Roadha Mihaaru
ފީފާގެ ރައީސް އިންފަންޓީނޯ އަށް ޗެލްސީގެ ދައުވަތެއް

ފީފާގެ ރައީސް އިންފަންޓީނޯ އަށް ޗެލްސީގެ ދައުވަތެއް

05 ނޮވެމްބަރ 2016

ލަންޑަން (ނޮވެމްބަރު 5) - ފުޓްބޯޅައިގެ ޓްރާންސްފާ ސިސްޓަމް އޮތްގޮތުން ބައެއް ކްލަބްތަކުން އޭގެ ގޯސް ފައިދާ ނަގަމުން އަންނަ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެފައިވަނިކޮށް ޗެލްސީގެ ޓްރާންސްފާ ސިސްޓަމް އޮތްގޮތް އޮޅުން ފިލުވައިދިނުމަށް އިންފަންޓީނޯ އަށް އެ ކްލަބުން ދައުވަަތު ދީފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ނޮވެމްބަރު 5) - ފުޓްބޯޅައިގެ ޓްރާންސްފާ ސިސްޓަމް އޮތްގޮތުން ބައެއް ކްލަބްތަކުން އޭގެ ގޯސް ފައިދާ ނަގަމުން އަންނަ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެފައިވަނިކޮށް ޗެލްސީގެ ޓްރާންސްފާ ސިސްޓަމް އޮތްގޮތް އޮޅުން ފިލުވައިދިނުމަށް އިންފަންޓީނޯ އަށް އެ ކްލަބުން ދައުވަަތު ދީފި އެވެ.

ފުޓްބޯޅައިގެ ޓްރާންސްފާ ސިސްޓަމަށް ބަދަލު ގެންނަން ޖެހޭ ކަމަށް އިންފަންޓީނޯ ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ. އަދި މިހާރުގެ ސިސްޓަމް އޮތްގޮތުން ޒުވާން ކުޅުންތެރިންނަށް އެ ކުޅުންތެރިޔާ ފުޓްބޯޅަ ކެރިއަރު ފަށާ ކްލަބުގެ ސީނިއާ ޓީމުން ފުރުސަތު ލިބުން ދަތިކަމަށާއި ޒުވާން އުމުރުގައި ކުޅުންތެރިން ލޯން އެއްބަސްވުމުގެ ދަށުން އެކި ގައުމުތަކުގެ ކްލަބްތަކަށް ކުޅެން ޖެހުމުން އެ ކުޅުންތެރިންގެ ފުޓްބޯޅަ ކެރިއަރަށް ގެއްލުންވާ ކަމަށް އިންފަންޓީނޯ ވިދާޅުވި އެވެ.

ޔޫރަޕްގެ އެކި ގައުމުތަކުގައި މިވަގުތު ޗެލްސީގެ 38 ކުޅުންތެރިން ލޯން އެއްބަސްވުމުގެ ދަށުން އެބަކުޅެ އެވެ. އޭގެ ތެރެއިން 15 ޕަސެންޓް ކުޅުންތެރިން ކުޅެމުންދަނީ އިނގިރޭސި ކްލަބްތަކަށެވެ. އަނެއް 85 ޕަސެންޓް ކުޅެމުން އަންނަނީ ޔޫރަޕްގެ އެކި ގައުމުތަކުގެ ކްލަބްތަކަށެވެ. މި ކުޅުންތެރިންގެ ތެރެއިން 14 ޕަސެންޓް ކުޅުންތެރިން އަދި ޗެލްސީ އަށް ރަސްމީ މެޗެއް ނުކުޅެ އެވެ.

ޗެލްސީން ބުނީ ކުޅުންތެރިންގެ ލޯން ސިސްޓަމްގެ ސަބަބުން އެއްވެސް ކުޅުންތެރިޔަކަށް މިހާތަނަށް ގެއްލުން ލިބިފައިވާކަން ފާހަގަކުރެވިފައިނުވާ ކަމަށާއި ލޯން ސިސްޓަމް އޮތްގޮތުން ކުޅުންތެރިންނަށް އޮތީ ބޮޑު ފައިދާއެއް ކަމަށެވެ.

"ފީފާގެ ރައީސް (އިންފަންޓީނޯ) ދެއްކެވި ވާހަކަ ރައްދުވަނީ ޗެލްސީ އަށް ކަމަށްވާނަމަ އަހަރެމެން ފީފާގެ ރައީސަށް ދައުވަތު އަރުވަން ޗެލްސީގެ ލޯން ސިސްޓަމް ބަލައިލުމަށް ވަޑައިގަތުމަށް. އެއީ ޗެލްސީގެ ލޯން ސިސްޓަމަކީ މުޅި ޔޫރަޕަށް ބެލިޔަސް އެންމެ ރަނގަޅަށް ހިނގާ ސިސްޓަމް. ޒުވާން ކުޅުންތެރިންނަށް އެންމެ މަތީ ފަންތީގައި ކުޅުމުގެ ފުރުސަތު އެކި ގައުމުތަކުން އަހަރަމެން އެބަ ހޯދައިދެން،" ޗެލްސީން ނެރުނު ނޫސްބަޔާނެއްގައިވެ އެވެ.

ޗެލްސީގެ ދައުވަތާ ގުޅޭގޮތުން މިހާތަނަށް ފީފާގެ ރައީސް އިންފަންޓީނޯ އެއްޗެއް އަދި ވިދާޅުވެފައިނުވެ އެވެ.

ޗެލްސީ އަކީ މުޅި ޔޫޕަރަޕަށް ބަލާއިރު ޔޫތު ކުޅުންތެރިން ސްކައުޓްކޮށް އެންމެ ގިނައިން ގަންނަ އެއް ކްލަބެވެ. އަދި ސީޒަނަކަށް ފަހު ސީޒަނެއް ޗެލްސީން ޒުވާން ކުޅުންތެރިން ލޯނަށް ދޫކުރާ އަދަދު އަންނަނީ އިތުރުވަމުންނެވެ.