Roadha Mihaaru
މެކެންޒީ މިހާތަނަށް 4.2 ބިލިއަން ޑޮލަރުގެ އެހީ ދީފި

މެކެންޒީ މިހާތަނަށް 4.2 ބިލިއަން ޑޮލަރުގެ އެހީ ދީފި

17 ޑިސެމްބަރ 2020

ދުނިޔޭގެ އެންމެ މުއްސަނދި މީހާ އެމެޒޯން ކުންފުނީގެ ވެރިޔާ ޖެފް ބެޒޯސްގެ ކުރީގެ އަންހެނުން މެކެންޒީ ސްކޮޓް ޚައިރާތަކަށް ހޭދަކުރި އަދަދު 4.2 ބިލިއަން ޑޮލަރަށް އަރައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ އެންމެ މުއްސަނދި މީހާ އެމެޒޯން ކުންފުނީގެ ވެރިޔާ ޖެފް ބެޒޯސްގެ ކުރީގެ އަންހެނުން މެކެންޒީ ސްކޮޓް ޚައިރާތަކަށް ހޭދަކުރި އަދަދު 4.2 ބިލިއަން ޑޮލަރަށް އަރައިފި އެވެ.

އޭނާ ނެރުނު ބަޔާނެއްގައި ބުނީ މިހާތަނަށް 384 ޖަމިއްޔާއަކަށް ހިލޭ ސާބަހަށް ފައިސާ ހަދިޔާކޮށްފައިވާ ކަމަށެވެ. އަމިއްލަ މިލްކިއްޔާތުން މެކެންޒީ ޚައިރާތަށް ހޭދަކުރި މިންވަރު 4.2 ބިލިއަން ޑޮލަރަށް އަރާކަން އިއުލާންކޮށްފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި 116 ޖަމިއްޔާއަކަށް 1.7 ބިލިއަން ޑޮލަރު ހޭދަކޮށްފައި ވަނިކޮށެވެ.

ދުނިޔޭގެ އެންމެ މުއްސަނދި 10 އަންހެނުންގެ ލިސްޓްގެ ދެ ވަނައިގައި މި ވަގުތު އޮތް މެކެންޒީގެ މިލްކިއްޔާތު 60.3 ބިލިއަން ޑޮލަރަށް އަރަ އެވެ.

ހިލޭ ސާބަހަށް ހޭދަކުރުމާ ބެހޭ ގޮތުން މެކެންޒީ، 50، ވިދާޅުވީ މި އަހަރަކީ ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ އެކު އެތައް ގޮތަކުން އެތައް ބަޔަކަށް ދަތިތައް ކުރިމަތިވި އަހަރެއް ކަމަށެވެ. އެހެންވެ ފައިސާ ހަދިޔާކުރުމުގައި މީހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށްދޭން މަސައްކަތްކުރާ ޖަމިއްޔާތަކަށް އެހީ ދިނުމުގައި ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.

"މިފަދަ ދަނޑިވަޅެއްގައި ދުނިޔޭގެ މަހުޖަނުންގެ ޒިންމާއެއް އެ މީހުންގެ ތަނަވަސްކަމުން ހޭދަކުރުމަކީ ވެސް،" މެކެންޒީ ވިދާޅުވި އެވެ. "އަދި މިބަލިމަޑުކަމުގެ ތެރޭގައި ފާހަގަކުރެވުނު އެއް ކަމަކީ ބައެއް ބޮޑެތި ވިޔަފާރިތަކުގެ ފައިދާ ވެސް އެތައް ގުނަ އުފުލުނުކަން. އެހެންވީމާ އެފަދަ ކުންފުނިތަކާއި އެ ކުންފުނިތަކުން އެބަޖެހޭ އެ މީހުންގެ އިޖުތިމާއި ޒިންމާ ވެސް އަދާކުރަން."

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެންމެ ޑިމާންޑް އުފުލުނު އެއް ވިޔަފާރި އަކީ އޮންލައިން ވިޔަފާރީގައި ރަސްކަންކުރާ މެކެންޒީގެ ދަރިންގެ ބައްޕަ ޖެފްގެ އެމެޒޯނެވެ. އޭނާގެ މިލްކިއްޔާތު 184 ބިލިއަން ޑޮލަރަށް އަރަ އެވެ. މެކެންޒީ އަކީ މި ވަގުތު ދުނިޔޭގައި 18 ވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ.

މެކެންޒީ އާއި ޖެފްގެ 26 އަހަރުވީ ކައިވެނި ރޫޅައިލީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.