އެކަމަކު ސީދާ އަދަދެއް ޔަގީންކަމާ އެކު ބުނާކަށް ނޭނގެ އެވެ. ކާޑިއެކް އެރެސްޓުގައި ކޮންމެ އަހަރަކު މަރުވާ ކޮންމެ 50،000 އިން އެކަކީ ޒުވާނެއް ކަމަށް ވެސް ވެދާނެ އެވެ.

ހިތުގެ މައްސަލާގައި ޒުވާނުން މަރުވީ ކީއްވެ؟

ހިތުގެ މައްސަލާގައި ޒުވާނުން މަރުވާ ސަބަބު އެކި މީހުންނަށް ތަފާތެވެ. އެކަމަކު އެންމެ އާންމީ ހިތުގައި އުނިކަމެއް ހުރުމެވެ. އެކި ސަބަބުތައް މެދުވެރިވެ، ހިތުގެ ހިނގުން ކޮންޓްރޯލުން ނެއްޓިގެން ދިއުމަށް މެދުވެރިވަނީ އެވެ.

ތިރީގައި އެ ވަނީ ޒުވާނުން ހިތުގެ މައްސަލާގައި މަރުވާން މެދުވެރިވާ މައިގަނޑު ބައެއް ސަބަބުތަކެވެ؛

- ހައިޕަޓްރިފިކް ކާޑިއޯމީއޮޕަތީ (އެޗްސީއެމް):

މިއީ އާންމު ގޮތެއްގައި، ވާރުތަވާ ކަމެކެވެ. މިއީ ހިތުގެ މަސްތައް ބޯވުމެވެ. ހިތުގެ މަސްތައް ބޯވުމުން ހިތުގެ އިލެކްޓްރިކް ރިދަމް ސިސްޓަމަށް މައްސަލަ ދިމާވެ އެވެ. މިހެން ވުމުން ހިތުގެ ހިނގުން ހަމައިން ނެއްޓި، ހިތުގެ ހިނގުމަށް ބަދަލުއާދެ އެވެ. އެހެންވެ މިއީ ކުއްލިއަކަށް މަރުވާން ދިމާވާ ކަމެކެވެ.

އެޗްސީއެމް އަކީ ހަގީގަތުގައި އެހާ ފަސޭހައިން ފުރާނައަށް ނުރައްކާވާ ކަމެއް ނޫނެވެ. އެކަމަކު މިއީ ކުއްލިއަކަށް މަރުވާ އުމުރުން 30 އަހަރުން ދަށުގެ އެތުލީޓުންގެ މަރުގެ އާންމު ސަބަބެކެވެ. މައްސަލައަކަށް ވަނީ ހިތުގައި އެ މައްސަލަ ހުރިކަން ކުރިން ނޭނގި އޮތުމެވެ.

- ކޮރޯނަރީ އާޓެރީ އެބްނޮމަލިޓީސް:

ބައެއް ފަހަރު، އުފަންވާއިރު ވެސް ބައެއް މީހުންގެ ހިތުގެ މައި ލޭ ހޮޅިތައް ގުޅިފައި ހުންނަންޖެހޭ ގޮތް ނޫން ގޮތްގޮތަށް ހުރެ އެވެ. ކަސްރަތު ކުރިން ފަދަ ކަންކަން ކުރާއިރު މި ލޭ ހޮޅިތައް ފިތި، ރަނގަޅަށް ލޭ ދައުރު ނުވާ ގޮތް ދިމާވެ އެވެ.

- ލޯންގް ކިއުޓީ ސިންޑްރޯމް:

މިއީ ހިތުގެ ރިދަމްގައި މައްސަލައެއް ހުރުމެވެ. މިއީ ވެސް އާންމު ގޮތެއްގައި ވާރުތަވާ ކަމެކެވެ. މި މައްސަލަ ހުންނަ ނަމަ ހިތުގެ ހިނގުން އެކަށީގެންވާ ވަރަށް ވުރެ ބާރުވެ އަވަސްވެ އެވެ. މިހެން ވުމުން މީހާ ކުއްލިއަކަށް ހޭނެތުން ފަދަ ކަންކަން ދިމާވެ އެވެ. މި މައްސަލަ ހުންނަ ޒުވާނުންނަކީ ކުއްލިއަކަށް މަރުވުމުގެ ނުރައްކާ ވަރަށް ބޮޑަށް އޮންނަ ބައެކެވެ.

