Roadha Mihaaru
ކިނޮޅަހުގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް

ކިނޮޅަހުގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް

15 ޑިސެމްބަރ 2020

އެމްޑަބްލިޔުއެސްސީ އިން ރ.ކިނޮޅަހުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްޑަބްލިޔުއެސްސީ އިން ރ.ކިނޮޅަހުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މިމަޝްރޫއުގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ އިމާރާތުގެ 40 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އަދި ނަރުދަމާ ނިޒާމަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި މިހާރު ވަނީ ކިނޮޅަހަށް ގެންގޮސްފަ އެވެ. މީގެ އިތުރުން، ފެން އުފެއްދުމަށް ބޭނުންވާ ބޯހޯލް ތޮރުފުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

މި މަޝްރޫއުގައި 10.98 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް އަޅާނެ އެވެ. އާރްއޯ ފެސިލިޓީ ބިލްޑިންގް ހެދުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 190 ކިއުބިކްމީޓަރުގެ ދެ ތާނގި އަދި 380 ކިއުބިކްމީޓަރުގެ ތާނގީއެއް ވެސް ހަދާނެ އެވެ.

މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވޭނެ އެވެ.

ރ.ކިޅޮނަހުގައި ނަރުދަމާގެ މަސައްކަތް ކުރުމަށް އެރަށަށް ގެންގޮސްފައިވާ ހޮޅިތަކެއް--ފޮޓޯ:އެމްޑަބްލިއުއެސްސީ

ރ.ކިޅޮނަހުގައި ނަރުދަމާގެ މަސައްކަތް ކުރުމަށް އެރަށަށް ގެންގޮސްފައިވާ ހޮޅިތަކެއް--ފޮޓޯ:އެމްޑަބްލިއުއެސްސީ

ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކިނޮޅަހުގައި 7.69 ކިލޯމީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކުރުމާއި، 870 މީޓަރުގެ ޕަންޕިންގް ލައިން އެޅުމާއި، ތިން ޕަންޕިންގް ސްޓޭޝަން އަދި އެއް ސީ އައުޓް ފޯލް ހެދުމަށް ހަމަޖެހިފައިވެ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭނެ އެވެ.

މި ނިޒާމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއީ ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ 22 މަސް ދުވަސް ތެރޭ ނިންމަން ޖެހެ މި މަސައްކަތްތަކަށް 36 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ.