Roadha Mihaaru
އެއް މިނެޓުން 196 ސުވާލަށް ޖަވާބުދީ ރެކޯޑް ފޮތަށް

ހިސާބުގެ 196 ސުވާލަކަށް އެއް މިނެޓުން ޖަވާބުދީ 10 އަހަރުގެ ކުއްޖަކު ރެކޯޑް ހަދައިފި

21 ޑިސެމްބަރ 2020

"ޓައިމްސް ޓޭބަލް ރޮކްސްޓާޒް" ގައި އެއް މިނިޓް ތެރޭގައި ހިސާބުގެ 196 ސުވާލަކަށް ރަނގަޅު ޖަވާބު ދީގެން 10 އަހަރުގެ ކުއްޖަކު ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"ޓައިމްސް ޓޭބަލް ރޮކްސްޓާޒް" ގައި އެއް މިނިޓް ތެރޭގައި ހިސާބުގެ 196 ސުވާލަކަށް ރަނގަޅު ޖަވާބު ދީގެން 10 އަހަރުގެ ކުއްޖަކު ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.

މިނިޓެއްގެ ތެރޭގައި ގުނަކޮށް/ގެއްލުމުގެ 196 ސުވާލަކަށް ޖަވާބު ދިން ކުއްޖާގެ ރެކޯޑަށް ބަލާ އިރު އެއީ ކޮންމެ ސިކުންތަކަށް ތިން ސުވާލަށް ރަނގަޅު ޖަވާބު ދިނުމެވެ.

މި ރެކޯޑް ހެދީ ޕާކިސްތާނު ކުއްޖެއް ކަމަށްވާ ނަދޫބް ގިލް އެވެ. އެ ކުއްޖާ އަކީ އިނގިރޭސިވިލާތުގެ ޑާބީގެ ލޯންގް އީޓަންގެ ލޯންގްމޯ ޕްރައިމަރީ ސްކޫލްގެ ދަރިވަރެކެވެ.

ވަރަށް ކުޑައިރުއްސުރެ ހިސާބަށް ޝައުގުވެރިކަންދޭ ނަދޫބް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި 700 ދަރިވަރުންނާ ވާދަކޮށްގެންނެވެ. މި ކާމިޔާބީއާ އެކު ގިނިސް އިން ނަދޫބް ސިފަކޮށްފައި ވަނީ "ކިންގް އޮފް މެތުސް" ގެ ގޮތުގަ އެވެ.

މި ކާމިޔާބީއާ ބެހޭ ގޮތުން ނަދޫބް ބުނީ މިއީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މިއީ އަސްލު ހުވަފަނެއް ހަގީތަތަކަށްވުން ކަހަލަ ކަމެއް،" އޭނާ ބުންޏެވެ.

ނަދޫބް ބުނި ގޮތުގައި މި ރެކޯޑް އޭނާ އަށް ލިބުމުގެ އަސްލަކީ ކިޔަވާ ސްކޫލާއި އެތަނުގެ ޓީޗަރުން ދިން ހިތްވަރެވެ. އަދި އާއިލާގެ ސަޕޯޓް ވެސް ވަރަށް ބޮޑު ކަމަށް ބުންޏެވެ.

"އަސްލު ރެކޯޑްގައި ބައިވެރިވާން އެންމެ ބޮޑަށް ބާރުއެޅީ ޓީޗަރުން. އެހެންވީމަ ކާމިޔާބީގެ ވަރަށް ބޮޑު ހިއްސާއެއް އެ މީހުންނަކީ" އެ ކުއްޖާ ބުންޏެވެ.

މި ކުއްޖާ ކިޔަވާ ސްކޫލްގެ ހެޑް ޓީޗަރު ސޫ ޑައިންޓީ ބުނިގޮތުގައި ނަދޫބްގެ ކިބައިގައި ހިސާބަށް އާދަޔާހިލާފު ތޫނުފިލިކަމެއް ހުންނަލަން ފާހަގަކުރެވުނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސްކޫލުން ބޭއްވި "ލޯންގްމޯ ގޮޓް ޓެލެންޓް" ގެ ތެރެއިންނެވެ.

"ހާއްސަކޮށް މަލްޓިޕްލިކޭޝަނުގައި އޭނާ އަކީ ވަރަށް ވިސްނުން ތޫނު ވަރަށް އަވަހަށް ހިސާބު ހަދާލާ ދަރިވަރެއްކަން ފާހަގަކުރެވުނު،" އޭނާ ބުންޏެވެ. "އެކަން އަސްލުވީ އަހަރެމެން އެންމެންނަށް ވެސް ވަރަށް ހައިރާންކަން ލިބުނު ކަމަކަށް."

ޑައިންޓީ ބުނިގޮތުގައި މިހާރު އެންމެ އުފާވާ ކަމަކީ އެ މީހުންގެ ދަރިވަރަކަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ލިބިފައިވާތި އެވެ. އެހެންވެ ލޯންގްމޯ ސްކޫލް ނަދޫބް ނިންމާލަންދެން އެތަނުން އޭނާގެ ތޫނުފިލިކަމާއި ހުނަރު ކުރިއަރުވަން ވަރަށް މަސައްކަތްކޮށް ދޭނެ ކަމަށް ބުންޏެވެ.