ޒުވާން އުމުރުގައި މަރުވާން މެދުވެރިވާ ހިތުގެ އެހެން މައްސަލަތަކުގެ ތެރޭގައި، އުފެދުމުގައި ވެސް ހިތުގެ އުނިކަމެއް ހުރެ އެކަން ނޭނގި ހުރުމާއި ހިތުގެ މަސްތަކުގެ މައްސަލައެއް ހުރުން ހިމެނެ އެވެ. ވައިރަހެއްގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން ހިތުގެ މަސްތައް ދުޅަވުމާއި މި ނޫން ވެސް ހިތުގެ އެކި މައްސަލަތަކަކީ ޒުވާނުން ކުއްލިއަކަށް މަރުވުމުގެ ސަބަބެކެވެ.

މި މައްސަލަތައް ހުންނަކަން އެނގޭނެ ނިޝާންތަކެއް ހުރޭތަ؟

މިފަދަ މަރުތައް އާންމުކޮށް މެދުވެރިވަނީ، ހިތުގެ މައްސަލައެއް ހުރި ކަމުގެ އެއްވެސް ނިޝާނެއް ކުރިން ފެނުމެއް ނެތި އެވެ. އެކަމަކު، ކުއްލިއަކަށް މަރުވެދާނެ ފަދަ ހިތުގެ މައްސަލައެއް ހުރިކަމުގެ ނިޝާނަކަށް ވެދާނެ ބައެއް ކަންކަން ހުރެ އެވެ؛

- ވަކި ސަބަބެއް ނޭނގި ހޭނެތުން: ވަރުބަލިވާ ކަހަލަ ކުޅިވަރެއް ނުވަތަ މަސައްކަތެއްގައި އުޅޭއިރު ކުއްލިއަކަށް ހޭނެތޭ ނަމަ މިއީ ހިތުގައި ހުރި މައްސަލައަކުން ދިމާވާ ކަމަކަށް ވެދާނެ

- ހިތުގެ ބަލީގައި އާއިލާގެ އެހެން ބަޔަކު މަރުވެފައިވުން: އާއިލާގެ ތެރޭގައި، އުމުރުން 50 އަހަރު ވުމުގެ ކުރިން ކުއްލިއަކަށް މަރުވެފައިވާ މީހުން ހިމެނޭ ނަމަ އެއީ ޑޮކްޓަރަށް ދައްކައި ހިތުގައި މައްސަލައެއް ހުރިތޯ ބަލަންޖެހޭ ވަރަށް ބޮޑު ސަބަބެއް

ނޭވާ ކުރުވުމާއި މޭގައި ރިއްސުން އެއީ ވެސް ހިތުގެ މައްސަލައެއް ހުރި ކަމުގެ އަލާމާތަކަށް ވެދާނެތީ ބަލަން ޖެހޭނެ އެވެ. އެކަމަކު މިއީ ސިއްހީ އެހެން ބައެއް ސަބަބުތަކާ ހެދި ދިމާވާ ކަމަކަށް ވެސް ވެދާނެ އެވެ.

ރައްކާތެރިވާން ކުރެވޭނީ ކޮން ކަމެއް؟

ހިތުގެ މައްސަލައެއްގައި ކުއްލިއަކަށް މަރުވެދާނެ ފަދަ ސަބަބެއް ހުރި ކަމަށް ބެލެވޭ ނަމަ، ބޮޑަށް ވަރުބަލިވާ ކަހަލަ ކުޅިވަރުތައް ނުކުޅުން ބުއްދިވެރި އެވެ. އެންމެ ބުއްދިވެރި ގޮތަކީ، ކުއްލިއަކަށް ހިތް ހުއްޓިދާނެ ފަދަ ސަބަބެއް ހުރި ކަމަށް ބެލެވޭ ނަމަ ޑޮކްޓަރަށް ދައްކައިގެން، އެކަމާ އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާށެވެ.