Roadha Mihaaru
މިސަރަަހައްދުގައި ގިނަ ވަސީލަތް ބޭނުންކުރަނީ ދިވެހިން

ދެކުނު އޭޝިއާ ސަރަހައްދުގައި ގުދުރަތީ ވަސީލަތްތައް އެންމެ ގިނައިން ބޭނުންކުރަނީ ދިވެހިން: ރިޕޯޓު

17 ޑިސެމްބަރ 2020

ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ގުދުރަތި ވަސީލަތްތައް ބޭނުންކުރާ ވަރު ބޮލަކަށް ޖެހޭ ނިސްބަތް އެންމެ މަތީ ރާއްޖޭގައި ކަމަށް ޔޫއެންޑީޕީގެ ރިޕޯޓެއްގައި ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ގުދުރަތި ވަސީލަތްތައް ބޭނުންކުރާ ވަރު ބޮލަކަށް ޖެހޭ ނިސްބަތް އެންމެ މަތީ ރާއްޖޭގައި ކަމަށް ޔޫއެންޑީޕީގެ ރިޕޯޓެއްގައި ބުނެފި އެވެ.

ޔޫއެންޑީޕީގެ ހިއުމަން ޑިވެލޮޕްމެންޓް އިންޑެކްސް ރިޕޯޓްގައިވާ ގޮތުން، ރާއްޖޭގައި އަހަރަކު ބޮލަކަށް 14 ޓަނުގެ ވަސީލަތް ބޭނުންކުރެ އެވެ. މިއީ ދުނިޔޭގެ އެވްރެޖަށް ވުރެ ވެސް މަތީ އަދަދެކެވެ. ދުނިޔޭގެ އެވްރެޖަކީ 12.3 ޓަނެވެ. މި ސަރަަހައްދުގައި ވަސީލަތް ބޭނުންކުރާ ވަރު ބޮލަކަށް ޖެހޭ ނިސްބަތް ދެން އެންމެ މަތީ އަވަށްޓެރި އިންޑިއާގަ އެވެ. އެ ގައުމުގައި ވަސީލަތް ބޭނުންކުރާ ވަރު ބޮަލަކަށް ޖެހޭ ނިސްބަތަކީ 4.6 ޓަނެވެ. ސަރަހައްދުގެ އެހެން ގައުމުތަކުގައި އެ ނިސްބަތް މިއަށް ވުރެ ވެސް މާ ދަށެވެ.

މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ހިއުމަން ޑިވެލޮޕްމެންޓް އިންޑެކްސްގައި ރާއްޖޭގެ ރޭންކަކީ ދެވަނަ އެވެ. އެއީ ދުނިޔޭގެ 95 ވަނަ އެވެ. ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ރާއްޖެ އަށް ވުރެ ރޭންކް މަތީ ހަމަ އެކަނި ސްރީ ލަންކާ އެވެ. އެއީ ދުނިޔޭގެ 72 ވަނަ އެވެ. ސަރަހައްދުގެ އެހެން ގައުުމުތައް ހުރީ ރާއްޖެ އާއި ލަންކާ އަށް ވުރެ މާ ދަށުގަ އެވެ. ރާއްޖޭގެ ރޭންކް މިދިޔަ އަހަރަށް ވުރެ މަތިވެފައި ވަނީ އެންމެ ދަރަޖައެކެވެ.

ސަރަހައްދުގެ ހިއުމަން ޑިވެލްޕްމެންޓް ރޭންކް:

ސްރީ ލަންކާ: 72

ދިވެހިރާއްޖެ: 95

ބޫޓާން: 129

އިންޑިއާ:131

ބަންގްލަދޭޝް: 133

ނޭޕާލް: 142

ޕާކިސްތާން: 154

ހިއުމަން ޑިވެލޮޕްމެންޓް އިންޑެކްސް ރިޕޯޓްގައިވާ ގޮތުން މިދިޔަ 20 އަަހަރު ދުވަަހުގެ ތެރޭގައި އިންސާނީ ތަރައްގީގެ ގޮތުން ރާއްޖެ އަށް ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ލިބިފަ އެވެ. ރާއްޖޭގައި އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ މީހުން ދުނިޔޭގައި އުޅޭނެ ކަމަށް ލަފާކުރާ އުމުރު (ލައިފް އެކްސްޕެކްޓެންސީ) އަށެވެ. ރާއްޖޭގައި 1990 ވަނަ އަހަރު ލައިފް އެކްސްޕެކްޓެންސީ ހުރި ވަރަށް ވުރެ މިހާރު 17 އަހަރު އިތުރެވެ.

އަހަރަކު ލިބޭ އާމްދަނީ ބޮލަކަށް ޖެހޭ ވަރު ވެސް 1990 ވަނަ އަހަރާ އަޅާ ބަލާއިރު ވަަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެ ނިސްބަތް އޭރާ އަޅާބަލާއިރު މިހާރު ވަނީ 132 ޕަސެންޓް އިތުރުވެފަ އެވެ.

ރާއްޖޭގައި ހުންނަވާ ޔޫއެންޑީޕީގެ މަންދޫބު އަކީކޯ ފުޖީ އާއި އިކޮނޮމިކް މިނިސްޓަރު ފައްްޔާޒް އިސްމާއީލް އަދި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ގުޅިވަޑައިގެން އޮޕީނިއަން އެޑިޓޯރިއަލް އެެއް ލިއުއްވާފައި ވެ އެވެ. އެ އެޑިޓޯރިއަލްގައި ތިންބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި ރާއްޖެ އަށް މި ޒަމާނުގެ އިންސާނީ ތަރައްގީ ހޯދުމަށް ބޭނުންވަނީ މުޅި މުޖުތަމައުގެ ބައިވެރިވުން އޮންނަ ރެސްޕޮންސް އެކެވެ. އެއީ ވަކި މީހަކު ކަންތައްތައް ކުރާނެ ގޮތް ކިއުމުގެ ބަދަލުގައި ކަންތައްތައް ކުރާނެ ރަނގަޅު ނިޒާމެއް ގާއިމްކުރުމެވެ.

ވަސީލަތްތައް ބޭނުންކުރުމުގައި ޒިންމާދާރުވުމުގެ ދާއިރާއިން ރާއްޖެ އަށް މި އަހަރު ލިބުނުނު އެއް ކުރިއެރުމަކީ ތިން ބޭފުޅުން ލިއުއްވާފައިވާ ގޮތުގައި ތަސްދީގުކޮށް އަމަލުކުރަން ފެށި ކޮންޒިއުމާ ޕްރޮޓެކްޝަން ގާނޫނެވެ. ވިޔަފާރީގައި ހިންގާ ގާނޫނާއި ހިލާފު އަމަލުތަކުން ކޮންޒިއުުމަރުން ސަލާމަތްކުރުމަކީ މުހިއްމު ކަަމެއް ކަމަށް ވެސް ވިދާޅުވި އެވެ.