Roadha Mihaaru
އެޗްޕީއޭގެ ލުޔާއެކު ޔާމިންގެ ވަކީލުން މާފުއްޓަށް

އެޗްޕީއޭގެ ލުޔާއެކު ޔާމިންގެ ވަކީލުން މާފުއްޓަށް

17 ޑިސެމްބަރ 2020

ކޮވިޑް-19އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާ އެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންނަށް އެ މަނިކުފާނާ ބައްދަލުވުމުގެ ފުރުސަތު މިއަދު ލިބިވަޑައިގެންފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާ އެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންނަށް އެ މަނިކުފާނާ ބައްދަލުވުމުގެ ފުރުސަތު މިއަދު ލިބިވަޑައިގެންފި އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ދާދި ފަހުން ކޮވިޑް-19އާ ގުޅިގެން އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކުގެ ކުރު މުއްދަތައް ރަށްރަށަށް ދާ ނަމަ ޕީސީއާރް ޓެސްޓު ހަދައި ނެގެޓިވް ނަތީޖާއެއް ހުށަހަޅަން ހެދި އުސޫލުގެ ސަބަބުން ވަކީލުންނަށް ޔާމީނާ ބައްދަލުކުރުމުގައި ދަތިތަކެއް ދިމާވެފައި ވެ އެވެ.

އެޗްޕީއޭގެ އުސޫލަށް އިއްޔެ ގެނައި ބަދަލުގައި ވާ ގޮތުން ފަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަށް މާލެ އިން އަތޮޅުތެރެ އަށް ކުރާ ދަތުރުތަކުގައި ޕީސީއާރް ޓެސްޓު ހަދައި ނަތީޖާ ހުށަހަޅާކަށް ނުޖެހެ އެވެ.

މާފުށީ ޖަލަށް ވަޑައިގެން ޔާމީންއާ މިއަދު ބައްދަލުކުރެއްވުމަށް ފަހު އެ މަނިކުފާނުގެ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔާމީންއާ ބައްދަލުކުރުމަށް އަޅަމުން ދިޔައީ ޣައިރު ގާނޫނީ ހުރަސްތަކެއް ކަމަށެވެ. އެ ހުރަސްތަކަށް ފަހު މިއަދު އަނެއްކާ ވެސް ޔާމީންއާ ބައްދަލުވެފައިވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.

"ގާނޫނީ ވަކީލުންނާ ބައްދަލުވުން ވެސް ރައީސް ޔާމީނަށް މި އޮތީ ހަނގުރާމައެއް ކުރުން ފަދަ ކަމަކަށް ވެފައި،" ޑރ. ޖަމީލްގެ ޓުވީޓުގައި ވެ އެވެ.

އޭނާ ވިދާޅުވީ މި މަހުގެ ހައެއްގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ފަހު ޔާމީންއާ ބައްދަލުވެފައި ނުވާ ކަމަށާއި "މިވަރުވީމަ ޑިމޮކްރަސީގެ ނަމަށް ވެސް ހުތުރު" ކަމަށެވެ.

ކުރު މުއްދަތަށް ދަތުރުކުރާއިރު ކޮވިޑް-19ގެ ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހޭތީ ބައްދަލުނުވާ ކަމަށް ބުނެ ވަކީލުން ޝަކުވާ ކުރަމުން އައި އިރު ކަރެކްޝަނުން ބުނީ އުސޫލާ އެއްގޮތަށް ކަންކުރުމުން ވަކީލުންނަށް ޔާމީންއާ ބައްދަލުކުރެވޭނެ ކަމަށެވެ. ނަމަވެސް ވަކީލުންގެ ޑިމާންޑަކަށްވީ އެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސައިދިނުމެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް ވަކީލުންނަށް ބައްދަލުކުރުމުގައި ދަތިތަކެއް ހުރި ކަމަށް ބުނާތީ ކޯޓުން ވަނީ ދައުވާ އުފުލުން ފަސްކޮށް ރައީސް ޔާމީން އަށް އިތުރު ވަގުތު ދީފަ އެވެ.